ވަގުތަށް ކަމޭ ހިތާ ރަގަޅުގޮތުގައި ބޭނުން ހިފާށެވެ. އެއީ އެހާވެސް އަގުހުރި އެއްޗެކެވެ. ފާއިތުވުމުން އަނބުރާ ނުހޯދޭނެއެވެ.
***
"ދެން އެމީހުންނާ ގުޅާ."
"އަހަރެން މަސައްކަތްކުރީމޭ....."އެހެން ބުނެވުނުލެއް ބާރުކަމުން ޚުދު އޭނާވެސް ސިއްސައިގެން ދިޔައެވެ. އޭނާ ނިތްކުރީގައި އަތްޖައްސައިލިއެވެ. "އަހަރެން ސިފްރާންގެ ފޯނުން ގުޅަން މަސައްކަތްކުރިން. އެއެއް މަސައްކަތެއް ނުކުރޭ. އަހަރެން މަންމަމެންނަށް ސިޓީއެއް ފޮނުވިން، އަދި މިހާރު އެ ސިޓީ ވީދާ ކުދިކުދިކޮށްލާފައި ވަނީ ތި އޮފީސްތެރޭ....ސިފްރާން ބުނެބަލަ އަހަރެން ކިހިނެއް ހަދަންވީ؟ސިޓީ އުފުލާ ކޮތަރަކާއި ހަވާލުކޮށް މެސެޖު ފޮނުވަންވީ؟"
މިލްހާ ހީކުރީ ސިފްރާން އަޑުގަދަކޮށްފާނެ ކަމަށެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ އެފަދަ ކުލަވަރެކެވެ. އެހެންނޫނަސް އޭނަގެ އަޑު ބާރުކަމުން މިގޭގެ ވެރިން ވީމަ އޭނަ ހަމަބިމަށް ތިރިކުރަން ފިޔަވަޅެއް އަޅާނެއެވެ. މޫނަށް އެތިފަހަރެއް އަރާނެކަމަށް އެއް ފިޔަވަޅު ފަހަތަށް ޖެހިލިއެވެ.
އޭނަ ހީކުރިގޮތާއި ޚިލާފަށް ސިފްރާން ވީދިފައިވާ ކަރުދާސްކޮޅުތައް މޭޒުމަތީގައި ބެހެއްޓިއެވެ.
"އާ ޔޫ ފިނިޝްޑް؟"
މިލްހާގެ އަނގަ ހުޅުވުނުގޮތަށް ލައްޕައިލަންވެސް ނޭގުނެވެ. ފޮނި ފިރިހެނެކެވެ. ރަށުންވެސް މިޒާތުގެ ފިރިހެނަކާއި ދިމާވި ހަނދާނެއްނުވެއެވެ.
"އަހަރެން އެދެނީ އަހަންނަކީ ސިފްރާންއަށް ޖެހިގެން އުޅޭ މުސީބާތަކަށްވެފައި އެކަމަކު މަޖުބޫރުވެގެން ކެތްކުރަންޖެހޭ މީހެއްގެ ގޮތުގައި ދުށުން ހުއްޓައިލަން..."
އޭނާގެ ކޮލުގެ ކަށިގަނޑަށް ވާންވެލިއެވެ. "ވިސްނައިގެން ވާހަކަދައްކާތި މިލްހާ..."
"ބަލައިގެން ވާހަކަ ނުދެއްކިއްޔާ ކިހިނެއްވާނީ؟" އޭނާ ރުޅިއަންނަގޮތްވިއެވެ. "އަނެއް ސިޓީ ވީދާލާނީތަ؟"
ސިފްރާންގެ ދެލޯ ހަނިވިއެވެ. "ދެޓް އިޒް އިނަފް މިލްހާ........"
