ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ އިޙްސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބެލި ކޮމިޓީން ނިންމައިފައިވަނިކޮށް އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ އިޙްސާން އިސްތިއުފާ ހުށަހެޅުއްވީ މިއަދު ކަމަށެވެ. ވުމާއެކު މިއަދުން ފެށިގެން އެ މަގާމުން އިޙްސާން ވަކިކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި، ގާޒީ އިޙްސާން ވަޒީފާއިން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ބައްދަލުވުމުގައެވެ.
ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމި މި ނިންމުމުގައި ބަޔާންކޮށްފައިވަނީ އިޙްސާންގެ އަމަލަކީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 40-5 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ 1، 2، 3 އަދި 4ވަނަ ނަންބަރާ ޚިލާފު އަމަލެއް ކަމަށެވެ. އެހެންކަމުން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 32-1 ވަނަ މާއްދާގެ (ހ) ގެ ހަތަރުވަނަ ނަންބަރުގެ ދަށުން އޭނާ ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމައިފައެވެ.
އެ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތެއް ކަމަށް ބުނެ އަޑުފެތުރިފައިވީ ނަމަވެސް، އެ މައްސަލައިގައި ތުހުމަތު އުފެއްދި މުވައްޒަފު، ގާޒީ އިޙްސާން ޖިންސީ ފުރައްސާރަކޮށްފައި ނުވާކަމަށް ދެ ފަހަރެއްގެ މަތިން ކޮމިޝަނަށް ބަޔާން ދީފައިވާކަން އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އަދި ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށާއި، އެއީ އޭރު ހީވި ހީވުމެއްގެ މައްޗަށް ދެކެވުނު ވާހަކައެއް ކަމަށް އެ މުވައްޒަފު ބަޔާންކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ގާޒީ އިޙްސާން މީގެކުރިން ސަސްޕެންޑް ކުރެވުނު ދުވަސްވަރު، އެއީ ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް އަމުރެއް ނެރުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް ޖޭއެސްސީން ފަހުން ވަނީ އެކަން ދޮގުކޮށް ނޫސްބަޔާނެއް ވެސް ނެރެފައެވެ.
