"ހުރިހާކަމަކަށްވުރެ ނަމާދަށް އިސްކަން ދޭށެވެ. އެއީ ދެދުނިޔޭގެ ބާއްޖަވެރިކަމާއި ނަސީބެވެ. މަސައްކަތާއި އެހެން ދުނިޔޭގެ ކަންތައް އަންނަންވާނީ އަޅުކަމަށްފަހުގައެވެ. "
***
ޖޫހީއާއި މިލްހާ ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.
މިލްހާއާއި ޖޫހީ ސަމާސާވާހަކައެއް ދައްކާފައި ހީނގަތް ވަގުތު ކޯރިޑޯގެ އެންމެ ކޮޅުން ފެނުނު ހަރަކާތެއް ފެނުނެވެ.
އޭނާއަށް ކުރިންވެސް އެ އަންހެންމީހާ ފެނިފައިވެއެވެ. ތަންކޮޅެއް ދަން ގަޑިއެއްގައި ހަމަ އެ ތަޅުލާފައިވާ ދޮރު ކައިރިންނެވެ. އެރޭ ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮރިޑޯއިން މިލްހާ ހިނގާފައި ދަނިކޮށް އެ ދުވަސްވީ އަންހެންމީހާއާއި ދިމާވީއެވެ. އަނދިރިގަނޑުގެ ތެރެއިން ކުއްލިއަކަށް ފެނުނުގޮތުން ޖިންނިއެއްކަމަށް ހީކުރެވުނެވެ. އޭނާ އެތަނުގައި ހުރެގެން ނުވާނެކަމަށް ބުނެ އިންޒާރުދިނެވެ. މިލްހާ ސިހި ބިރުގަތްވަރުން ގިނަ ސުވާލުތަކެއް ކުރާކަށް ނުކެރުނެވެ.
މިފަހަރު މިފެނުނީ ރޯ މާ ދުވާލުގައެވެ. އެ އަންހެންމީހާ ދޮރު ލައްޕައިލާތަން ބަލަން އޭނަ ހުރީ ހިމޭންކަމާއެކުގައެވެ.
އެ ދުވަސްވީ ޚާދިމާ މަޑުމަޑުން އެކަމަކު ފަރުވާތެރިކަމާއެކީ އަނެއްކާވެސް ދޮރުގެ ތަޅުގައި ހިފާލަމުން ތަޅުލެވުނުކަން ޔަޤީންކޮށްލިއެވެ. ގޭގެ އެ ވަނުން މަނާކުރެވިފައިވާ ބައިގައި އެ ޚާދިމާ އުޅުނު ސަބަބު ސާފުކޮށްދީފާނެ އެއްވެސް ކަމެއް ނުފެނުނެވެ.
"ޖޫހީ......." މިލްހާ ފިޔަވަޅުތައް މަޑުކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. "އެއީ ކޮން އަންހެނެއް؟"
ޖޫހީވެސް އޭނަ ބަލަންހުރި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ.
"އޯ. އެއީ ސާފިޔާ..."
"ސާފިޔާ؟"
"މި ގޭގައި އުޅޭ އެންމެ ދުވަސްވީ ޚާދިމާ......އޭނާ ހަދީދްގެ އާއިލާއަށް މަސައްކަތްކުރާތާ އެހެން އެންމެންނަށްވުރެ ޒަމާންވެއްޖެ.... ބެސީވެސް މިތަނުގައި އުޅޭތާ އެހާ ދުވަހެއް ނުވޭ."
ސާފިޔާގެ އަމަލާއި ހަރަކާތް ހުންނަ ގޮތުގައި ނުތަނަވަސްކުރުވާ ކޮންމެވެސް ކަމެއް ހުއްޓެވެ. އެއީ ހަމައެކަނި އޭނާގެ ޢުމުރުން ދުވަސްވުމުން ހުރި ގޮތެއް ނޫނީ މޫނުމަަތީގައި ހުންނަ ސީރިޔަސްކަމަކުން ނޫނެވެ.