"ނޫން، އެއީ ފުދޭވަރެއް ނޫން.... އެއްގޮތަކަށްވެސް އަދި ނުވޭ....." އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ.އެ ވާހަކަތައް ހަފުތާތަކެއް ވަންދެން ހިތުގައި ރައްކާކުރެވިފައިވަނިކޮށް މިހާރު އެ ބަންޑުންވެގަތުމުން ހުއްޓުވަން ނުކުޅެދުނެވެ."މިތަނަށް ގެނައިގޮތަށް އަހަރެން އުޅޭނީ ކޮންތަނެއްގައިކަމާއި ކުރާނީ ކޮންކަމެއްކަމާއި އަދި އަމިއްލަ އާއިލާއާ ވާހަކަދެއްކުން ހުއްދަވޭތޯވެސް ނިންމަނީ ސިފްރާން ހަދީދް......... އަދި އަހަރެން އެކަށީގެންވާ ރަނގަޅު ސުވާލެއް ކުރިކަމުގައި ވިޔަސް ދެކެނީ ކޮންމެވެސް ބޮޑު ކުށެއްކުރީކަމަށް..މީހަކު މަރާލައިގެން ހައްޔަރުކޮށްގެން އުޅޭހެން. އަހަރެން ބޭނުމީ މަންމަމެން ގާތަށް އެނބުރި ދާން......."
"އާއިލާއާ ވާހަކަނުދެއްކޭނެ ކަމަށް ދުވަހަކުވެސް ނުބުނަން. އަދި ބުނެފިން ސިޓީ ވީދާލީ މަށެއް ނޫނޭ...."
"އަހަރެން ބުނެފީމެއްނު ތި ވާހަކަ ގަބޫލެއް ނުކުރަމޭ.."
"އެހެންވިއްޔާ މި ވާހަކަދެއްކުމުގެ އިތުރު ބޭނުމެއް އޮތްހެނެއް ހީއެއްނުވޭ." ސިފްރާން ދާންވެގެން އަނެއް ފަރާތަށް އެނބުރުނެވެ.
"ބުނަން.....އަހަރެން މިއީ ސިފްރާންގެ ޚާދިމާއެއްނޫން..."އޭނަ އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިނަމަވެސް އަޑުގައި ތުރުތުރެއްވިއެވެ. "ސިފްރާން ބޭނުންނުވާ ވާހަކައެއް ދައްކަން ފަށާއިރަށް އެ ވާހަކަ ހުއްޓުވައިލާކަށް ނުޖެހޭ...ހަމަ މިހާރު ހުރިހާކަމެއް ސާފުކޮށްދީ....."
ސިފްރާން ގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އޭނައާއި ދިމާލަށް އެނބުރުނެވެ. އޭނަގެ ހިތް ބާރަށް ތެޅިގަތެވެ. އޭނާ ދުވަހަކުވެސް މިހާ ހަރުކަށިކޮށް އަދި ހިތުގައި ހުރި ހުރިހާ ޝަކުވާއެއް ބޭރުކޮށްލާފައި ސިފްރާނާ ވާހަކަދައްކާފައެއް ނުވެއެވެ. އެހެންވެ ސިފްރާން ބުނާނެ އެއްޗަކަށް އޭނާ ހުރީ ބިރުންނެވެ. ނަމަވެސް އަޅާނުލާ ދޫކޮށްލެވޭވަރަށްވުރެ އޭނާގެ ރުޅިގަނޑު ގަދަވީއެވެ.
"ނޫން.... "ސިފްރާން ފިނިކޮށް ޖަވާބުދިނެވެ."ނަމަވެސް މާ މައްޗަށް ވާހަކަ ދިޔައީމަ އަހަރެންގެ އޮފީހުން ނުކުތުމަށް އެދެވިދާނެ."
"އަހަންނަށް އެއްގޮތަކަށްވެސް ސިފްރާން ދަހެއްނުވި.....މިއީ ވަރަށް ބޮޑު ގެއެެއް......މީހުންނަށް ގުނަން އުދަގޫހާ ގިނަ ކޮޓަރިތަކާއި މަޖައްލާތަކުން ފެންނަ ފަދަ ރީތި ބަގީޗާއަކާއި މި ޝަހަރުގެ ދެބައިކުޅަ އެއްބައި ގަނެލެވޭ ވަރަށް ފައިސާ ހުރިތަނެއް....ނަމަވެސް މަސައްކަތްކުރާ ފޯނުގަނޑެއް، އިންޓަނެޓެއް، އަދި އަމިއްލަ އާއިލާއާ ގުޅޭނެ އެއްވެސް ގޮތެއް ނެތީ ކީއްވެކަމެއް ނޭގޭ......."
