ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ކުލަބް އެމްޓީސީސީ އާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗު، ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކުލަބް އެމްޓީސީސީ ކާމިޔާބުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 24-26، 18-25 އަދި 20-25 އިންނެވެ.
ދެޓީމުގައިވެސް ރާއްޖޭގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ތިބުމުން ވާދަވެރިވާނެ ކަމަށް ބެލުނު މި މެޗުގައި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ޕޮލިސް ކުލަބަށް މެޗުގައި ރަނގަޅަށް ނުކުޅެވުނުއިރު، އެމްޓީސީސީގެ ފަރާތުން ފެނިގެންދިޔައީ ތަފާތު، މޮޅު ކުޅުމެކެވެ. ފުރަތަމަ ސެޓުގެ ވަކި ހިސާބަކުން ޕޮލިސް ކުލަބުން ރަނގަޅަށް ކުޅެ، އެޓީމުން ސެޓު ގެންދާނެކަމަށް ބެލެވުނު ނަމަވެސް އެމްޓީސީސީން ވަނީ ފަހަތުން އަރައި ސެޓު ކާމިޔާބުކޮށްފައެވެ.
ފުރަތަމަ ސެޓު ކޮންމެވެސް ވަރަކަށް ވާދަވެރިކޮށް ދިޔަނަމަވެސް ފަހު ދެ ސެޓުގައި މުޅިންވެސް ފެނުނީ އެމްޓީސީސީން މެޗު ކޮންޓްރޯލްކުރި ތަނެވެ.
ގައުމީ ވޮލީ ލީގުގައި ކުލަބް އެމްޓީސީސީ އާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޙަސަން މާނިޢު
މިއީ ދެޓީމުވެސް ކުޅުނު ދެވަނަ މެޗެވެ. ޕޮލިސް ކުލަބުގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކުރިއިރު، އެމްޓީސީސީގެ ފުރަތަމަ މެޗުގައި ސިޓީ ފްރެންޑްސް ކުލަބް އަތުން މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ.
މުބާރާތުގައި މާދަމާ އޮންނާނީ ފިރިހެން ޑިވިޝަނުގެ ދެ މެޗެވެ. އެގޮތުން ހަވީރު 16:15 ގައި ލަޔަންސް ރެކްރިއޭޝަން ކުލަބާއި ކުލަބް އެމްޓީސީސީ ބައްދަލުކުރާއިރު، ރޭގަނޑު 20:30 ގައި ބައްދަލުކުރާނީ ކުލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބެވެ.
މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.