މިލްހާއަށް ކުރިން އަންގާފައިވަނީ ގޭގެ އެ ބައި ތަޅުލެވުނީ ހަދީދުގެ މައިންބަފައިން ނިޔާވި ފަހުން ކަމަށެވެ.
"އޭނާ ގިނައިން އެތެރެއަށް ވަދެއުޅޭތަ؟" އޭނަ ސުވާލުކުރިއެވެ.
ޖޫހީގެ ތުންފަތްމަތީގައިވާ ހިނިތުންވުން ކުޑަކޮށް ފަނޑުވިއެވެ.
"ސާފިޔާގެވެސް އަމިއްލަ ވާޖިބުތަކެއް ހުރޭ."
"ޖޫހީ.. އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުލިބެއްނު...."
"ފަހަރެއްގައި ޖަވާބުދޭން ނޭގޭ ސުވާލަކަށް ނުވާތީ ކަންނޭނގެ....." ޖޫހީ ކޮނޑު އަރުވައިލިއެވެ.
އޭނަ ޖޫހީއާއި ދިމާލަށް އެނބުރުނެވެ.
ޖޫހީ މާފަށް އެދޭ ފަދަ ކުލަވަރެއް މޫނުމަތިން ދެއްކި ނަމަވެސް އިތުރު އެއްވެސް ވާހަކައެއް ބުނާކަށް ނޫޅެ ދުރަށް ބަލަންފެށިއެވެ.
މިލްހާ އިތުރަށް ސުވާލުކުރުމުގެ ކުރިން ސާފިޔާގެ ނަޒަރު އެކުދިންނަށް ހުއްޓުނެވެ. ސާފިޔާގެ މޫނުގެ ކުލަވަރު ފަޅިސިކުންތުކޮޅަކަށް ނަމަވެސް ބަދަލުވިއެވެ.ފުރަތަމަ ފެނުނީ ވަކިކުރަން އެނގުނުކަމުގެ އަސަރެވެ. އޭގެ ފަހަތުން ނުތަނަވަސްކަމާއި ސިހުމަށެވެ. އެ އަސަރުތައް ގެއްލިގެންދިޔަލެއް އަވަސްކަމުން ލޮލަށް ފެނުނު ގޮތެއްހެން ހީވިޔަސް އެއީ ކުރިން ބައްދަލުވި ފަހަރުވެސް އެފަދަ ކުލަވަރެއް ފެނުނުކަން މިލްހާ ދެނެގަތެވެ.
ސާފިޔާ އިސްޖަހާލައިގެން ހުރެ ކޮރިޑޯއިން ކުރިއަށް ހިނގައިގަތެވެ.
އޭނަ ސާފިޔާ ލޯމަތިން ގެއްލެންދެން ބަލަން ހުރީއެވެ."ޖޫހީ...އެއީ ޖިންނިއެއް ނޫންކަން ޔަގީންތަ؟ އެބައި ތަޅުލާފައި ހުރިއިރު އެތަނުން އޭނަ ވަދެ ނުކުމެ ހަދަންވީ ސަބަބެއްނެތް...މިގޭގައި ރޫހާނީކަމެއް އުޅެނީތަ؟"
ޖޫހީ ހިނިގަނޑެއް ޖަހައިލިއެވެ." އިންސާނުންގެ ބޮލުތެރޭ އުޅޭ އެއްޗެއް ކަމަށް އަހަންނަށް އެނގިފައިވަނީ..."
"މިލްހާ....އަހަރެން އަވަހަށް ދާން ޖެހިއްޖެ......"ޖޫހީގެ އަތުގައި ހުރި ސާމާނުތައް ސަމާލުކުރަން މަސައްކަތްކުރިއެވެ."ބެސީ އަހަރެން ހޯދަން އައުމުގެ ކުރިން މިއެއްޗެހި މައްޗަށް ނުގެންގޮސްފިއްޔާ އަހަރެން ސަލާމަތެއް ނުވާނެ."
