ކޮންމެ އާ ދުވަހަކީ ﷲ ތައާލާ އަޅުގަނޑުމެންނަށް ދެއްވާ އާ ފުރުސަތެކެވެ. މިއަދު ކުރިމަތިވެދާނެ ކަންކަމާއިމެދު ހިތް ނުތަނަވަސްކުރުމުގެ ބަދަލުގައި ހުރިހާ ކަމެއް އެކަލާނގެ ހަޟުރަތަށް ވަކީލުކޮށްލާށެވެ. ހިތުގެ ނިޔަތް ޚާލިސްކޮށް ހެޔޮ ދުއާއާއި ޒިކުރުތަކުން ދުވަސް ފަށަމާ ހިނގާށެވެ. ސޫރަތުލް ފުރުގާންގެ ފަންސާސްއަށްވަނަ އާޔަތުގައި ﷲ ވަހީކުރައްވަނީ وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ މާނައަކީ "އަދި ދިރިދެމިވޮޑިގެންވާ އަވަހާރަވުމެއްނެތް ކަލާނގެއަށް ތިބާ ވަކީލުކުރާށެވެ."
***
މިލްހާ ނުކުންނަން އުޅެނިކޮށް ޑެސްކް ކައިރީގައި ހުރި ކުނިވަށިގަނޑަށް ލޯ ހުއްޓުނެވެ. އެހެން ކަރުދާސްތަކުގެ ދަށުން ނުކުމެފައި އޮތް ކުޑަ ހުދު ކަރުދާސްކޮޅެއް ނުފެނުނުނަމަ މިލްހާ އަޅާވެސް ނުލާ ދިޔައީހެވެ. އޭނާ ހުއްޓުނީ އެ ކަރުދާސްކޮޅު ކުރިން ދެކުނުހެން ހީވެފައެވެ. މިލްހާ ގުދުވެ، އެ ކަރުދާސްކޮޅު ދަމައިގަތެވެ. އެއީ ވީދާލާފައި އޮތް އެއްޗެކެވެ. ރީތިކޮށް ދެ ބަޔަކަށް ވީދާލާފައެއްވެސް ނޫނެވެ. އެތައް ސަތޭކަ އެތިކޮޅުތަކަށް ހަދާފައެވެ. ސަލާމަތުން އޮތީ ހަމައެކަނި ކުޑަ ތަންކޮޅެކެވެ. އޭނާ އެއަށް ބަލައިލުމާއެކު ލޯ ހަނިކޮށްލެވުނެވެ. އޭގައި ލިޔުންތަކެއް ހުއްޓެވެ. ކުޑަވަގުތުކޮޅަކަށް ލިޔެފައިވާ އެއްޗެއް މުޅިން ސާފެއް ނުވިއެވެ. އޭނާއަށް އެ އަތުލިޔުން އެނގުނެވެ. އެއީ ޚުދު އޭނާގެ އަތުލިޔުމެވެ. މިލްހާއަށް ނޭވާ ހިފައްޓާލެވުނެވެ. އޭނާ އެ ކަރުދާސްކޮޅަށް ބަލަހައްޓައިގެން ހުއްޓެވެ. އެއީ އޭނާގެ ސިޓީއެވެ. އޭނަ މައިންބަފައިންނަށް ލިޔުނު ސިޓީއެވެ.
މިލްހާ ކުނިވައްޓާ ވަށިގަނޑު ކައިރިއަށް ތިރިވެ ބާކީ ހުރި ކަރުދާސް އެތިކޮޅުތައް ހޯދަން ފެށިއެވެ. އޭރު އޭނާގެ އިނގިލިތައް ތުރުތުރުއަޅާ ހިތުގެ އަޑު ބާރު ބާރަށް އިވެމުންދިޔައެވެ.
އޭނާ އެ ކުދިކުދިވެފައިވާ ކަރުދާސްކޮޅުތައް ނަގައި މޭޒުމަތީގައި އަތުރާލައިގެން އެއްކުރަން މަސައްކަތްކުރިއެވެ.
"މަންމަމެން ކަންބޮޑުނުވޭ...އަހަރެން މިހިރީ ވަރަށް އުފަލުން.."
"ސްކޮޓްލޭންޑް ވަރަށް ރީތި"
"އެންމެންވެސް އަހަންނަށް ވަރަށް އޯގާތެރި.."
