އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓުގައި އެ ކުންފުނީގެ ޙިއްޞާ ބޮޑުކުރުމުގެ މަޤްޞަދުގައި، އޭއައި ގުޅުންތަކާއެކު ތަރައްޤީކޮށްފައިވާ ސިރީ ވާޗުއަލް އެސިސްޓެންޓާއެކު މަސައްކަތްކުރާ އާ ސްމާޓް އުފެއްދުންތަކެއް އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ޙަރަކާތެއްގައި، ދައްކާލައިފިއެވެ.
މީގެ ތެރޭގައި އައިޕެޑަކާ އެއްކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ "ހޯމްވިއު" ނަމަކަށް ކިޔާ ޑިވައިސެއް ހިމެނެއެވެ.
އަންނަ މަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ހޯމްވިއު ޑިވައިސްގެ އަގު ފެށެނީ 299 އެމެރިކާ ޑޮލަރާއެކުގައެވެ. މިއީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ނުލިބި އެޕަލްއިން ތަޖުރިބާކުރަމުންދިޔަ މާކެޓަށް އެ ކުންފުނިން އަލަށް ނެރުނު އުފެއްދުމެކެވެ.
އެޕަލްއިން މި އުފެއްދުންތައް ނެރެފައިވަނީ ވާދަވެރި މާކެޓެއްގައި އެމެޒޯން ފަދަ އާދަކާދައިގެ ވާދަވެރިންނާއި އޭއައި ދާއިރާގައި އަލަށް ކުރިއަރަމުން އަންނަ އޯޕަންއޭއައި ފަދަ ކުންފުނިތަކުގެ ވާދަވެރިކަމާ ކުރިމަތިލަމުންނެވެ.
އެޕަލްގެ އެހީތެރިކަމާއެކު އެލްޖީ އާއި ޝްނައިޑާ އިލެކްޓްރިކް އިން ވެސް ވަނީ މި ފަދަ އެކްސެސަރީތަކެއް ތަޢާރަފުކޮށްފައި ---
އެޕަލްގެ ޚިދުމަތްތަކުން ލިބޭ އާމްދަނީއަށް ރެގިއުލޭޓަރީ ފިއްތުންތައް ކުރިމަތިވެފައިވުމުން، އިންވެސްޓަރުން ބަލަމުންދަނީ ކުންފުނީގެ ހާޑްވެއާ ވިއްކައިގެން ލިބޭ ކުރިއެރުމަށެވެ. މި އަހަރުގެ ހޫނުމޫސުމުގައި އެޕަލްއިން ވަނީ ގޫގުލްގެ އެހީތެރިކަމާއެކު ސިރީގެ އިތުރު ފީޗަރުތައް ތަރައްޤީކޮށްފައެވެ. ނަމަވެސް މި އޭއައި އެސިސްޓެންޓަކީ ވާދަވެރި މާކެޓެއްގައި ކަސްޓަމަރުން އަތުލެވޭނެ ފަދަ ޤާބިލު އެއްޗެއްކަމާމެދު އެނަލިސްޓުން ސުވާލުއުފައްދައެވެ.
މީގެ އިތުރުން، އައިސްއަލަމާރިއާއި ސްމާޓް ޓީވީ ފަދަ ގުޅުވާލެވިފައިވާ ޑިވައިސްތަކަކީ ހެކަރުންގެ ނުރައްކާ އޮތް އެއްޗެހިކަމަށް ބުނެ ކަންބޮޑުވުންތައްވެސް ވަނީ އިތުރުވެފައެވެ.
ހޯމްވިއު ޑިވައިސްގެ އިތުރުން އެޕަލްއިން ވަނީ ހޯމްޕޮޑް ސްމާޓް ސްޕީކަރާއި އެޕަލް ޓީވީއަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އަދި އެޕަލްގެ އެހީތެރިކަމާއެކު އެލްޖީ އާއި ޝްނައިޑާ އިލެކްޓްރިކް އިން ވެސް ވަނީ މި ފަދަ އެކްސެސަރީތަކެއް ތަޢާރަފުކޮށްފައެވެ.
ސީސީއެސް އިންސައިޓްގެ ކޯ-ފައުންޑާ ބެން ވުޑް ވިދާޅުވީ، އާންމުކޮށް އަމިއްލައަށް ހާޑްވެއަރ ކޮންޓްރޯލްކުރާ އެޕަލްއިން އެލްޖީއާއި ޝްނައިޑާއާ ގުޅިގެން މަސައްކަތްކުރުމަކީ ޝައުޤުވެރިކަމެއް ކަމަށާއި، މި އުފެއްދުންތަކުގެ ޑިޒައިނާއި ކޮލިޓީ އެޕަލްގެ މިންގަނޑުތަކަށް ފެތޭގޮތަށް ވަރަށް ފުންކޮށް މަސައްކަތްކޮށްފައިވާކަން ފެންނަ ކަމަށެވެ.
