ގދ. ވާދުއަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ ކައުންސިލު އިދާރާއަށް އެކި ވަރުގެ ގެއްލުން ވެއްޖެއެވެ.
ވާދޫ ކައުންސިލުން 'ފޭސްބުކް'ގައި އާންމުކުރި ވީޑިއޯއެއްގައި، އެ ރަށު ކައުންސިލުގެ މުވައްޒަފުން ކައުންސިލު އިދާރާއިން ފެން ބޭރުކުރުމުގެ މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އެގޮތުން ކައުންސިލު އިދާރާގެ މީޓިން ރޫމާއި ކައުންސިލު އިދާރާގެ މީހުން މަޑުކުރާ ސަރަހައްދުން ފެން ބޭރުކުރުމުގެ މަސައްކަތްކުރާ މަންޒަރު ފެނެއެވެ.
އެ ރަށު ކައުންސިލުގެ ރައީސް މުޙައްމަދު ލަމްއާން ވަޙީދު 'ސަން'އަށް މިރޭ ވިދާޅުވީ ވާދުއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ރަށުގެ ބައެއް ގޭގެއަށާއި ކައުންސިލު އިދާރާއަށް ފެން ވަދެ ގެއްލުން ވެފައިވާ ކަމަށެވެ.
އާންމު ބައެއް ގޭގެއަށް ވެސް ފެން ވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާތައް ޖަހައިފައިވާ ކަމަށް ލަމްއާން ވިދާޅުވިއެވެ.
'އެކްސް'ގައި ލަމްއާން ލިޔުއްވިގޮތުގައި ކައުންސިލު އިދާރާއަށް ފެން ވަނުމުގެ ސަބަބުން ބައެއް ސިސްޓަމްތަކާއި ފަރުނީޗަރުތައް ވަނީ ހަލާކުވެފައެވެ. އެ ލިބުނު ގެއްލުމުގެ ސަބަބުން ކުރިއަށް އޮތް ދެ ތިން ދުވަހު ކައުންސިލުންދޭ ޚިދުމަތްތައް މެދުކެނޑިގެން ދާނެ ކަމަށް އޭނާ ލިޔުއްވައިފައިވެއެވެ.
https://x.com/LamanMohamed/status/2110042540430983186
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށް ނެރުނު ހުދު ސަމާލުގައިވާ ގޮތުގައި މިއަދު ހަވީރު 5:45އާއި މިރޭ 11:45އާ ދެމެދު ގއ. އަތޮޅުން ފެށިގެން ދެކުނަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