މިއީ އޭނާ މައިންބަފައިންނަށް ފޮނުވައިދިނުމަށް އެދި ސިފްރާންއާއި ހަވާލުކުރި ސިޓީއެވެ. އެ ސިޓީ ދުވަހަކުވެސް މި ގޭގެ ދޮރުން ބޭރަށް ގޮސްފައެއް ނުވެއެވެ. ސިފްރާންގެ އޮފީހުން ބޭރަށްވެސް ނުދެއެވެ. އޭނާގެ މައިންބަފައިން އޭނާގެ ޚަބަރެއް ނުވެގެން ނުނިދިފައި ކަންބޮޑުވުމުގައި ތިބޭނެކަން ޔަގީންވާއިރު ސިފްރާން ވަނީ އެ ސިޓީ ވީދާލާފައި ކުނިވަށިގަނޑަށް އެއްލައިލާފައެވެ. އެއްވެސް ވަރަކަށް އެހެން އިންސާނެއްގެ ހިތަށް ކުރާނެ އަސަރާއި ދެރަވާނެވަރު އިހުސާސް ނުކުރަން ހިލަހިތެއްގެ ވެރިޔަކީހެއްޔެވެ؟ އޭނައަށް އެއްވެސް ގަދަރުކުރުމެއްނެތެވެ. އޭނަގެ އެއްވެސް އަގެއް ހަމަ ނެތީހެއްޔެވެ؟
ވީދާލާފައިވާ ސިޓީގެ އެތިކޮޅުތައް މުށުގެ ތެރެއަށް ލާ ބާރުކޮށްލައިގެންހުރެ އެނބުރި އޭނާގެ ކޮޓަރިއަށް އައެވެ. އޭނާ ގަސްތުކުރި ވަރަށްވުރެ ބާރަށް ކޮޓަރީގެ ދޮރު ބަންލާފައި ޖެހުނު އަޑު ތަނުގައި ގުގުމައިލިއެވެ.
ކޮޓަރީގެ މެދުގައި އެ ވީދިފައިވާ ކަރުދާސްކޮޅުތަކަށް ބަލަހައްޓައިގެން އޭނާ ހިލަ ބުދެއްހެން ހުއްޓުން އަރާފައި ހުރީއެވެ. އެގޮތަށް ބަލަން ހުރުމުން މަދުވާ ބައިތައް އަނބުރާ ގުޅިދާނެ ފަދައަކުންނެވެ.
އެހެންނެއް ނުވިއެވެ. އޭނާ އެހާވަރުން ލިޔުނު ސިޓީ އޮތީ ވީދާ ކުދިކުދިކޮށްލާފައެވެ.
އޭނާ އެދުވަހުގެ މުޅި ހަވީރު ހޭދަކުރީ އެ ސިޓީ ލިޔުމުގައެވެ. މާ ބޮޑަށް ކަންބޮޑުވާ ގޮތަށް ހުރި ޖުމްލަތައް ކަނޑާލާފައި އަލުން ލިޔަމުންނެވެ. އޭނާ ބޭނުންވީ އާއިލާގެ އެންމެންގެ ހިތަށް ތަސައްލީ ލިބުމެވެ. އޭނަ އުފަލުން ހުރި ވާހަކަ އެންގުމެވެ. އިތުރު އެއްވެސް ބޭނުމެއް ނެތެވެ.
ސިފްރާން އެސިޓީފަދައިން އޭނަގެ ހިތްވެސް މުށުތެރޭ ލާ ޗިސްކޮށްލިފަދައެވެ. އޭނާގެ ދެލޮލުން ދިލަނަގަން ފެށިއެވެ. ކަރުނަތައް ފޭބުމުގެ ކުރިން ރުޅިވެރިކަމާއެކު ދެލޯ ފޮހެލިއެވެ.
