މާލޭ ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރުން ނަގަން ނިންމައިފައިވާތީ، އެ މައްސަލައިގައި ސިޓީ ކައުންސިލުން ކޯޓަށް ދާން ނިންމައިފިއެވެ.
ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވި ކައުންސިލުގެ ކުއްލި ޖަލްސާއެއްގައެވެ.
އެ ޖަލްސާގައި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޒް ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނެގުމުން އެކަމާ ކަންބޮޑުވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލްގެ ބިންތައް ނަގައިގެން ސަރުކާރުން ގެންނަން އުޅެނީ ތަރައްގީ ނޫން ކަމަށާއި އެއީ ސްކޭމެއް ކަމަށް މީކާއިލް ވަނީ ސިފަކުރައްވައިފައެވެ.
މީގެ އިތުރުން، މި ސަރުކާރުން ބިންތައް ނެގުމުގެ ބޭނުމަކީ ގަސްތުގައި ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަމަށާއި އަދުގެ ސަރުކާރަށް ގާނޫނު ހަނދާންކޮށްދިނުމަށް މި މައްސަލަ ކޯޓަށް ވަންދަންޖެހޭ ކަމަށް ޑެޕިއުޓީ މޭޔަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ފުރުޝާން ވަނީ 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީއިން ހުޅުމާލެއިން ބިމެއް ގަނެފައިވާ ކަމަށާއި ނަމަވެސް މާލެއިން ބިމެއް ބޭނުންވުމުން އެއްވެސް އަގަކާނުލައި ދޭންވީތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވަނީ މާލޭގެ ބިމެއް ދައުލަތައް ނަގާނަމަ ނެގެންވާނީ މާލޭގެ ރައްޔިތުންނަށް އޭގެ ބަދަލު ދީފައިކަަމަށް ވިދާޅުވެފައެވެ.
ފުރުޝާން ވަނީ މިނިސްޓްރީއިން ބިންތައް ނެގުމަށް ކޮށްފައިވާ އިއުލާނާ ގުޅޭގޮތުން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ގެޒެޓުކޮށްފައިވާ ލިޔުމުގައި، އާންމު ޝަކުވާއެއް އޮތްތޯ ބެލުމަށް އެދޭ ކަމަށް އޮތް ނަމަވެސް، ކައުންސިލްގެ ބަހެއް ހޯދާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލަށް ޚިޔާލު ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތުވެސް ދީފައިނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ، ދައުލަތަށް ނަގާފައިވާ ބިންތަަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ގާލިބް ހުށަހަޅާފައިވާ، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިއުމަށާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ވެސް ގެންދާ ގޮތަށް މިރޭގެ ކުއްލި ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
މާލޭގެ މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން، ދައުލަތަށް ނަގަން ނިންމައިފައިވާކަން އިއުލާންކުރީ އިއްޔެއެވެ. އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ 14 ދުވަހުގެތެރޭ ހައުސިން މިނިސްޓްރީއަށް ހުށަހަޅަން އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނަގަނީ:
- ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
- މަސް މާރުކޭޓު
- މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
- ލޯކަލް މާރުކޭޓު
- މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ
- ބިން
- ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
- ކާނިވާ ސަރަހައްދު
- އާޓިފިޝަލް ބީޗު
- މަސްވެރިންގެ މައިޒާން
- ތައިސޭ ކޮށި
- ކުލީ ފާޚާނާ ނަންބަރު 2
- ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
- ބޮނޑިބަތް ޕާކު
- ރަސްފަންނު
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެންނެވެ.
