ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ ޝަރުތުތަކާއި އެންމެހައި ތަފްސީލުތައް ރައްޔިތުންނަށް ވީހާވެސް އަވަހަށް ހާމަކޮށްދީ ރެފަރެންޑަމަކަށް ދިޔުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގައެވެ.
ޖުމްލަ 20 ބިލިއަން ޑޮލަރު ގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ ރައްޔިތުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމަށް ބުނެ، ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އާންމު އެކްޓިވިސްޓުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަށްފަހު، އެ ތަނުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިނުމަށް އެއްބަސްވެފައިވާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ.
https://x.com/MohamedNasheed/status/2110636359224578226
އެ ޕާޓީން ބުނީ ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، މިނިވަން ވިޔަފާރީގެ އުސޫލުތަކަށް ތާއީދުކުރި ނަމަވެސް މި މުއާމަލާތުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތް ނުރައްކާތެރި ކަމަށެވެ.
މީގެއިތުރުން އީގަލް ހިލްސް އިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކުރި ވާހަކަތަކާ ދިމާނުވާ އެތައް ކަމެއް ހުރުމާއެކު، މައުލޫމާތު ހާމަކުރަން ސަރުކާރުން ފަސްޖެހުމަކީ ވަރަށް ނުރައްކާތެރި ކަމުގެ ނިޝާނެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ ޝަރުތުތަކާއި އެންމެހައި ކަންކަން ދިވެހިރައްޔިތުންނަށް މިހާރުން މިހާރަށް ހާމަކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވައިލާފައެވެ.
"ދެންނެވުނު މުއާމަލާތާމެދު އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި، ސަރުކާރުން މިހައިތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރުމާއެކު، ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާކަމީ، ނުރައްކާތެރިކަމުގެ ނިޝާނެއް." އެމްޑީޕީ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން، މި އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދައުލަތުން އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި މަސްއޫލިއްޔަތުތައް، އަދި ބޭރުގެ ކުންފުންޏަށް ދީފައިވާ މާލީ ލުއިތަކާއި އިސްތިސްނާތަކުގެ އެންމެހައި ތަފްސީލުތައް ސާފުކޮށްދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
"އެ އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދިވެހި ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، ބޭރުގެ ފަރާތަށް ދޭ މާލީ ލުއިތަކާއި އިސްތިސްނާތައް ރައްޔިތުންނަށް ސާފުވާނެހެން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ އެންމެހައި ކަންކަމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވައިލަން." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވޭތޯ ނުވަތަ މުސްތަގުބަލުގައި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމެއް އުފެދިދާނެ ފަދަ ކަމެއް ހިމެނޭތޯ ކަށަވަރުކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
ބަޔާން ނިންމާލަމުން އެމްޑީޕީން ބުނެފައިވަނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ އިހުތިޔާރު ސަރުކާރަށް ނޯންނާނެ ކަމަށެވެ.
މީގެއިތުރުން ގާނޫނުއަސާސީގެ 4 ވަނަ މާއްދާއާ ހަވާލާދީ، ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށްވާތީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކުން ރައްޔިތުން ދެކޭގޮތް ބެލުމަށްފަހުގައި ނޫނީ މިފަދަ މުއާމަލާތްތަކަށް ސަރުކާރުން ނުވަނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
އެ މަޝްރޫއާއި ގުޅޭ ހުރިހާ ތަފްސީލެއް ރައްޔިތުންނަށް ހާ،މަކުރަން އެމްޑީޕީން ގޮވާލިއިރު، ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ ވިޔަފާރި އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ނިމުނު މަހުގެ 28ގައި ވަނީ ހުށަހަޅައިފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ހާމަކުރައްވާފައިވަނީ ގާނޫނީ ވަކީލް އަލީ ހުސައިން، އެކްސް މެދުވެރިކޮށް އާންމުކުރެއްވި ބަޔާނެއްގައެވެ.
އެހެން ނަމަވެސް އަލީ ހުސެއިން ކޯޓަށް ހުށަހެޅި މި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އަންގާރަ ދުވަހު ސްޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފައެވެ.
