ތަކުރާރުކޮށް ނުވަތަ ބޮޑުވަރުވެގެން އަރިދަފުސް ރޯގާ (ފްލޫ) ޖެހުމަކީ ފަހުން ނާރުތަކުގެ ނިޒާމަށް ޖެހޭ ޕާކިންސަންސް ބަލީގެ ނުރައްކާ އިތުރުވެދާނެ ކަމެއް ކަމަށް އިންޑިއާގެ ހައިދަރުއާބާދުގެ ސައިންސްވެރިން ހެދި އައު ދިރާސާއަކުން ހާމަވެއްޖެއެވެ.
އިންޑިއާގެ ސީއެސްއައިއާރު ސެންޓަ ފޯ ސެލިއުލަ އެންޑް މޮލެކިއުލާ ބަޔޮލޮޖީ (ސީސީއެމްބީ)އިން ކުރިއަށްގެންގޮސް، ސައިންޓިފިކް މަޝްހޫރު ޖާނަލް "ސެލް ރިޕޯޓްސް"ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، އިންފްލުއެންޒާ އަދި ކޮވިޑް-19 ފަދަ ވައިރަލް އިންފެކްޝަންތަކާއި ސިކުނޑީގެ ނާރުތައް ހަލާކުވާ ބަލިތަކާ ދެމެދު ވަރުގަދަ ގުޅުމެއް ވާކަމަށެވެ.
މި ދެ ބައްޔަކީވެސް "އާރުއެންއޭ" ވައިރަސް އާއިލާއަށް ނިސްބަތްވާ ވައިރަސްތަކަކުން ޖެހޭ ބަލިތަކަކަށްވާއިރު، މިފަދަ ވައިރަސްތައް އިންސާނާގެ ސެލްތަކަށް ވަދެގަނެ، ސެލްގެ މައި ނިޒާމު ކޮންޓްރޯލްކޮށްގެން އަމިއްލަ ޒާތުގައި އިތުރުވާން ފަށައެވެ. މި ނުރައްކާތެރި ހަރަކާތުގެ ސަބަބުން ސެލްތަކުގެ އެތެރޭގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް، ހަށިގަނޑުގެ ޤުދުރަތީ ދިފާޢީ ބާރުތައް ކުއްލިއަކަށް ހަރަކާތްތެރި ކުރުވައެވެ.
ސީސީއެމްބީގެ ސައިންޓިސްޓް ސްވަސްތީ ރޭޗައުދުރީގެ ޓީމުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ހާމަވިގޮތުގައި، މިފަދަ ވައިރަސްތަކުގެ ސަބަބުން ޕާކިންސަންސް ބަލި އުފެދުމަށް މަގުފަހިވާ ސެލިއުލާ މަރުހަލާތައް އަވަސްވެގެންދެއެވެ. އާންމުކޮށް ޕާކިންސަންސް ބަލި ޖެހެން މެދުވެރިވަނީ ސިކުނޑީގައި ހުންނަ "އަލްފާ-ސިނޫކްލިއިން" ނަމަކަށް ކިޔާ ޕްރޮޓީނެއްގެ ބައްޓަން އާދަޔާ ޚިލާފަށް ބަދަލުވެ، އެކަތި އަނެކައްޗާ ތަތްވެ ގަނޑުވާން ފެށުމުންނެވެ. މިގޮތަށް އުފެދޭ "ލެވީ ބޮޑީސް" ކިޔާ ޕްރޮޓީން ގަނޑުތައް ނާރު ސެލްތަކުގެ ތެރޭގައި ޖަމާވުމުން، ނިއުރޯންތަކުގެ މެދުގައި މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމަށް ބުރޫއަރައި، ސިކުނޑީގެ މަސައްކަތްތައް މަޑުމަޑުން ހުއްޓުމަކަށް ގެނެއެވެ. އަދި އާރުއެންއޭ ވައިރަސްތަކުގެ ސަބަބުން މި ޕްރޮޓީން ގަނޑުތައް އުފެދުމުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާކަން ސައިންސްވެރިން ވަނީ ކަށަވަރުކޮށްފައެވެ.