މިލްހާގެ ސަމާލުކަންވެސް ޖޫހީ އުފުލައިގެން ހުރި ތަކެއްޗަށް ހުއްޓުނެވެ. އެއް އަތްމަތީގައި އައިވަރީ ކުލައިގެ ރިބަން ބޮނޑިއެއް އޮތެވެ. އަނެއް އަތުން ހިފަހައްޓައިގެން ހުރީ ކުދިކުދި ރަންކުލައިގެ ޒީނަތްތެރި އެއްޗެހިން ފުރިފައިވާ ހަތަރެސްކަން ފޮށްޓެކެވެ. އެ އެއްޗެހީގެ އޮފުކަންފަދަކަމުން ހަރަކާތްކުރާ ކޮންމެ ފަހަރަކު އަލިކަން އެޅި އިތުރަށް ވިދައެވެ. އޭނާގެ ކިހިލީގައި ޖަހައިގެން ހުރީ ރަންކުލައިން ކައިރިފަށުގައި ކުރެހުންއަޅާފައި ހުރި ތަށިތަކެކެވެ.
"ޖޫހީ މަޑުކޮށްބަލަ. ތިއުޅެނީ ކޮން މަސައްކަތެއް ކުރަން؟"
ޖޫހީ ވެސް އޭނާ އުފުލައިގެން ހުރި ސާމާނުގެ ބޭނުން އެނގުނީ ހަމަ އެވަގުތުކަން އެނގޭފަދަ ގޮތަކަށް ލޯ ބޮޑުކޮށްލިއެވެ.
"މިއަދަކީ ކޮން ދުވަހެއްކަން ހަނދާންނެތުނީއޭ ނުބުނާތި...."
"އަންގާރަ ދުވަސް؟"
"ހަދީދް ސާހަބްގެ އުފަން ދުވަސް..."
މިލްހާ ލޯ ކުޑަކޮށްލިއެވެ."ސީރިޔަސްކޮށް؟ އަހަންނަށް ނޭގުނު..."
"ސާހަބްގެ ހަތްދިހަ ވަނަ އުފަންދުވަސް، މިލްހާ. ހަތްދިހަ. މިއީ މި ގޭގައި ވަރަށް މުހިންމު ނަންބަރެއް....."
"އަދިވެސް އެދުވަސް ފާހަގަކުރަނީތަ؟" އޭނަ ހައިރާންވިއެވެ.
"ފާހަގަކުރަނީ؟" ޖޫހީ ކުރު ހީނގަތުމެއް ހީނގަތެވެ. "އިއްޔެއިން ފެށިގެން މުޅި ގޭތެރެ އޮތީ ހަލަބޮލިވެފައި.... ބެސީ އަމުރުތައް ނެރެމުން އެދަނީ ސީދާ ރާނީ ރޭގަނޑުގެ ފަރިއްކޮޅަށް ވަޑައިގަންނަވާ ފަދައިން......."
މިލްހާގެ އާއިލާއާމެދު ވިސްނުމާއި އެ ހަނދާންތަކުގައި މާބޮޑަށް އުޅުމުން އެހެން ކަމެއް ސިކުނޑީގައި ހުންނާނީ ކިހިނެއްހެއްޔެވެ؟ އޭނައަށް އަދިވެސް މަންމަމެންނާއި ވާހަކަދައްކައިލާނެ ފުރުސަތެއް ނުލިބެއެވެ. ހާލުއޮޅުން ފިލުވައިލެވެންވެސް ނެތެވެ. އެޚިޔާލުތައް އޭނަގެ ސިކުނޑި ކަމުން ދަނީއެވެ.
