އިމާރާތްތަކާއި އުޅަނދުތަކުން ތޮއްޖެހިފައި މި އޮތް މާލޭގައި އެކްސިޑެންޓޭ ބުނުމުން އެންމެ ކުޑަ ކުއްޖާއަށް ވެސް އިނގޭނެއެވެ. ދެ ލައްކައަށް ވުރެ ގިނަ މީހުން މި ކުޑަ މާލޭގައި ދިރިއުޅޭއިރު، އެކްސިޑެންޓެއްގެ ވާހަކަ އަޑު ނީވޭ ދުވަހެއް މަދުވާނެއެވެ.
ކާރުތަކާއި ސައިކަލުތަކުން ފުރިބާރުވެފައި އޮންނަ މަގުތަކަށް ކޮންމެ މީހަކު މި ނިކުންނަނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ސަލާމަތުން އަނބުރާ ގެއަށް ވަދެވޭނެ ކަމުގެ އުއްމީދެއް ގިނަ ފަހަރަށް ނޯވެއެވެ. އެހާ ވެސް އެކްސިޑެންޓުތައް ހިނގާލެއް އިތުރުވެއްޖެއެވެ. އެ ކަމުން ހިތްތައް ކުދިކޮށްލާ، ލޮލުން ކަރުނަ ހިލުވާ މީހުން މަދެއް ނޫނެވެ. އެކަމަކު، އެކްސިޑެންޓެއް ވެއްޖެނަމަ، އަމަލު ކުރަން ޖެހޭ ގޮތް އެނގެނީ ކިތައް މީހުންނަށްތޯ ސުވާލުއުފެދެއެވެ.
އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އެމްބިއުލާންސަށް އަރުވަނީ -- ސަން ފޮޓޯ/ ފާތިމަތު ސައުނާ މުހައްމަދު
އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެކްސިޑެންޓެއް ހިނގައިގެން އުޅޭ ތަނެއްގައި ހުރެވިއްޖެނަމަ، ގިނަ ފަހަރަށް ވަށައިގެން ފެންނަނީ ފޮޓޯ ނުވަތަ ވީޑިއޯ ނަގާ ތަނެވެ. އެއީ، މީހަކަށް އަނިޔާވެފައި އޮތް ހާލަތްތަކުގައި ވިޔަސްއެވެ. އެ މީހަކަށް އެހީވުމުގައި މީހުން ނޫޅެނީއެއް ނޫނެވެ. އެހެނަސް، އާންމުކޮށް މަންޒަރު ފެންނަނީ ދިމާ އިދިކޮޅަށެވެ.
އެކްސިޑެންޓުގައި އަމަލުކުރަންވީ ގޮތަކީ މިއީ!
މި ފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތް އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރު ޑރ. އާމާލް ނަޖީބް ވަނީ ވަރަށް ތަފުސީލުކޮށް ކިޔައިދެއްވާފައެވެ. މިގޮތުން، އެކްސިޑެންޓު ވެގެން އުޅޭއިރު، އަމަލުތައް ބެހެއްޓޭ ގޮތުން މީހެއްގެ ފުރާނަ ވެސް ސަލާމަތްކުރެވިދާނެއެވެ. ނުވަތަ ނޭނގިގެން އިތުރު އަނިޔާއެއް ވެސް ދެވިދާނެއެވެ.
https://x.com/ADKHospital/status/2111706592764711148
އުޅަނދެއްގައި އިންދައި، އެކްސިޑެންޓެއް ހިނގައިގެން އުޅޭ މަންޒަރު ފެނިއްޖެނަމަ، އެންމެ ފުރަތަމަ ވެސް މަގުގެ އެއް ފަރާތުގައި އުޅަނދު ޕާކުކުރާނީއެވެ. އެއަށްފަހު، އެހެން އުޅަނދުތަކަށް ބަލަމުން، ރައްކާތެރިކަމާ އެކު އަނިޔާވެފައިވާ މީހާ ކައިރިއަށް ދާނީއެވެ.
ޑރ. އަމާލް އިރުޝާދު ދެއްވީ، އެ ތަނަށް ދިޔުމަށް ފަހު ވީ އެންމެ އަވަހަށް ފުލުހުންނަށް ރިޕޯޓުކޮށް، އެމްބިއުލާންސަށް ގުޅުމަށެވެ.
ޑރ. އާމާލް ----
"އެކްސިޑެންޓުވި ސަރަހައްދާއި ބާވަތާއި އަދި އަނިޔާވެފައިވާ މީހުންގެ އަދަދު ސާފުކޮށް ކިޔައިދީ،" ޑރ. އާމާލް ކިޔައިދެއްވިއެވެ.
ހަނދާނުގައި ބަހައްޓަންވީ މުހިންމު ނަމްބަރުތައް:
- އައިޖީއެމްއެޗް އެމްބިއުލާންސް: 102
- މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސް (މެމްސް): 102
- އޭޑީކޭ ހޮސްޕިޓަލް: 1440
- ޕޮލިސް: 119
މި ފަދަ ހާލަތްތަކުގައި މީހުންނަށް އާންމުކޮށް އޮޅެނީ، އަނިޔާވާ މީހާއަށް އެހީވާ މީހާގެ ދައުރެވެ. މިގޮތުން، އޭނާ ކުރަން ޖެހޭނެ ކަމަކީ، އަނިޔާވެފައިވާ މީހާއަށް ނަފުސާނީ އެހީ ފޯރުކޮށްދިނުމެވެ. އެ ކަން ކުރުމަށް މިސާލަކަށް، މަޑުމަޑުން ބަލި މީހާއާ ވާހަކަދައްކައި، އެމްބިއުލާންސަށް ގުޅިކަން އެންގިދާނެއެވެ. އަދި، އެމްބިއުލާންސް އަންނަންދެން އެ މީހާއަށް އެހީ ދޭނެ ކަމުގެ ޔަގީންކަން ދޭންވާނެއެވެ.