ސިފްރާންގެ ސަބަބުން ލޮލުން އެންމެ ކަރުނަ ތިއްކެއް އޮހޮރަންވެސް އޭނާ ގަސްތެއް ނުކުރެއެވެ. މިތަނަށް އައި ފުރަތަމަ ދުވަސްކޮޅު އޭނަ ފުދޭވަރަކަށް ރުޔެވެ. މި ގެއާއި މީހުންނާއި މި ޝަހަރުވެސް ބީރައްޓެއްސެވެ. ދުވަހަކުވެސް އާއިލާ މަތިން ހަނދާން ނުނެތޭނެކަން އޭނައަށް އެނގުނެވެ. ރީތި ތަނަކުން ހަގީގީ އުފަލެއް ނުލިބޭނެއެވެ. ސާދާ ދިރިއުޅުމަކަށްވިޔަސް އޭނަ އުޅުނީ ލޯތްބާއި އަޅައިލުން ލިބި އުފަލުގައެވެ. އޭރު އަމިއްލަ ނަފުސަށް ވައުދުވީ ކޮންމެ ހާލަތަކާއި ކޮންމެފަދަ ބަޔަކާއިއެކީވެސް އުޅެން މަސައްކަތްކުރުމަށެވެ. އެވަގުތުު ފެންނަން އޮތް އެންމެ ރަަގަޅު މަގުން ކުރިއަށް ދިޔުމެވެ.
އޭނާ ބަގީޗާ ސާފުކުރިއެވެ. މާގަސް އިންދިއެވެ. ކުދިންނަށް ކީރިތި ޤުރްއާން ކިޔަވައިދިނެވެ. އޭނާ ކިޔާ ފޮތްތަކުގެ ލިސްޓު އިތުރުވިއެވެ. އުފާވާނެ ކުދިކުދި ކަންތައްތައް އޭނާ ހޯދިއެވެ. ފުރަތަމަ ފަހަރަށް ފްރޮސްޓް ފެނުމުންވެސް އޭނަ އުފަލުން ގޮތެއްނެތެވެ. މުގޮށްޓެއް ފެނުމުންވެސް ފަހަތުން ދުވެ ދުވެ އުޅުނެވެ. ޚަރީފުގެ އެންމެ ފަތެއް ނަގައިގެން އެއަށްވެސް ބަލަން ހުރެވުނީ ﷲގެ ކުޅަދުންވަންތަކަމާއިމެދު ވިސްނަމުންނެވެ. ނަމަވެސް މިވީ ކިހިނެއްހެއްޔެވެ؟
އޭނާ ސިޓީގެ އެތިކޮޅުތައް ފަރުވާތެރިކަމާއެކު ފަށްޖަހާލުމަށްފަހު ޖީބަށް ކޮއްޕާލިއެވެ.
އޭނާ ސިފްރާން އެނބުރި އަންނަންދެން އިންތިޒާރުކުރާނެއެވެ. ސިފްރާން ޖެހޭނީ އޭނަގެ ކުށަށް އިއުތިރާފުވެ މާފަށް އެދުމަށެވެ. ނޫނީ އެކަން ހިނގިގޮތް ކިޔައިދިނުމަށެވެ.
***
މިލްހާއަށް އެއްތާކު އިށީދެގެން އިނުންވެސް އުދަގޫކަމަށްވިއެވެ. ސިފްރާން އެނބުރި އަންނަންދެން ހުދުފާރުތަކަށް ބަލަހައްޓައިގެން ކުރިއަށް އޮތް ގަޑިތައް ހޭދަކުރުމުގެ ޚިޔާލާއިހެދި ކެތް ކުރެވޭވަރެއްވެސް ނުވިއެވެ. އޭނާ ދެފަހަރަކު ގޭގެ ކުރިމަތީ މަގަށް ބަލައިލިއެވެ. ކޮންމެ ފަސް މިނެޓަކުން ގަޑިއަށް ބެލެވޭތީ އަމިއްލަ ނަފްސު ދެކެ ރުޅިއަންނަގޮތްވިއެެވެ. ބައެއްފަހަރު އިންތިޒާރުކުރުމަކީވެސް ހިތް ބޭގަރާރުކުރުވާކަމެކެވެ.
އެންމެ ފަހުން އޭނާ ތެދުވެގެން ކުތުބުޚާނާއާއި ދިމާލަށް ހިނގައިގަތީ ވަގުތު ދުއްވައިލުމަށެވެ. ދިގު ފޮތްއަލަމާރިތައް ފާރުތަކުގައި ހުރީ ގާތްގަނޑަކަށް ސީލިންގާއި ހަމައަށް ފޯރާފައެވެ. އަދި ދުވަސްވެފައިވާ ނޫސްތަކާއި އޮމާންކޮށްފައިވާ ލަކުޑީގެ މަޑު ވަސް އެތަނުގައި ހިފާލާފައިވިއެވެ. މިލްހާ ގެ އިނގިލިތައް ފޮތްތަކުގެ ބޭރުގައި ޖައްސަމުން ފޮތްތަކުގެ ނަންތައް ކިޔަމުން ދިޔައެވެ.