މިލްހާ ގޭގެ މައި ވަންނަ ދޮރާ ދިމާލަށް ބަލައިލިއެވެ. ކަޅުކުލައިގެ ސޫޓުލައިގެން ތިބި ދެ ފިރިހެނަކު މައި ދޮރުން އެތެރެއަށް ވަދެގެން އައީ ހުދުކުލައިގެ މާތަކުގެ ދިގު އެތުރުމެއް ހިފައިގެންނެވެ. އެމީހުންގެ ފަހަތުން އައި ދެމީހަކު ލަކުޑި ފޮއްޓެއް އުފުލަން މަސައްކަތްކުރާއިރު ޚާދިމާއަކު އިސްތިރިކޮށްފައިވާ ފޮތިތަކެއް ހިފައިގެން އަވަސްވެލާފައި ސިޑިން އަރައިގެން ދިޔައެވެ.
މީހުންތައް ހަމައެކަނި ވައިޔަރުތައް މަރާމާތުކުރަނީއެއްނޫނެވެ. ޒީނަތްތެރިކުރުމުގެ ކަންކަމުގައިވެސް އެހީތެރިވާ މީހުންވެސް ހޭލަމޭލަވެއެވެ. މުޅި ގޭތެރެ އެހާ އަޑުގަދަވެފައިވާ ސަބަބަކީ އެއީއެވެ.
ގޭތެރޭގައި އާއްމުކޮށް އޮންނަ އަމާންކަމާއި ހިމޭންކަން ގެއްލި ކޮންމެ ދިމާލަކުން ފެންނަނީ އަވަސް ހަރަކާތްތަކާއި އަޑުތަކެވެ. އާންމުކޮށް ބަންދުކޮށްފައި ހުންނަ ދޮރުތައް ހުރީ ހުޅުވާފައެވެ. ޚާދިމާއިން ރިހި ތަށިތައް ހިފައިގެން ކޮރިޑޯތައް ހުރަސްކުރަމުންދިޔައެވެ. އަންހެން ކުދިން ތާޒާ މާތަކާއި، ނިއުޅާފައިވާ މޭޒުމަތީ އަޅާ ފޮތިގަނޑުތަކާއި ޒީނަތްތެރިކުރާ ފޮށިތައް ހިފައިގެން ކޮޓަރިތަކުގެ މެދުގައި ހިނގާތަން ފެނެއެވެ. މުޅި މާހައުލު ތަފާތުވެފައިވާ ފަދައެވެ. އާއްމުކޮށް ގޭތެރޭގައި ދުވާ ކާޕެޓާއި ސެންޓުވަހުގެ އިތުރުން ދެންމެ ކޮށާފައިވާ ކުދި ގޮފިކޮޅުތަކާއި ތާޒާ މާތަކުގެ މީރުވަހުން ހިތްތަކަށް ދިރުން ގެނުވައެވެ.
"މި ބޮޑު ހަފްލާ އޮންނަނީ ސީދާ ކޮންތަނެއްގައި؟" މިލްހާ ސުވާލުކުރިއެވެ.
"ބޯލްރޫމްގައި....." ޖޫހީގެ މޫނުމަތި އަލިވެެގެން ދިޔައީ ބޮޑު ސިއްރެއް ފައުޅުކުރާ ހިނދު ފެންނަ އުފާވެރިކަމާއެކުގައެވެ.
"މިލްހާ ތިހާ ބޭނުމިއްޔާ އަހަންނާއިއެކު ހިނގާ..، އެމީހުން ބޯލްރޫމަށް ހަދާފައިވާ ގޮތް ބަލާލުންވެސް ރަނގަޅުވާނެ." ޖޫހީ ބުނެލިއެވެ.
***
އޭނަ ކުޑަވަގުތުކޮޅަކަށް މަޑުކޮށްލަމުން ހޯލުގެ އެންމެ ދުރަށް ބަލައިލިއެވެ.
