އަމިއްލަ ގެދޮރު އަޅަން ބޭންކުން ލޯނު ނަގާއިރު ދައްކަން ޖެހޭ އިކުއިޓީ ދެއްކުމުގައި އެހީތެރިވުމާ ގުޅޭ ސްކީމް ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ގެދޮރު އެޅުމަށް އިކުއިޓީ ފައިނޭންސިން ދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ މިދިޔަ ޖޫން މަހުގެ 29ގައެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ، ހައުސިން ޓްރަސްޓް ފަންޑު ބޮޑުކޮށް، އިކުއިޓީ ފައިނޭންސިން ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެ ފައިނޭންސް ލިބޭ މީހުންނަށް، ބޭންކުން ލޯނު ހޯދުމުގެ މަސައްކަތްތައް ފަސޭހަކޮށްދެވޭނެ ކަމަށް އޭރު ރައީސް ވިދާޅުވިއެވެ.
ރައީސް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ "ރައްޔިތުންގެ އަޑު"ގެ މިރޭގެ ޕްރޮގްރާމުގައި މީހަކު ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯއްޗެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އެ ގޯތީގައި ގެ އަޅަން ލޯނެއް ބޭނުންވާ ކަމާއި، އެކަމުގައި ދަތިތައް ދިމާވާކަން އޭނާ ފާހަގަކުރިއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، ބޭންކުން ލޯނު ނަގާއިރު ދައްކަންޖެހޭ ފަސް ޕަސެންޓުގެ އިކުއިޓީ ކޮމްޕޮނެންޓަށް ލުޔެއް ހޯދައިދިނުމަށް ޚާއްސަ ސްކީމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ހަވާލުކުރުން: ގެދޮރު އަޅަން ނަގާ ލޯނަށް އިކުއިޓީ ދައްކަން އެހީވެދޭ ސްކީމް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ހައުސިން މިނިސްޓްރީ
"އޭގެ ސްކީމެއް [އެކުލަވާލަން] އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން، ދެން ބަލަނީ ވީހާވެސް އަވަހަކަށް ނިންމާލެވޭތޯ، އޭރުން ވީހާވެސް ގިނަ ބަޔަކަށް ދޭން ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ މިހާރު ވެސް ހައުސިން ޓްރަސްޓް ފަންޑުގައި އެކަމަށް ފައިސާ ހަމަޖައްސައިފައިވާ ކަމަށެވެ.
"މިއީ ލޯނެއް ނޫން ސަރުކާރުން ދެނީ އިކުއިޓީ ކޮމްޕޯނެންޓަށް ދޭ އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ އެ ސްކީމުން އެހީތެރިކަން ފޯރުކޮށްދޭއިރު ވެސް، ސަރުކާރުގެ އެއްވެސް ސްކީމަކުން ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ މީހުންނަށް އިސްކަން ދޭނެ ކަމަށް ވިދާޅުވެފައެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިނުމަށް ހަމަޖެހިފައިވާ ގޯތިތައް އެތަންތަނުގެ ވެރިންނާ ހަވާލުކޮށް ނިންމައިފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. އެ ސްކީމްގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
އެ ގޯތިތައް ދޫކޮށް އެތައް ދުވަހެއްވީ ނަމަވެސް، ގިނަ ސަބަބުތަކާ ހެދި ގޯތިތައް ބޭނުންނުކުރެވިފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