އޭނާ ސްކޮޓްލެންޑްގެ ބަގީޗާތަކާ ބެހޭ ކުޑަ ފޮތެއް ނަގައި އެއިން ކޮންމެވެސް ވަރަކަށް ގަނޑުތައް އުކާލުމަށްފަހު އަނބުރާ އޭގެ މަގާމުގައި ބެހެއްޓިއެވެ. އެއާއެކު އެހެން ފޮތެއް އޭނާގެ ސަމާލުކަން އަތުލިއެވެ. ދެން އެހެން ފޮތެކެވެ. ގިނައިރުތަކެއް ނުވެ އޭނާ ސިފްރާންއަށް ކުރަމުން އައި އިންތިޒާރުވެސް މުޅިން ހަނދާންނެތުނެވެ. މަތީ ހަރުގަނޑުން ފޮތެއް ނަގަން އުޅުމުގެ ތެރޭގައި ތަންކޮޅެއް ބޯ ދެ ފޮތެއްގެ މެދުގައި ކޮންމެވެސް އެއްޗެއް ތާށިވެފައި އޮތްތަން އޭނާއަށް ފާހަގަކުރެވުނެވެ. އެއީ މުށި ކުލައިގެ ކަރުދާސްކޮޅެކެވެ.
އޭނާ ފަރުވާތެރިކަމާއެކު އެ ކަރުދާސްކޮޅު ނެގިއެވެ. އޭގައިވާ އަތުލިޔުން ހުރީ ތަންކޮޅެއް ކުދިކޮށެވެ. އަވަސްއަވަހަށް ލިޔެފައެވެ. ބައެއް ތަންތަނުގެ ދެލި ހުރީ ފަނޑުވެފައެވެ. އެއީ ސިޓީއެއްހެންނެއް ހިޔެއްނުވެއެވެ.
ކުރިން އޭނާއަށް ފެނުނު ޖާނަލްގެ ތަންކޮޅުގެ މަތިން މިލްހާ ހަނދާންވިއެވެ. މިއީ އެއިން ވީދާލާފައިވާ ބަޔެއްހެން ހީވެއެވެ.
އޭނާ އެންމެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެ އަލިކަމާއި ދިމާލަށް ކަރުދާސްކޮޅު ދިއްކޮށްލާފައި ކިޔަންފެށިއެވެ.
"ކަންކަން ރަނގަޅުވާނެއޭ އަހަރެން އަމިއްލަ ނަފްސަށް ބުނަމުން ދިޔައީމެވެ. ފަހަރެއްގައި އަހަރެން ކެތްތެރިވެ އަހަރެންގެ ބަސްތައް ވިސްނުންތެރިކަމާއއެކު ބޭނުންކޮށްފިނަމަ އެންމެ ފަހުން އޭނާގެ ސިކުނޑިއާއި ހަމަޔަށް ފޯރާނެ މަގެއް އަހަރެންނަށް ފެނިދާނެއެވެ. ނަމަވެސް އަހަރެން އަމިއްލައަށް ބަހަނާ ދައްކަނީ އޭނާ އަށް ވީ ގޮތް ޤަބޫލުކުރަން ނުކުޅެދިގެންބާވައޭ ހިތަށްއަރަން ފަށައިފިއެވެ."
މިލްހާގެ ބުމަ ގާތްވިއެވެ. އޭނާ އަނެއްކާވެސް ކިޔަންފެށިއެވެ.
"ކުޑަވަގުތުކޮޅަކަށް އަހަރެންނަށް ހުރިހާ ކަމެއް ސިކުނޑިއަށް ސިފަކުރެވުނީ ކަމަށް ޤަބޫލުކުރެވުނެވެ. ދެން އަހަރެން ހަނދާންވިއެވެ. އޭނާގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ މޫނުތަކެވެ.