ނާރު ސެލްތަކުގައި ދިގު މުއްދަތަކަށް ޕްރޮޓީން ޖަމާވެ ހަރުލުމަކީ، ޕާކިންސަންސް ބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބު--ފޮޓޯ/ހެލްތުލައިން
ވައިރަސްތަކުން ލިބޭ މިފަދަ ގެއްލުންތަކުން ދިފާޢުވުމަށްޓަކައި ހަށިގަނޑުގެ ސެލްތަކުގައި ޚާއްޞަ ނިޒާމެއް އެކުލެވިގެންވެއެވެ. މިގޮތުން ސެލްގެ ނިއުކްލިއަސްގައި ހުންނަ "ޑީޑީއެކްސް39އޭ" ނަމަކަށް ކިޔާ ޕްރޮޓީނަކީ، ވައިރަހެއް ވަނުމާއެކު ސެލްގެ އެތެރެއަށް ދަތުރުކޮށް، ވައިރަހުގެ އާރުއެންއޭ ފުރޮޅައި އޭގެ އޮނިގަނޑު ރޫޅާލުމުގެ ޤާބިލިއްޔަތު ލިބިފައިވާ މާއްދާއެކެވެ. މީގެ ސަބަބުން ވައިރަސް އިތުރުވުމަށް ހުރަސްއެޅި، ސެލްތެރޭގައި ވައިރަހުގެ ބާރު ދަށްކޮށްދޭއިރު، އަލްފާ-ސިނޫކްލިއިން ޕްރޮޓީން ގަނޑުވުންވެސް ވަގުތީގޮތުން ލަސްކޮށްދެއެވެ.
އެހެންނަމަވެސް، މި ދިފާޢީ ނިޒާމަކީ ހުރިހާ ހާލަތެއްގައި ފުރިހަމަ ރައްކާތެރިކަމެއް ދޭ އެއްޗަކަށް ނުވަނީ، ސެލްތަކުގެ އެތެރޭގައި އޮންނަ ހަމަހަމަކަން ނާޒުކުވުމުގެ ސަބަބުންނެވެ. ވަރުގަދަ އިންފެކްޝަނެއް އަޅައިގަންނަ ބައެއް ހާލަތްތަކުގައި ވައިރަހުގެ އަސަރު ގަދަވެގެން ގޮސް މި ދިފާޢީ ހަމަހަމަކަން ގެއްލި، ނުރައްކާތެރި ޕްރޮޓީން ގަނޑުތައް އުފެދުމުގެ ބާރު ގަދަވެގެންދެއެވެ. މިގޮތަށް ނާރު ސެލްތަކުގައި ދިގު މުއްދަތަކަށް ޕްރޮޓީން ޖަމާވެ ހަރުލުމަކީ، ޕާކިންސަންސް ބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބެވެ.
މި ހޯދުންތަކާއެކު ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ، މިފަދަ ސެލިއުލާ ބަދަލުތައް ދިގު މުއްދަތެއްގެ ތެރޭގައި އިންސާނާގެ ސިކުނޑިއަށް އަސަރުކުރާ ގޮތް އިތުރަށް ދިރާސާކުރުމަށެވެ. ދިރާސާ ކުރި ޓީމުން ބަޔާންކުރާ ގޮތުގައި، ތަކުރާރުކޮށް ނުވަތަ ބޮޑުވަރުވެގެން ފްލޫ ޖެހުމަކީ ޕާކިންސަންސްގެ ނުރައްކާ އިތުރުވެދާނެ ކަމެއް ނަމަވެސް، މިއީ އަރިދަފުސް ރޯގާ ޖެހޭ ކޮންމެ މީހަކަށް ޕާކިންސަންސް ޖެހޭނެ ކަމުގެ ހެއްކެއް ނޫނެވެ.
މި ދިރާސާއިން ދައްކައިދެނީ މި ބަލި އުފެދުމަށް ވައިރަސްތަކުން މަގުފަހިކޮށްދީފާނެ މޮލެކިއުލާ ގޮތްތަކެއް ކަމަށާއި، ބަލި ސީދާ ޖެހުމުގައި އިންސާނާގެ ޖެނެޓިކްސް އާއި ދިރިއުޅުމުގެ ވެށީގެ އިތުރުން ސިއްހީ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.