ސިފްރާން ބުމަ މައްޗަށް އުފުލައިލިއެވެ. "މިހާރު ތި މިއުޅެނީ އެކަމާހެދިތަ؟ އިންޓަނެޓާހެދި؟"
"އަހަރެން މިތަނަށް އައީމަ އެނގުނީ އަހަރެން ނަވާރަ ވަނަ ޤަރުނަށް އެނބުރި ދަތުރުކޮށްފައިވާކަމަށް...."
ސިފްރާން ހަށަން ބަދެލައިގެން ބަލަން ހުރީއެވެ. ބޮލަށް އުދަގޫވެފައިހެއްޔެވެ؟
އޭނާ ފުން ނޭވައެއް ލިއެވެ. "އިންޓަނެޓް ނެތީ ކީއްވެ؟"
"ސަބަބަކީ އަހަރެން އިންޓަރނެޓް މިގެއަށް ނުލާތީ...."
"ކީއްވެ؟"
"ބޭނުން ނުވާތީ. އެއާނުލައިވެސް ދުނިޔޭގައި އުޅެވޭ... އެންމެ ރަގަޅު...މާދަން ފޯނު ރަަގަޅުތޯ ބަލަން މީހަކު ގެންނާނީ... މިލްހާއަށް އިތުރު އެއްޗެއް ބޭނުންވޭތަ؟ އައިފޯނެއް އިންޓަނެޓް ނޫނީ ކޮމްޕިއުޓަރެއް؟" ސިފްރާން ސުވާލުކުރިއެވެ.
""މާދަމާތަ؟"
"އާނ."
ވަގުތުން އެކަން ކޮށްދިނުމަށް ބާރު އަޅަން އޭނަ ބޭނުންވިއެވެ. އެތައް ދުވަހަކު އިންތިޒާރުކުރުމަށްފަހު އިތުރު އެންމެ ދުވަހަކީވެސް ގަރުނެއްކަމަށް ހީކުރެވުނެވެ. އޭނަ ހަނދާންވީ ކެތްތެރިވާން ޖެހޭނެކަމެވެ. އެންމެ ދުވަހަކަށް ކެތްތެރިވުމަކީ ބޮޑުކަމަކަށާށް ނުވާނެ ނޫންހެއްޔެވެ؟ ސިކުނޑިއަށް ތަސައްލީއެއް ލިބުނަސް އެކަން ދައްކައިލުމެއްނެތި ބުމަ ގާތްކޮށްލައިގެން ހުރެ ބޯޖަހައިލިއެވެ. "އެންމެ ރަނގަޅު. މާދަން...."
***
މިލްހާ ދޮރު ލައްޕާލާފައި ނުކުތުމުންވެސް މިލްހާ ހުރި ތަނަށް ބަލަހައްޓައިގެން ސިފްރާން އިރުކޮޅަކަށް ހުއްޓެވެ.
ހަގީގަތުގައި އެ ސިޓީ ވީދައިލީ ސިފްރާންއެއްނޫނެވެ. އެ ތުހުމަތުގެ ސަބަބުން އޭނާގެ ހިތުގައި އަދިވެސް އުނދަގޫކަމެއް އޮތެވެ. ނަމަވެސް އެއީ މިލްހާ އެހެން ހީކުރުމުން ނޫނެވެ. މީހުން ގެ ނިމުމެއްނެތް ސުވާލުތަކާއި ކުރިމަތިލާން އޭނާ ވަނީ އާދަވެފައެވެ. ނަމަވެސް މިހާ ބޮޑު ފޯރިއެއްގައި މީހަކު ސުވާލު މި ކުރީ އަލަށެވެ. އޭނާއަކީ ކުށްވެރިޔާކަން މިލްހާ ސާބިތުކަމާއެކު ކަނޑައެޅުމުން ނުތަނަވަސްވިއެވެ. މީހުން ރުޅި އަރުވައިލަން ކުޅަދާނަ އަންހެނެކެވެ.