މިލްހާ ހުއްޓައިލިއެވެ. އާދަޔާޚިލާފު ފިނިކަމެއް އޭނާގެ އަތުގެ ނާރުތަކުން ދަތުރުކޮށްލިއެވެ. އޭނާ ކުޑަދޮރުތަކާ ދިމާލަށް ބަލައިލިއެވެ. ހަވީރުގެ ފަނޑުވަމުންދިޔަ އަލިކަމުން ދޫލަ މައްޗަށް ދިގު ހިޔަނިތައް އެޅެމުންދިޔައެވެ.
އޭނާ އަނެއްކާވެސް ކަރުދާސްކޮޅަށް ސަމާލުކަން ދިނެވެ.
"އަހަރެން ޤަބޫލުކުރަން ބޭނުންވީ އެކަމުގައި ކޮންމެވެސް ސަބަބެއް އޮންނާކަމަށެވެ. އަހަންނަށް ކޮންމެވެސް ކަމެއް ނޭގުނީއެވެ. އެކަން ދެނެގަތުމުގައި ނާކާމިޔާބުވީއެވެ. އޭނާ އެކަން ކުރި ސަބަބެއް ނޫނީ ކީއްވެކަން ކަމެވެ. ކޮންމެގޮތެއްވިޔަސް އެ ވީކަމެއް ރަގަޅުކުރަން އިތުރަށް ބުނާނެ އެއްޗެއް އެބައޮތް ހެއްޔެވެ؟
"އޭނަ ކުރިން ހާދަ ލޯތްބެވެ. އޯގާތެރިއެވެ. އަހަންނަށް މާޒީއަށް އަލުން އެނބުރި ދެވޭނެނަމައެވެ."
މިލްހާގެ ޚިޔާލަށް ވަގުތުން ވެރިވީ ސިފްރާންއެވެ.
އެ ހިމޭންކަމެވެ. އެ ފިނިކަމެވެ. ސިފްރާންގެ މޫނުމަތިން އެއްވެސް އަސަރެއް ޝުއޫރެއް ދައްކާނުލާނެއެވެ. ފިނި ތޫނު ނަޒަރެކެވެ. ވިސްނާ އެއްވެސް އެއްޗެއްގެ ކުޑަނަމަވެސް އިޝާރާތެއް ނުދައްކައި މިލްހާއަށް ބަލަހައްޓައިގެން ހުންނަ ގޮތެވެ.
ޖެހިގެން އޮތް ރޮނގުގައި ލިޔެފައިވަނީ މާ ފަނޑުކޮށެވެ. ގަލަމުގެ ދެލި ހުސްވާން ފެށި ފަދައިންނެވެ.
"އަހަރެން އެހެން ގޮތެއް ޚިޔާރެއް ކުރިނަމަ ހުރިހާ ކަމެއް ހާދަ ބަދަލުވާނެއޭ ހިތަށްއަރައެވެ."
މިލްހާ އެ އެންމެ ފަހު ޖުމްލައަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާއަށް އެ އިޙްސާސް ކިތަންމެހާވެސް ރަގަޅަށް އެނގެއެވެ. ހުރިހާ ކަމެއް ބަދަލުވުމުގެ ކުރިން، ނިންމުމެއް ނިންމުމުގެ ކުރިން، ދުނިޔެ އާދަޔާޚިލާފު ތަނަކަށް ވުމުގެ ކުރިން އެ ވަގުތަށް އެނބުރި ދިއުމަށް ކުރާ އުންމީދެވެ.
އޭނާގެ ހެދުމުގެ ޖީބުގައިވާ ވީދާލާފައިވާ ސިޓީގައި އަތްޖައްސައިލިއެވެ.
އެތައް އުންމީދެއް ކުރިނަމަވެސް އޭނާގެ ކުރީގެ ދިރިއުޅުމަކަށް ދެން އެނބުރި ދެވޭނެހެން ހިޔެއްނުވެއެވެ.
ނަމަވެސް 'އެހެންވިނަމަ' އިގެ ތެރޭގައި ތާށިވެގެން އޭނާގެ ބާކީ އުމުރު ހޭދައެއް ނުކުރެވޭނެއެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވެއެވެ: "ތިބާއަށް ފައިދާހުރި ކަންކަމަށް އިސްކަންދީ އެކަންކަން ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.އަދި ﷲ ގެ ޙަޟްރަތުން ވާގި ހޯދާށެވެ. އަދި އުންމީދު ކަނޑައިނުލާށެވެ. ތިބާއަށް ކަމެއް މެދުވެރިވެއްޖެނަމަ 'އަހަރެން އެހެން ހެދިނަމަ، މިވެނި އެވެނި ކަމެއް ވީހެއްޔޭ ނުބުނާށެވެ. އެކަމަކު ﷲ މިންވަރު ކުރައްވާ އަދި އެކަލާނގެ އިރާދަކުރެއްވި ކަމެއް ކުރައްވައިފިއޭ ބުނާށެވެ." ސަޙީހު މުސްލިމް، 2664.