މި ޑިވައިސް ދައްކާލުމަށް އާންމުކުރި ވީޑިއޯއެއްގައި، ފާރުގައާއި މޭޒުމަތީގައި ބެހެއްޓޭ ގޮތަށް ހުންނަ ހޯމްވިއު މެދުވެރިކޮށް، އާއިލާއެއްގެ ގިނަ މެންބަރުން އެއްފަހަރާ ކުރާ އަޑުގެ އަމުރުތަކަށް ސިރީއިން ޖަވާބުދޭ މަންޒަރު ދައްކާފައިވެއެވެ. ނަމަވެސް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގަވާއިދުތަކުގެ ސަބަބުން ސިރީ އޭއައި އެ ސަރަޙައްދުގައި ލިބެން ނެތުމުން، ހޯމްވިއު ޑިވައިސް އީޔޫގެ ޤައުމުތަކުގައި ނުވިއްކާނެކަމަށް އެޕަލްއިން ބުނެފައިވެއެވެ.
އެޕަލްއިން ސްމާޓް ޑިވައިސްތައް ކޮންޓްރޯލްކުރާ "ހޯމް" އެޕް 2016 ގައި އަދި ހޯމްޕޮޑް ސްޕީކަރު 2018 ގައި ނެރުނު ނަމަވެސް، އެ އުފެއްދުންތަކަށް ވަނީ ގޫގުލް ހޯމް އަދި އެމެޒޯން އެކޯއާ ވާދަކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެނަލިސްޓުން ފާހަގަކުރާ ގޮތުގައި އެޕަލްއަށް އޮތް އެންމެ ބޮޑު ދެ ގޮންޖެހުމަކީ ތިންވަނަ ފަރާތްތަކުގެ ޑިވައިސްތަކާއެކު މަސައްކަތްކުރުވުމާއި ސިރީގެ ޖަވާބުދިނުމުގެ ލިމިޓޭޝަނެވެ.
ކައުންޓަރޕޮއިންޓްގެ ރިސާޗް ޑިރެކްޓާ މޮހިތު އަގްރަވާލް ވިދާޅުވީ، ގޭގޭގައި މިހާރު ހުރި ގިނަ ސްމާޓް ސްޕީކަރުތަކަކީ އޭއައި ހިންގޭ ފެންވަރުގެ އެއްޗެހި ނޫންކަމުން، އެ ތަކެތި ބަދަލުކުރުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އަދި އެމެޒޯންއާއި ގޫގުލްއިން އެލެކްސާ ޕްލަސް އަދި ޖެމިނައިއަށް ހާޑްވެއަރ ބަދަލުކުރަން ފެށީ އަދިކިރިޔާ ކަމަށްވުމުން، އެޕަލްއިން ބޭނުންވަނީ މި ފުރުޞަތުގެ ބޭނުންހިފައި މާކެޓް ކާމިޔާބުކުރުމަށެވެ.
އަގުތަކަށް ބަލާއިރު، 299 ޑޮލަރަށް ވިއްކާ ހޯމްވިއުގެ އަގު، 199.99 ޑޮލަރަށް ވިއްކާ އެމެޒޯން އެކޯ ޝޯ 8 އާއި 99.99 ޑޮލަރަށް ވިއްކާ ގޫގުލް ނެސްޓް ހަބަށްވުރެ ބޮޑެވެ.
މީގެ އިތުރުން، އާ އެޕަލް ޓީވީ 4ކޭ ގެ އަގަކީވެސް 299 ޑޮލަރެވެ. މިއީ ކުރީގެ މޮޑެލްއަށްވުރެ ދެގުނަ ބޮޑު އަގެއް ކަމަށްވާއިރު، އެންވީޑިއާގެ ޝީލްޑް ޓީވީ ޕްރޯގެ އަގާ އެއްވަރު އަގެކެވެ. ނަމަވެސް އެމެޒޯން، ގޫގުލް އަދި ރޯކޫގެ ވާދަވެރި އުފެއްދުންތަކުގެ އަގު އުޅެނީ 200 ޑޮލަރަށްވުރެ ދަށުގައެވެ.
މި ޚަބަރާއެކު އަންގާރަ ދުވަހުގެ ވިޔަފާރީގައި އެޕަލްގެ ހިއްސާގެ އަގު ވަނީ 1.6 އިންސައްތަ މަތިވެފައެވެ. މިއަހަރުގެ މިހާތަނަށް އެޕަލްގެ ހިއްސާ 25 އިންސައްތަ ކުރިއަރާފައިވާއިރު، މިއީ ނާސްޑެކް 100 އިންޑެކްސް ކުރިއަރާފައިވާ 21 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
