ޖަރުމަނުވިލާތުގެ ފްރެންކްފާޓުން ފުރައިގެން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް، ހައިޖެކްކުރަން އުޅޭ ކަމުގެ އިންޒާރަކާ ގުޅިގެން ޖައިޕޫރަށް މިއަދު ޑައިވާޓްކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "އޭއައި2030" ފްލައިޓް ޖައިޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށް އިމަޖެންސީގައި ޖައްސާފައިވަނީ މިއަދު ހެނދުނު 9:45 ހާއިރުއެވެ. ބޯއިންގް 787-9 މަރުކާގެ މި ބޯޓު ޖެއްސުމާއެކު، ސަލާމަތީ ސަބަބުތަކަށްޓަކައި ބޯޓު ވަނީ އެކަހެރި ސަރަހައްދަކަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، ބޯޓު މުމްބާއީގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް، ހައިޖެކްކުރުން ނުވަތަ ގަވާއިދާ ހިލާފު އަމަލެއް ހިނގާކަން އަންގައިދިނުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ "ސްކުއޯކް 7500" ކޯޑު ޕައިލެޓް ފޮނުވުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އެލާޓް ލިބިފައިވަނީ އަހުމަދުއާބާދުގެ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަށެވެ.
ބޯޓު ޖެއްސުމަށްފަހު، އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އާއި ފުލުހުންގެ އިތުރުން ބޮމްބް ޑިސްޕޯސަލް ސްކޮޑުން ވަނީ ބޯޓާއި ފަސިންޖަރުންގެ ލަގެޖް ފާސްކޮށްފައެވެ. އަދި ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކްރޫން ރައްކާތެރިކަމާއެކު ބޯޓުން ބާލައި، އެއާޕޯޓުގެ ޓާމިނަލްގައި ހާއްސަކުރެވިފައިވާ ސަރަހައްދަކަށް ގެންގޮސްފައިވާ ކަމަށް ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، ސަލާމަތީ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ބޯޓުގެ ދެ ޕައިލެޓުން ވެސް ބޯޓުން ބާލާފައިވާއިރު، ދިއްލީގައި ތިބޭ ނޭޝަނަލް ސެކިއުރިޓީ ގާޑް (އެންއެސްޖީ) ޓީމުތައް ވެސް އެލާޓަށް ގެނެސްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ޖައިޕޫރު އެއާޕޯޓުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި، މިއީ ބޮމުގެ އިންޒާރެއް ނޫން ކަމަށާއި، މިއީ ބޯޓު ހައިޖެކްކުރަން އުޅޭ ކަމަށް ބުނެ ފެތުރުނު އަޑަކާ ގުޅިގެން އެލާޓްކުރި ހާދިސާއެކެވެ.
މި އެލާޓް ފޮނުވަން މެދުވެރިވި ސީދާ ސަބަބު އަދި ސާފުވެފައި ނުވާއިރު، ބޯޓު ހައިޖެކްކުރަން ބަޔަކު މަސައްކަތްކުރިކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން އެއާ އިންޑިއާއިން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