މިލްހާ ނިތްކުރީގައި އިނގިލި ޖައްސާލަމުން ފިތާލިއެވެ.
އެއީ މާޒީގެ ތެރޭގައި ތާށިނުވުމަށާއި ދެން ބަދަލުނުކުރެވޭނެ ކަންކަމާމެދު އަލުން ޒަޚަމްތައް ނުހުޅުވުމަށް ހަނދާންކޮށްދިނުމެކެވެ. އޭނާ އަނެއްކާވެސް އެ ކަރުދާސްކޮޅަށް ބަލައިލިއެވެ. އެ ލިޔުނު މީހަކުވެސް އަމިއްލަ ޚިޔާލުތަކާއެކު ހަނގުރާމަކުރީއެވެ.
އެއީ އަންހެނެއްގެ އަތުލިޔުން ހެން މިލްހާއަށް ހީވިއެވެ. ޖާނަލްގެ އެ ބައިވެސް ނިމިފައިވަނީ އޭ އެޗް އިންކަން ފާހަގަކުރެވުނެވެ. އެއީ ބަގީޗާ ފޮތުގައިވާ ހަމަ އެ އަކުރުތަކެވެ.
އޭ އެޗް އަކީ ކޮންމެ މީހަކަށް ވީނަމަވެސް، އެ މީހަކު އަނިޔާ ލިބެމުންދިޔަ ނަމަވެސް ވަރަށް ބޮޑަށް "އޭނަ" ދެކެ ލޯބިވާހެން ހީވެއެވެ.
މިލްހާއަށް ބޭއިޚުތިޔާރުގައި މަޑުމަޑުން ބުނެވުނެވެ، "އެ ލިޔުނު މީހަކަށް ﷲ ކަންކަން ފަސޭހަކޮށްދެއްވާށިއެވެ." އޭނާ ދޮރާ ދިމާލަށް އެނބުރުނެވެ. އޭނާގެ އަމިއްލަ މައްސަލަތައްވެސް ޙައްލުކުރަން އެބައޮތެވެ.
ސިފްރާންގެ ފިޔަވަޅުތަކުގެ އަޑު ސިޑިއާ ދިމާލަށް ދާ އަޑު އިވެންދެން އޭނާ މަޑުކޮށްލުމަށްފަހު ތެދުވެގެން ފަހަތުން ހިނގައިގަތެވެ. "ސިފްރާން.....ސިފްރާން....ހޭއި....މަޑުކޮށްދީބަ...."
ސފްރާން ގެ ފިޔަވަޅުތައް މަޑުކޮށްލުމާއެކު އެނބުރުނެވެ. އޭނާގެ ކޯޓު ނަގައި، އެއް އަތުގައި އަޅުވާލައިގެން ހުރިއިރު މޫނުމަތިން ފެންނަނީ ހިމޭން ހަވީރަކަށް އުންމީދުކޮށްގެން ހުރިކަމާއި، އެކަމަށް ހުރަސްއެޅޭނެކަން ކުރިންވެސް ޝައްކުކުރާ ފަދަ ކުލަވަރެކެވެ.
"ކިހިނެއްވީ؟"
"އަހަރެން ސިފްރާންއާއި ވާހަކައެއް ދައްކަން ބޭނުން."
"ކޮން ކަމަކާ؟"
"ސިފްރާންގެ އޮފީހުން ފެނުނު އެއްޗަކާ މެދު." މިލްހާ ހަށަން ބަދެލިއެވެ.
ސިފްރާންގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނެވެ.
ސިފްރާންގެ އޮފީހާ ދިމާލަށް އިޝާރާތްކުރިއެވެ. "އެތެރެއަށް ވަދެބަލަ."
އޭނަ ސިފްރާންގެ ފަހަތުން އެތެރެއަށް ވަނެވެ. ސިފްރާން ކޯޓު ގޮނޑީގެ ފަހަތުގައި އަޅުވައިލުމަށްފަހު އޭނައާއި ދިމާލަށް އެނބުރުނެވެ. އޭނަ ހުރީ ދޮރު ކައިރީގައި ކޮޅަށެވެ.
