ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ހަމަޖައްސާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސުވަޕް ފެސިލިޓީ އިތުރު މުއްދަތަކަށް ފަސްކޮށްދިނުމަށް (ރޯލްއޯވަރ ކުރުމަށް) އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ، މި ފެސިލިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސާކް ގައުމުތަކަށް ހާއްސަކޮށްފައިވާ ކަރަންސީ ސުވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ 23 އެޕްރީލް 2026 ގައެވެ.
ދެހާސް ސައުވީސް ވަނަ އަހަރުން 2027 އަށް އެކުލަވާލާފައިވާ މި އޮނިގަނޑުގެ ދަށުން ދެފަރާތުގެ މެދުގައި ވެވިފައިވާ ރުޕީސް ކަރަންސީ ސުވަޕް އިންތިޒާމުން އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ލިބިގެންދެއެވެ. އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، 2012 ވަނަ އަހަރު މި އޮނިގަނޑު ތައާރަފުކުރި ފަހުން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ސުވަޕް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޒަރީ ބޮންޑް ވެސް އިންޑިއާއިން ވަނީ ގަނެފައެވެ. އަދި އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލް ރާއްޖެއިން ދައްކައި ހަލާސްކޮށްފައިވާއިރު، އެއަށް އެރި އިންޓްރެސްޓްގެ ގޮތުގައި 42.8 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ. ހައިކޮމިޝަނުން ބުނީ މި ކަރަންސީ ސުވަޕް ފެސިލިޓީއާއި، ޓީ-ބޮންޑް އަދި ޓީ-ބިލްތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ލިބިގެންދިޔަ ވަރަށް މުހިންމު އެހީއެއް ކަމަށެވެ.
އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި ކުރިއެރުމަށް އެކުލަވާލާފައިވާ "ވިޝަން މަހާސާގަރު" ގެ ދަށުން ރާއްޖެއަކީ އަބަދުވެސް ވަރަށް ހާއްސަ އިސްކަމެއް ދެވޭ ގައުމެކެވެ. އިތުބާރު ހިފޭ، ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮވެ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގައި އެއްބަސްވެވުނު އިގްތިސާދީ އަދި ކަނޑުގެ ސަލާމަތާ ބެހޭ ގުޅުންތައް ތަންފީޒުކުރުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނުގެ ބަޔާނުގައި ވަނީ ދީފައެވެ