އޭނާގެ މޭޒުމަތީގައި ހުރި ވީދިފައިވާ ކަރުދާސްކޮޅުތައް ފެނުމުން އެ ކޮޓަރިއަށް ސިޓީ އައީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ސިޓީ ވީދާލުމަށްފަހު އެ އެތިކޮޅުތައް އޭނާގެ ކުނިވަށިގަނޑަށް އެއްލައިލާނީ ކާކު ހެއްޔެވެ؟ އޭނާ ސޯފާގޮނޑީގައި އިށީނެވެ. އަދި އެ ކަރުދާސްކޮޅުތަކަށް ބަލައި ބުމަ ގާތްކޮށްލިއެވެ. އިނގިލިތަކުގެ މެދުގައި ކަރުދާސްކޮޅެއް އަނބުރަމުން އެއަށް ބަލައިލިއެވެ.
އޭނަގެ ޚިޔާލަށް ކުއްލިއަކަށް ފެނިލި ސޫރައަކުން މޫނުގައި އަތް އަޅައިލެވުނެވެ. އޭނާއަށް ވަގުތުން އެކަން ނޭނގުނީ ކީއްވެހެއްޔެވެ؟ ސުވާލެއްވެސް އޮތްކަމެއް ނޫނެވެ. އެކަން ކުރީ ކާކުކަން އޭނާއަށް ޔަގީންވިއެވެ. އެއީ ހަމަ ދެވަނަ މީހެއްގެ މަސައްކަތަކަށްނުވާނެއެވެ. މިފަދަ ކަމެއް ކުރުމަށްފަހު އެއްވެސް ކަމެއް ނުވާކަމަށް ހަދައިގެން އުޅެވޭނީ މިގެއިން އެންމެ އިންސާނަކަށެވެ.
މިލްހާ ހުރީ އެސިޓީ ވީދައިލީ އޭނަކަމަށް ވަރަށް ބޮޑަށް ޔަޤީންކޮށްގެންނެވެ. އެކަން ހިނގާދިޔަގޮތް އެނގުމުން ސިފްރާންއަށް ހުނުން ހިފަހައްޓައެއް ނުލެވުނެވެ. ފަހަރެއްގައި އޭނާއަށް ހެވުނީ މިލްހާގެ މޫނުމަތީގެ ކުލަވަރު ހަނދާންވުމުން ކަމަށްވެސް ވެދާނެއެވެ.
މިލްހާ ކުޑައިރުކޮޅެއްކުރިން ސިފްރާންއާއި ހަނގުރާމައަށް އައިސް ކުރިމަތީގައި ހުރީ މޫނު މައްޗަށް ނަގައިގެންނެވެ. އޭނާގެ ކޮނޑާ ހަމައަށް ކިރިޔާ ފޯރާ އަންހެންކުއްޖެކެވެ. މޫނުމަތި އެއްކޮށް ރަތް ކޮށްލައިގެން ވަށައިގެންވާ ފާރުތައް ބިމަށް ވެއްޓެންދެންވެސް އޭނާއާ އަރައިރުންވާން ތައްޔާރަށް ހުރިކަން ދޭހަވާފަދަ ކުލަވަރެއް މޫނުން ފައުޅުކޮށްލައިގެންނެވެ. ކުޑަ ސިންގާއެއްފަދައިންނެވެ.
އެއްވަގުތެއްގައި އޭނާ ދެކެ އެހާ ބިރުގަނެފައި ޖެހިގެން އަންނަ މިނިޓުގައި އެހާ ހިތްވަރުގަދަވާތީ އޭނަ ހައިރާންވިއެވެ.
ޒުވާން އަންހެނަކު އެގެއަށް އައިގޮތަށް ކަންކަން މަދުކަމަށް ދެކެ ފާޑުކިޔަސް މުޅި ގޭގެ އުސޫލުތައް ބަދަލުކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް އޭނާގެ ނެތެވެ. އެހެންނަމަވެސް ފޯނުގެ މައްސަލައާ މެދު އަލުން ވިސްނާލަން އޭނާއަށް މަޖުބޫރުވިއެވެ.