އެމީހުން ދިޔައީ އެކުއެކީގައިވާ ދެ ދޮރާއި ދިމާލަށެވެ. އެ ކަޅުލަކުނޑީގެ ދޮރުތަކުގައި ވަނީ އެނބުރޭ ފަތްތަކާއި މާތައް ކަނޑާނަގާފައި ނިކަން ރީތިކޮށް ފަރުމާކޮށްފައެވެ. މިލްހާ ވަނީ އެ ދޮރުތަކުގެ ކައިރިން މާ ބޮޑު ސަމާލުކަމެއް ނުދީ އެތައް ފަހަރު ހުރަސްކޮށްފައެވެ. އޭނާ ހީކުރީ އެއީ އެހެން ސިޓިންގރޫމަށް ނުވަތަ އެ އާއިލާއިން ބޭނުންނުކޮށް ހުންނަ ގިނަ ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއަކަށް ވަދެވޭ ދޮރެއް ކަމަށެވެ.
އެ ބޯލްރޫމް ޒީނަތްތެރިކުރެވިފައިވަނީ ނިކަން ފުރިހަމައަށެވެ. އުސް ސީލިންގައި އެލުވާފައިވާ ކްރިސްޓަލް ސަމޭދާންތަކުގެ ކުދި ބިއްލޫރިތަކަށް މެންދުރުފަހުގެ އަވިއެޅި، އޮމާންކޮށްފައިވާ ބިންމައްޗަށް އަލިކަން ފަތުރަމުންދިޔައެވެ. އެތަނުގެ އެންމެ ކޮޅުގައިވާ އުސް ކުޑަދޮރުތަކުން ބަގީޗާގެ މަންޒަރު ފެންނަން ހުއްޓެވެ. ނަމަވެސް ފިނީގެ ސަބަބުން ކުޑަދޮރުތަކުގެ ބިއްލޫރިތައް ފުސްވެފައެވެ. މަޑު ރަންކުލައިގެ ބޯ ދޮރުފޮތިގަނޑުތަކުން ކުޑަދޮރުގެ އެއްބައި ވަނީ ނިވާކުރެވިފައެވެ. އެ ކޮޓަރި އަދި މެހުމާނުންނަށްޓަކާ އެއްކޮށް ތައްޔާރުކޮށް ނުނިމެއެވެ. އެއީ އަގުބޮޑުކަމާއި މުއްސަދިކަން ހާމަކޮށްދޭފަދަ ތަނެކެވެ. އެތެރެއަށް ވަނުމުގެ ކުރިންވެސް އަމިއްލަ ނަފްސު ކުޑަކޮށްދޭ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
"އަހަންނަށް ހީވަނީ މިއިން އެކަނިވެސް އަހަރެންގެ މުޅި އަވަަށް ގަނެލެވިދާނެހެން،" ޖޫހީ ސަމޭންދާނަކަށް އިޝާރަތްކުރަމުން ވައި އަޑަކުން ބުނެލިއެވެ. "އަދި އަހަރެމެންގެ އަހަރެއްގެ ކަރަންޓު ބިލުވެސް ދެއްކޭނެ."
"ބަޔެއް މީހުން އާދަޔާ ޚިލާފަށް މުއްސަދި...އަނެއް ބަޔަކު ނުކައި ނުބޮއި ހާލުގައި އެއުޅެނީ. މިހާ އިއްޒަތުގައި ނޫޅުނަސް ދުނިޔޭގައި އުޅެވިދާނެ......މި މީހުން ޒަކާތް ދައްކާނެތަ؟"މިލްހާގެ ހިތަށް ތަފާތު ވައްތަރުގެ ޚިޔާލުތައް އަރަމުން ދިޔައެވެ.
"ޖޫހީ ތިބުނީ ތެދެއް...."އޭނަ ހިނިތުންވެލިއެވެ، ސަމާލުކަން އަނެއްކާވެސް ހުއްޓުނީ ކޮޓަރިއަށެވެ.