އާންމުކޮށް އެކްސިޑެންޓެއް ހިނގައިފިނަމަ، ފެންނާނީ ގިނަ ބަޔަކު އެ ތަނަކަށް އެއްވާ ތަނެވެ. މި ހާލަތުގައި އަނިޔާވެފައިވާ މީހާ ކައިރި ބޮނޑިނުވެ، އެކަށީގެންވާ ޖާގަ ދިނުމަށް އެހީވާ މީހާ އިރުޝާދު ދޭންވާނެއެވެ. ބަލި މީހާއަށް ނޭވާލާން ފަސޭހަވެ، ހާސްކަން ކުޑަވާނީ އޭރުންނެވެ.
އެކްސިޑެންޓުވުމުން އަމަލުކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯއިން މަންޒަރެއް ---
އެމްބިއުލާންސް އަންނަންދެން ބަލި މީހާއަށް ކުދި އެހީތައް ވެވިދާނެއެވެ. މިސާލަކަށް، ހަލާކުވެފައިވާ ތަނަކުން ލޭ އަންނަނަމަ، ސާފު ފޮތިގަނޑަކުން މަޑުން އޮބާލެވިދާނެއެވެ. އެކަމަކު، އެއްވެސް ގުނަވަނަކުން ކަށިގަނޑެއްް ބިނދި، ހުޅުން ނެއްޓިފައިވާނަމަ، އޮތް ގޮތަށް ބާއްވަން ޑރ. އާމާލް އިރުޝާދު ދެއްވިއެވެ.
ޑރ. އާމާލް ވިދާޅުވި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވާ މީހާ ވެއްޓިފައި އޮތް ތަނުން ނެގުން ބުއްދިވެރިއެއް ނޫނެވެ.
"އެއީ ނޭނގި ހުރެ ހެދޭ ގޮތަކުން އޭނާގެ ބޮލާއި ކަނދުރާއަށް އަދި މައިބަދައަށް ލިބިފައިވާ ގެއްލުމެއް އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި. އޭނާގެ ހޭ ހުރިނަމަ، އަމިއްލައަށް ހިނގާ އުޅެވޭނެތޯ ސުވާލުކުރޭ. އަމިއްލައަށް ތެދުވެ ނޫޅެވޭނަމަ، ނުވަތަ ހޭނެތިފައިވާނަމަ ގަދަކަމުން ނަގައިގެން ގެންދަން މަސައްކަތްނުކުރާތި."
މީގެ އިތުރުން، އެކްސިޑެންޓުގައި އަނިޔާވާ މީހާ ހެލްމެޓު އަޅައިގެން އޮތްނަމަ، ނަގާނީ ނޭވާ ނުލެވިގެން އުޅޭނަމަ ނުވަތަ ހޮޑުލާނަމައެވެ. އެ ހާލަތުގައި ވެސް އެ ކަން ކުރަން ވާނީ، ދެވަނަ މީހެއްގެ އެހީއާއެކުގައެވެ. މިގޮތުން، އެކަކު ހެލްމެޓު ބާލާއިރު، އަނެކަކު އޭނާގެ ބޮލާއި ކަނދުރާ ނުގުޑާހެން ހިފަހައްޓަންވާނެއެވެ.
އެކްސިޑެންޓުވި މީހެއްގެ ހެލްމެޓު ބާލާއިރު އަމަލު ކުރަންވީ ގޮތް ---
އެމްބިއުލާންސާއި ޕެރަމެޑިކުން އައުމުން ބަލި މީހާއަށް ފަރުވާދިނުމަށް އެ މީހުންނަށް ޖާގަ ދޭންވާނެއެވެ. އެއަށްފަހު، ބަލި މީހާއަށް އަނިޔާވެފައި އޮންނަތާ ވީ ވަގުތާއި އެހީތެރިވުމަށް ކޮށްދިން ކަމެއް ސާފުކޮށް ޕެރަމެޑިކުންނަށް ކިޔައިދޭންވާނެ ކަމަށް އާމާލް ވިދާޅުވިއެވެ. ޕެރަމެޑިކުންނަށް އެހީވުމަށް އުޅެންވާނީ، އެ ފުރުސަތަށް އެދިއްޖެނަމަ އެކަންޏެވެ.
ޑޮކްޓަރު އެ ކިޔައިދެއްވި ގޮތަށް އެކްސިޑެންޓުވާ ހަލާތްތަކުގައި އަމަލު ކުރުން މުހިންމެވެ. ނޫން ނަމަ، މީހެއްގެ ފުރާނަ އެ ހުށަހެޅެނީ ބޮޑު ނުރައްކަލަކަށެވެ. ދުލު ކުރީ ބަހެއްހާ އެކްސިޑެންޓުތައް އާންމު މި މާލޭގައި އުޅޭއިރު، މި ކަންކަން ކޮންމެ މީހަކަށް އެނގެން ޖެހެއެވެ. މި ކަންކަމުން އެންމެ މީހެއްގެ ފުރާނަ ސަލާމާތްވުމަކީ ވެސް ވަރަށް ބޮޑުވަރެކެވެ.