އޭނާ ގަސްތުކޮށްގެން ހުރީ ކޮންމެވެސް ދުވަހަކުން އެ ފޯނު ރަނގަޅުކުރުމަށެވެ. އަބަދުވެސް ބަލަންޖެހޭ އެފަދަ ކުދިކުދިކަންތައް ހުރެއެވެ. މަސައްކަތްކުރާ ފޯނު ލައިނެއް ނެތުމަކުން އޭނާއަށް އުނދަގުލެއް ފޯރަނީއެއްނޫނެވެ. އެ ފޯނާ ނުލައިވެސް ގޭގެ ކަންކަން ވަރަށް ފުރިހަމައަށް ހިނގައެވެ. ޔަގީނުންވެސް މިލްހާ އައުމާއި ހަމައަށް އެކަން އޮތީ އެހެންނެވެ. މިހާރު ފޯނެއް ނެތުމަކީ މިލްހާގެ އަމިއްލަ ނަފްސަށް ލިބޭ އަނިޔާއަކަށް، އަދި އިންޓަނެޓް ނެތުމަކީ އޭނާގެ އިންސާނީ ޙައްޤަކަށް އަރައިގަތުން ކަމުގައި ވެއްޖެއެވެ.
މިލްހާއަށް ހަގީގަތް ކިޔައިދިނުމުގެ އެއްވެސް ގަސްތެއް ސިފްރާންގެ ނެތެވެ. ޔަގީނުންވެސް މިއަދަކު ނޫނެވެ.
ނަމަވެސް، މި އަމަލު ހިންގި ކުއްޖަކާއި ބައްދަލުވާ ފަހަރަކުން ސީރިޔަސް ވާހަކައެއް ދެކެވޭނެއެވެ.
***
ސިފްރާންއަށް މަންމަ ފެނުނީ ސިޓިންގރޫމުންނެވެ. އެތަނުގައި ހިފާފައިވާ ލުއި މީރުވަހުން ސިކުނޑި ތާޒާކުރުވައެވެ. ކުޑަދޮރު ކައިރީގައި ހުރި ދިގު ސޯފާގައި އުނގުމަތީގައި ފޮތެއް ހުޅުވާލައިގެން މަންމަ އިނެވެ. ސިފްރާން ސިޑިން ފައިބައިގެން އަންނަތަން ފެނުމުން ނަސްރީން އިސްއުފުލައި ބަލައިލިއެވެ.
"ސިފްރާން؟ މަންމަ ހީކުރީ ދަރިފުޅު މަސައްކަތުގައިކަމަށް އުޅުނީ......."
ސިފްރާން ކައިރިވަމުން އައިވަރަކަށް ނަސްރީން އެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެނުނު ކޮންމެވެސް ކަމެއްގެ ސަބަބުން ނަސްރީން އަތުގައި އޮތް ފޮތް އެއްފަރާތެއްގައި ބޭއްވިއެވެ.
އޭނަ މަންމަގެ ކައިރީގައި ސޯފާގައި އިށީނެވެ. އެއާއެކު މުޅި ދުވަހުގެ ކުރި މަސައްކަތުގެ ވަރުބަލިކަމަށްވުރެ ތަފާތު ވަރުބަލިކަމަކާއެކު ސޯފާގައި ހަށިގަނޑު ދަމައިލަމުން ނަސްރީންގެ އުނގުމަތީގައި ބޯއެޅިއެވެ.
ނަސްރީންގެ މޫނުމަތީގެ ކުލަވަރު މަޑުމައިތިރިވިއެވެ. ޒުވާން ދަރިފުޅު މަންމަގެ ގާތަށް މިހެން އަންނާނީ ކޮންމެވެސް ބޮޑުކަމެއް ދިމާވީމަކަން އޭނައަށް އެނގެއެވެ. މިއީ އާންމުކޮށް ސިފްރާންގެ ފަރާތުން ފެންނަ އަމަލެއް ނޫނެވެ. މަދު ފަހަރެއްގައި ހިތަށް ނުކުޅަދާނަވެ ހިތް ހަލާކުވުމުން މަންމަގެ އަތުގެ ހިމާޔަތަށް އާދެވެނީއެވެ. ސިފްރާނަކީ އަބަދުވެސް އަމިއްލަވަންތަ ގޮތެއް ހުންނަ ޒުވާނެކެވެ. ދިމާވާ މައްސަލަތަކާއި އުދަގޫތައްވެސްަް އޮބިނޯންނަވަރު ވަންދެން ހިމޭންކަމާއެކު ތަހައްމަލުކުރާ މީހެކެވެ. ނަސްރީން ދަރިފުޅުގެ އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން ފިރުމަން ފެށިއެވެ. "ކިހިނެއްވީ ދަރިފުޅާ؟"
"ކަމެއް ނުވޭ."