އޭނާ ވީދާލާފައިވާ ސިޓީ ނެގިއެވެ. "މިއީ ކޮން އެއްޗެއްކަން އެނގޭތަ؟"
ސިފްރާން އެއަށް ބަލައިލިއެވެ. "ނޫން."
އެ ޖަވާބު އެހާ އަވަހަށް އައުމުން އޭނާގެ ރުޅި އަނެއްކާވެސް ގަދަވިއެވެ. އޭނާ ކޮޓަރި ހުރަސްކޮށް ގޮސް އެ އޭނާގެ މޫނާއި ކައިރިކޮށްލިއެވެ."ރަނގަޅަށް ބަލާބަލަ."
ސިފްރާންގެ މޫނުމަތީގެ ކުލަވަރު ހަރުކަށިވިއެވެ. ނަމަވެސް އޭނާ އެ ކަރުދާސްކޮޅުތައް ނެގިއެވެ. ފުރަތަމަ ސިފްރާން ފެނުނީ ކެތްތެރިކަން ކުޑަވެ އެތަނުން ދާން ބޭނުންވެފައި ހުރި މީހެއްގެ ގޮތުގައެވެ. އޭނާގެ ލޯ އެ އަތުލިޔުމަށް ހުއްޓުނެވެ. އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. އެއީ ކުޑަކުޑަ ބަދަލެކެވެ. ނޭވާމަޑުޖެހިލިއެވެ. ދެލޯ ކުޑަކޮށް ގާތްވުމެކެވެ. މިލްހާއަށް އެ ސިކުންތުކޮޅުގެ ބަދަލު ފާހަގަކުރެވުނެވެ.
"މިއީ ކޮންތަނަކުން ލިބުނު އެއްޗެއް؟"
"ސިފްރާންގެ އޮފީހުން."
ސިފްރާންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. "އަހަރެންގެ އޮފީހުން؟"
"ސީދާ ބުނާނަމަ ކުނިވަށިގަނޑުން."
ސިފްރާން އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. އެފަދަ ކަމަކަށް އުންމީދު ނުކޮށް ހުރުމުން ހައިރާންވެފައިވާ ފަދައަކުންނެވެ. ދެން އޭނާ އަނެއްކާވެސް އެ ކަރުދާސްކޮޅަށް ބަލައިލިއެވެ.
"މިއީ މިލްހާ މަންމަމެންނަށް ލިޔުނު ސިޓީ...." ވީދިފައިވާ އެތިކޮޅުތަކުން ބައެއް ކިޔަމުން ސިފްރާން ބުނެލިއެވެ.
"ސިފްރާން މި ވީދާލީ؟" އޭނާ ސުވާލުކުރިއެވެ.
އޭނާ ބޯ ހޫރައިލިއެވެ. "ނޫން."
މިލްހާ ބާރަށް ހީނގަތެވެ. "ދެން ކީއްވެ ސިފްރާން އޮފީހުގެ ކުނިވަށިގަނޑުގައި އޮތީ؟"
"އަހަރެން ތި ސިޓީއެއް ނުވީދަން."
"އަހަރެންނަކީ މޮޔައެއްގެ ގޮތުގައި ދެކުން ހުއްޓާލުމަށް ވަރަށް ބޮޑަށް އެދެން....." މިލްހާ ގެ އަޑު ތަންކޮޅެއް ބާރުވެލިއެވެ.
"ކޮންމެވެސް މީހަކު އައިސް އަހަރެންގެ ސިޓީ ވީދާލައި ސިފްރާން އޮފީހުގެ ކުނިވަށިގަނޑަށް އެއްލައިލުމުންވެސް ސިފްރާންއަށް އެކަން ނޭނގި އޮތީއޭ ބުނުމުން އަހަރެން އެކަން ޤަބޫލުކުރަންވީ؟"
"އާނ..... ހަގީގަތް ބުނީމަ ގަބޫލުކުރަން ޖެހޭނީ..."
