ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު، ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ދަށު ކޯޓަކުން ނެރުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ބާޠިލުކޮށްފިއެވެ.
މި މައްސަލައަކީ އުމުރުން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލި ކަމުގެ ތުހުމަތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ އުފުލައި، ޝަރީޢަތް ނިމެންދެން ބަންދުކުރި މައްސަލައެކެވެ. އެ މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރުކުރީ ފެބުރުވަރީ 14، 2024ގައި ކަމަށްވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އެ އަހަރުގެ އޭޕްރިލް 14ގައެވެ.
އެހެންނަމަވެސް ބަންދު މުރާޖައާ ކުރުމަށް، ތުހުމަތު ކުރެވޭ މީހާ އެދުމުން، ދަށު ކޯޓުން ވަނީ އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފައެވެ. އެއާއެކު، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީއެވެ.
ދަށު ކޯޓުން އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ، ހެކިންގެ ހެކިބަސް ނެގިފައިވުމާއި، އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން ކުށް ތަކުރާރުކޮށްފާނެ ކަމަށް ނުބެލެވޭތީ އާއި ބަންދުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ ހާލަތު ބަދަލުވެފައިވާ ކަމަށް ބަލައިފައެވެ.
ދައުލަތުން އިސްތިއުނާފު ކުރި މި މައްސަލައިގައި، ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ރިޢާޔަތްކޮށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، ޝަރީޢަތަށް ހެކިބަސް ނަގައި ނިމިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކެނޑިގެންދާ ސަބަބެއް ނޫން ކަމަށެވެ. އަދި އޭނާއަކީ އަނިޔާ ލިބުނު ކުއްޖާ ދިރިއުޅޭ ގޭގެ ދޮރުމަތީގައި ދިރިއުޅޭ މީހަކަށްވާތީ ނުފޫޒު ފޯރުވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރިއެވެ. އަދި ކުށުގެ ރެކޯޑެއް ނެތުމަކީ އޭނާ ފުރަތަމަ ބަންދުކުރިއިރު ވެސް އޮތް ހާލަތެއް ކަމަށާއި، އެއީ އޭގެ ޒާތުގައި ފަހުން ބަދަލުވި ހާލަތެއް ކަމަށް ނުބެލެވޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކާ ހަވާލާދީ ހައިކޯޓުން ބަޔާންކުރީ، މައްސަލަ ލަސްވެ ބަންދުގައި ގިނަ ދުވަސް ވުމަކީ ޚާއްޞަ ޤާނޫނުގެ ދަށުން ބަންދުން ދޫކޮށްލަންޖެހޭ ޤާނޫނީ ސަބަބެއް ނޫން ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ހައްލަކީ މައްސަލަ އަވަހަށް ތާވަލުކޮށް އަވަހަށް ނިންމުން ކަމަށް ބަޔާންކުރިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮތް މީހަކު ދޫކޮށްލާއިރު، މުޖުތަމަޢުގެ ކުޑަކުދިން ރައްކާތެރިކުރެވޭނެ ފަދަ ހަރުދަނާ ޝަރުޠުތަކެއް ދަށު ކޯޓުގެ އަމުރުގައި ހިމަނާފައި ނުވާކަން ވެސް ހައިކޯޓުން ފާހަގަކުރިއެވެ.
ފަނޑިޔާރު ޙުސައިން މަޒީދު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގައި، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ އިއްތިފާޤުން ކުރެއްވި ޙުކުމުގައި ވަނީ، އޭނާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ނެރުނު އަމުރު ބާޠިލުކޮށްފައެވެ. އަދި އެ މީހާ އަލުން ބަންދުކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހަތް ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމުމަށް ވެސް ހައިކޯޓުން ވަނީ ދަށު ކޯޓަށް އަމުރުކޮށްފައެވެ.