އޭނާ ދުވަހަކުވެސް މިފަދަ ހަފްލާއެއްގައި ބައިވެރިއެއް ނުވެއެވެ. ރާއްޖޭގައި އުފާ ފައުޅުކުރުން ތަފާތެވެ. އެއީ އާއިލީ އެއްވުންތަކެވެ، ތިމާގެ މީހުންނަށް ޒިޔާރަތްކުރުމެވެ. އީދު ކުރިން އޮންނަ އުފާވެރި ކަމާއި މަގުމަތީގެ ކުޅިވަރުތަކެވެ. ބަދިގެތަކުން ދުވާ ދިވެހި ކާނާގެ ވަހެވެ. އަދި އެކަކު އަނެކަކު ދަންނަތާ އެތައް އަހަރެއްވެފައިވާ މީހުންގެ ދެނެ ފަރިތަ އަޑުތަކެވެ. އޭނާ ބޮޑުވީ ފިތުރު އަދި އަޟްޙާ ފާހަގަކުރަމުންނެވެ. އޭނާގެ އާއިލާގައި އުފަންދުވަސްތަކަކީ އާދައިގެ ދުވަސްތަކެކެވެ. އޭނާއަށްވުރެ ތަންކޮޅެއް ހުޅަނގުގެ އާދަކާދައަށް ލޯބިކުރާ އަދި ކޭކެއްފެޅުމަކީ މަޖުބޫރު ކަމެއްކަމަށް ބުނެ އުުފަން ދުވަސް ފާހަގަކުރި ރަފާއާ އެކުވެރިވަންދެން އޭނަ ބޮޑުވީ އިސްލާމީ އުސޫލުތަކުގެ ތެރޭގައެވެ.
ތެދަށް ބުނާނަމަ މަރު ކައިރިވަމުންދާތީ އުފާފާހަގަކުރާ ސަބަބެއް މިލްހާއަކަށް ނުވިސްނެއެވެ.
ނަމަވެސް އޭނާގެ ކުޑައިރުގެ އެންމެ ރީތި ހަނދާން ގުޅިފައިވަނީ ކޭކަކާއިއެވެ. އޭރު އޭނަ ވަރަށް ޅައެވެ.
އެއީ އުފަންދުވަހުގެ ކޭކެއް ނޫނެވެ ނަމަވެސް އޭނާ އައްމަ ފޮތް ނިންމައި ކީރިތި ޤުރްއާނުން އިތުރު ދިހަ ފޮތް ދަސްކުރުމުން އޭނާގެ އާއިލާއިން ގަނެދިން ކޭކެކެވެ. އެ ދުވަހުގެ އުފާވެރިކަން އަދިވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ: މޭޒުމަތީގައި ފަޚުރުވެރިކަމާއެކު ބެހެއްޓިފައިވާ ކޭކާއި އޭނާގެ ކުޑައާއިލާ ވަށައިގެން އެއްވެ ތިބި ގޮތެވެ. އޭނާގެ ބައްޕަގެ ހިނިތުންވުމާއި މަންމަގެ ފަޚުރުވެރި ލޯބިވާ މޫނެވެ. އެންމެންގެ މުބާރަކްބާދީގެ ސަބަބުން އޭނާއަށް މާ އާދަޔާޚިލާފު ކަމެއް ހާސިލުކުރެވުނުކަމުގެ އިޙްސާސް ކުރެވުނެވެ.
އެ ކޭކު ވަރަށް ބޮޑުހެން ހީވިއެވެ. ކްރީމް އިން ޒީނަތްތެރިކޮށް މަތީގައި އޭނާގެ ނަން ލިޔެފައިުއްޓެވެ. އެއީ އޭނައަށް ހައްގު އިނާމެކެވެ، އެއީ ހިތްވަރުދިނުމެއްވެސް މެއެވެ. ކޮންމެ ދުވަހަކުވެސް ކުރިއަށް ދިއުމަށާއި އިތުރަށް ދަސްކުރުމަށާއި ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނަށް އެނބުރި އައުމަށް ދިން ހިތްވަރެކެވެ. ކޮންމެވެސް ދުވަހަކުން ގުރުއާން ހިތު ދަސްކުރެވޭނެ އުންމީދުގައި އޭނާ ޝައުޤުވެރިކުރުވި ކަމެކެވެ.