އޭނާ އަނެއްކާވެސް ހީނގަތެވެ. ނަމަވެސް އޭގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. "އަސްލުވެސް ހީކުރަނީ އަހަރެން އެކަން ޤަބޫލުކުރާނެ ކަމަށް؟"
"އަހަރެންގެ އޮފީހުން އެއްޗެއް ފެނުމަކީ، އެ އެއްޗެއް ހަލާކުކޮށްލީ އަހަރެން ކަމުގެ ހެެއްކެއް ނޫންކަން ވިސްނޭނެ ކަމަށް އަހަރެން އުންމީދުކުރަން."
"އަހަރެން މިބުނަނީނު އަހަރެން ތި ދައްކާ ވާހަކަ ޤަބޫލެއް ނުކުރަމޭ......" މިލްހާގެ ދެލޯ ހަނިވިއެވެ. އެމީހުންގެ މެދުގައި ހިމޭންކަން ވެރިވިއެވެ.
"އަހަރެން ހޯދަން އުޅުނީ މިވާހަކަ ދައްކަން؟ އަހަރެންގެ ބޮލުގައި ކަމެއް އަޅުވައި، އަހަރެން ބުނާ އެއްވެސް ވާހަކައެއް ގަބޫލުނުކުރަން ނިންމައިގެން؟"
"އާނ....."
ފުރަތަމަ ފަހަރަށް، އޭނާ ހަޤީޤަތުގައިވެސް ބަސްހުއްޓުނު ހެން ހީވިއެވެ. އެންމެ ފަހުން ސިފްރާން ނުތަނަވަސްކޮށްލެވުމުން މިލްހާއަށް ހިތި ހަމަޖެހުމެއް ލިބުނެވެ.
"އެނގޭތަ؟ތިޔަ ސުވާލުކުރީތީ އަހަރެން އުފާކުރަން." އޭނާ ކޮޓަރީގެ އެތެރެއަށް އިތުރަށް ފިޔަވަޅެއް އެޅިއެވެ. " ބުނަން ބޭނުންވާ މަދު ކަންތައްތަކެއް އެބަހުރި."
"ބުނޭ..."
"އަހަރެން މަސައްކަތްކުރިން ވިސްނޭ މީހަކަށްވާން. މަސައްކަތްކުރިން އެންމެންނާއެކު އުޅެން.........ހާލަތު ބަދަލުނުކުރެވުނަސް، މަދުވެގެން އެއިން ރަނގަޅު ކަމެއް ނެރުމުގެ ޚިޔާލުގައި ބަގީޗާގައި މަސައްކަތްކޮށް ބޭނުންތެރި މީހަކަށްވާންވެސް މަސައްކަތްކުރިން." އޭނާގެ އިނގިލިތައް މުށްކެވުނެވެ. "ނަމަވެސް މިއީ ރަނގަޅު ކަމެއް ކަމަށް ގަބޫލުކޮށްގެން ނުހުރެވޭނެ. މައިންބަފައިންގެ މަތިން ހަނދާންނުވާ ކަމަށް ހަދައިގެން ނުހުރެވޭނެ. ހާރިސްގެ އަޑު އަހަން ބޭނުންނުވާ ކަމަށް، ނުވަތަ އާއިލާގެ އެންމެންގެ ހާލު ބަލަން ބޭނުންނުވާ ކަމަށް ހަދައިގެން ނުހުރެވޭނެ."
"ދެން އެމީހުންނާ ގުޅާ."
"އަހަރެން މަސައްކަތްކުރީމޭ....."އެހެން ބުނެވުނުލެއް ބާރުކަމުން ޚުދު އޭނާވެސް ސިއްސައިގެން ދިޔައެވެ. އޭނާ ނިތްކުރީގައި އަތްޖައްސައިލިއެވެ. "އަހަރެން ސިފްރާންގެ ފޯނުން ގުޅަން މަސައްކަތްކުރިން. އެއެއް މަސައްކަތެއް ނުކުރޭ. އަހަރެން މަންމަމެންނަށް ސިޓީއެއް ފޮނުވިން، އަދި މިހާރު އެ ސިޓީ ވީދާ ކުދިކުދިކޮށްލާފައި ވަނީ ތި އޮފީސްތެރޭ....ސިފްރާން ބުނެބަލަ އަހަރެން ކިހިނެއް ހަދަންވީ؟ސިޓީ އުފުލާ ކޮތަރަކާއި ހަވާލުކޮށް މެސެޖު ފޮނުވަންވީ؟"
ނުނިމޭ
