ދިފާއީ ގުޅުންތައް ބަދަހިކޮށް، ދިފާއީ ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި ތުރުކީ، ގަތަރު، ޕާކިސްތާން އަދި އިންޑޮނޭޝިއާއިން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސީއެންއޭގައި ރިޕޯޓުކޮށްފައިވާ ގޮތުން، ތުރުކީގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވަނީ އިއްޔެ މި ހަތަރު ގައުމުގެ ދެމެދުގައި ސޮއިކުރެވުނީ "ބަދުރު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައެވެ.
ތުރުކީގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އިގްތިޞާދީ ގޮތުން ބޮޑު އަހައްމިއްޔަތުކަމެއް ދެވިގެން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އަސްކަރީ ސާމާނު އުފެއްދުމާއި، އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ފަންނީ އަސްކަރީ ތަމްރީނުތަކާއި ދިރާސާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. މީގެއިތުރުން، ކޮންމެ ގައުމެއްގައި ވެސް ހުރި ޚާއްސަ އަސްކަރީ އުފެއްދުންތެރިކަމުގެ ބޭނުން ހިފައި، އެކުވެރި ގައުމުތަކުގެ ބޭނުންތައް ފުއްދުމަށް މި އެއްބަސްވުމުން އެހީތެރިވެދޭނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ އަދި ވަރުގަދަ ދިފާއީ ސިނާއަތެއް އޮތް ތުރުކީން އަންނަނީ ޚަލީޖުގެ ގައުމުތަކުގެ، ޚާއްސަކޮށް ތުރުކީގެ އަސްކަރީ މަރުކަޒެއް ހުންނަ ގަތަރުގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށް އެހީތެރިވަމުންނެވެ.
މީގެއިތުރުން، ފާއިތުވި އޮގަސްޓް މަހު ތުރުކީން ވަނީ ނިއުކްލިއާ ބާރެއް ކަމަށްވާ ޕާކިސްތާނާއި ސައޫދީ އަރަބިއްޔާއާއެކު ދިފާއީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ހަމައެއާއެކު، އިންޑޮނޭޝިއާއާއެކު ވެސް ދިފާއީ ދާއިރާއިން ތުރުކީން ވަރުގަދަ ގުޅުމެއް ދަމަހައްޓައެވެ.
ތުރުކީގެ ޑިފެންސް އިންޑަސްޓްރީ ޕްރެޒިޑެންސީގެ ޗެއާމަން ޙަލޫކް ގޯގުން ވިދާޅުވީ، "ބަދުރު" އެއްބަސްވުމަކީ ގުޅިގެން އުފެއްދުންތައް އުފެއްދުމަށާއި ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އެޅުނު "ސްޓްރެޓީޖިކް" ބިންގަލެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ދިފާއީ ސިނާއަތެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ޓެކްނޮލޮޖީ ޙިއްސާކުރުމާއި އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން މި ހަތަރު ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