ދުވަސްކޮޅަކަށް އޭނާ އެގޮތުގައި ދެމިހުއްޓެވެ. އޭނާ ގެ އުމުރުން ދުވަސްތައް ވޭތުވަމުންދާން ފެށިއެވެ. ސްކޫލްގެ މަސައްކަތްތައް މާ ގިނަވިއެވެ. ރައްޓެހިންނާއި، އުންމީދުތަކާއި އާދައިގެ ދިރިއުޅުމުގެ ގިނަގުނަ ކުދިކުދި ކަންކަން ގުރުއާން ހިތުދަސްކުރުމަށް ހޭދަކުރި ވަގުތުތައް އަތުލާން ފެށިއެވެ. އަބަދުވެސް ކުރާނެ އެހެން ކަމެއް ހޯދާނެ އެހެން އެއްޗެއް ޤުރްއާން މާދަމާއަށް ފަސްކޮށްލަން ފުދޭވަރުގެ މުހިންމު ކަމެއް މެދުވެރިވެއެވެ.
މާދަމާ ވީ ޖެހިގެން އައި ހަފުތާއަށެވެ. ޖެހިގެން އައި ހަފުތާ ވީ ޖެހިގެން އައި މަހަށެވެ. އަދި އެންމެ ފަހުން އެންމެ ފަހުން އާ އާޔަތެއް ހިތުދަސްކުރި ދުވަހުން ފެށިގެން ދުވަސްތައް ގުނުން އޭނާ ހުއްޓާލިއެވެ.
އޭނާގެ އަމިއްލަ ނަފްސުގެ އެ ބައި ދޫކޮށްލާކަށް އޭނާ ޤަޞްދެއް ނުކުރެއެވެ. ޤުރްއާން ލައްޕާލުމަށްފަހު ނިމުނީއޭ ބުނަން ނަފުސް ދެކޮޅުހެދިއެވެ. އޭނާ ހަމައެކަނި ދުރަށް ދެވުނީ ގަސްތުގައެއް ނޫނެވެ. އެއްއިރެއްގައި އޭނާއަށް އެހާ ބޮޑު އުފަލެއް ގެނެސްދިން ގުރުއާން ފަސްކޮށްލެވުނީ ކޮންމެވެސް ދުވަހަކުން އެނބުރި ދާން ގަސްތުކުރާ އެއްޗަކަށެވެ.
އެ ބޮޑު ސަމޭދާންގެ ދަށުގައި އެ އަގުބޮޑު މާހައުލުގައި ހުރެ އެ ހަނދާންތައް އައުމުން އާދަޔާ ޚިލާފު ބުރަދަނެއް މެޔަށް އިހުސާސްވިއެވެ.
އިންސާނަކު ދުނިޔޭގެ ކަންކަމަށް ގެއްލިގެން ދިއުމަކީ ކިހާ ފަސޭހަ ކަމެއް ހެއްޔެވެ.
އެހެންވަނީ ގޯސް ނުވަތަ ޙަރާމް ކަމަކަށް ގޮސްގެނެއްނޫނެވެ. ބައެއް ފަހަރު މުޅިން އާދައިގެ ކުދިި ކަންކަމުންނެވެ. ކިޔެވުމާއި، މަސައްކަތާއި، ޒިންމާތަކާއި، އުންމީދުތަކާއި، ދުވަސް ފުރާލާ އެތައް ހާސް ކުދިކުދި އެދުންތަކުންނެވެ. އެއިން އެއްވެސް ކަމެއް އަމިއްލައަށް ގޯހެއް ނޫނެވެ، ނަމަވެސް ހުރިހާކަމެއް އެކުވެގެން އިންސާނާއަށް އެންމެ މުހިންމު އަދި އާޚިރަތަށް ބޭނުންތެރި ކަންކަމަށް ދޭނެ ވަގުތު މަދުކޮށްލައެވެ.
އޭނާ އޭނާގެ ކޭކު ކައިރީގައި ފަޚުރުވެރިކަމާއެކު އިނދެ، ކީރިތި ޤުރްއާނުން އިތުރަށް ހިތުދަސްކުރަން އުންމީދުކުރި ކުޑަކުއްޖާއާމެދު ވިސްނައިލިއެވެ.
"މިލްހާ؟"
މިލްހާ އިސްއުފުލައި ބަލައިލިއެވެ.
ޖޫހީ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ޒީނަތްތެރިކުރާ ފޮށި އޭނާގެ މޭގައި ޖައްސާ ހިފަހައްޓައިގެންނެވެ.
"ކީއްވީ؟ހާދަ ހިމޭންވެފައި..."
"އޯ،ކީކޭތަ ބުނީ؟" އޭނަގެ ސަމާލުކަން ހުއްޓނެވެ.
"އަހަރެން މިއަހަނީ މިރޭ ލާނެ ހެދުމެއް ނިންމައިފިންހެއްޔޭ؟" ޖޫހީ ތަކުރާރުކޮށްލިއެވެ.
މިލްހާ ގަޑިއަށް ބަލައިލުމާއެކު އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. "ޔާ ﷲ...."
ޖޫހީ ބުމަ ގާތްކޮށްލިއެވެ. "މިހާރު ކީއްވީ؟"
"އަހަރެން ނަމާދުވެސް ނުކުރަން......" މިލްހާގެ އަވަސް ވާން ހަދައިގެން މޭޒުމަތީގައި ހުރި ރަންކުލައިގެ ޒީނަތްތެރި އެއްޗެއްގައި އުޅަބޮށި ޖެހި ނުރައްކާތެރިކޮށް ގުޑައިލިއެވެ.
މިލްހާ ދުއްވައިގަތެވެ. އޭނާ ހެދުމުގެ ކައިރިފަށް އެއްއަތުން ހިއްލާލައިގެން ހުރެ ސިޑީގެ ފަތްތަރުތައް ގިރާކުރަމުން މައްޗަށް އެރިއެވެ.
***
ސިފްރާން މައި ސިޑިން ތިރިއަށް ފައިބަމުން ދިޔައީ އަތްދަށަށް އިމާރާތުގެ ޗާޓުތަކެއް ޖަހައިގެން، އަދި އަނެއް އަތުން ބޯ ފައިލެއް ހިފަހައްޓައިގެން ހުރެއވެެ. އެވަގުތު ނޫކުލަ ވިދުވަރެއްހެން އޭނާއާ ދިމާލަށް އައިތަން ފެނުނެވެ. އޭނާއަށް އެންމެ ފަހު ކަރުދާސް ފައިލުގެ ތެރެއަށް ކޮއްޕާލެވުނީ ހަމަ އެވަގުތުއެވެ.
"ބަލައިގެން ......." އިންޒާރު އައީ މާ ލަހުންނެވެ. އޭނާ މީހެއްގެ ގައިގާ އަޅައިގަތެވެ. ފައިލު އޭނާގެ އަތުން ދޫވެގެން ދިޔައެވެ، އަދި ފަރުވާތެރިކަމާއެކު އަތުރާފައިވާ ކަރުދާސްތައް ސިޑިމައްޗަށް އުކިގެންދިޔައެވެ. ބައެއް ކަރުދާސްތައް ސިޑީގެ ދަނޑިތަކުގެ ދަށަށް ދިޔައިރު، އަނެއްބައި ކަރުދާސްތައް ދޮރާއި ދިމާލަށް އުދުހެމުންދިޔައެވެ.
ނުނިމޭ