"ކަމެއް ނުވެޔޭ؟" ނަސްރީން ބުމަ އަރުވައިލިއެވެ. "ކޮންމެވެސް ކަމަކާ އުނދަގޫވާކަން މަންމައަށް އެނގޭ، ދަރިފުޅާ."
"މިއީ ވަރަށް ވަރުބަލިވި ދުވަހެއް."
"ކޮންމެވެސް ކަމެއް ހިނގީތަ؟" ނަސްރީން އަހައިލިއެވެ. ނަސްރީންގެ ނަޒަރު ހުރީ ވިސްނުންތެރިކަމާއެކު ސިފްރާނުގެ މޫނަށް ހުއްޓިފައެވެ.
"ދަރިފުޅަށް އެނގޭނެ......" އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނަސްރީން ބުނެލިއެވެ. "މަންމަ ގާތު ދޮގުހަދާއިރު ދުވަހަކުވެސް ގަބޫލުކުރެވޭހާ މޮޅަށް ދޮގުހަދަން އެނގޭ ކުއްޖެއްނޫން..."
"ދޮގެއް ނުހަދަން."
"އެހެންވިއްޔާ ކޮންމެވެސް ކަމެއް އެބަ ފޮރުބާ... ބުނެބަލަ، ކިނެއްވީ؟"
އޭނާ މަޑު ނޭވާއެއް ދޫކޮށްލިއެވެ. ނަސްރީން މަޑުމަޑުން ހިނިތުންވެލުމަށްފަހު އަނެއްކާވެސް އޯގާތެރިކަމާއެކު ފިރުމަން ފެށިއެވެ. އިރުކޮޅެއް ވަންދެން ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ގޭތެރެއޮތީ އާދަޔާޚިލާފަށް ހިމޭންވެފައެވެ. އަދި ދުވަހުގެ އެންމެ ފަހުގެ އަލިކަން ގެއްލި ގޭތެރެއަށްވެސް ރަންކުލައިގެ އައްޔެއް އެޅެމުން ދިޔައެވެ.
"މަންމައަށް ހީވޭތަ އަޅުގަނޑު ކުރީ ކުށެކޭ؟" ސިފްރާން ކުއްލިއަކަށް ސުވާލުކުރިއެވެ.
ނަސްރީންގެ އަތުގެ ހަރަކާތް ހުއްޓުނެވެ. "ކޮންކަމަކާ؟"
"މިލްހާ........"އޭނަ ކުޑަކޮށް ޖެހިލުންވިއެވެ.
"މި ވިސްނަނީ މި ރޭވުމާއި....،" އޭނާ ކުރިއަށް ގެންދިޔައެވެ. "ކައިވެންޏާމެދު...."
އޭނާގެ މޫނު މަންމައާ ދިމާލަށް ކުޑަކޮށް އަނބުރައިލިއެވެ.
"ހިތަށް އަރަނީ އޭނާ މިތަނަށް ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްބާވައޭ...."
"ކީއްވެ ތިހެން ހިތަށް އެރީ؟"
"ސަބަބަކީ އޭނާއަކީ ހަގީގަތުގައި މިގެއަށް ނިސްބަތްވާ އާއިލާގެ މެމްބަރެއް ނޫން." އޭނަ ވިސްނައިލިއެވެ.
"ހޫމް......." ނަސްރީން މަޑުމައިތިރިކަމާއެކު އެއްބަސްވިއެވެ. "އޭނާއަކީ މިތަނުގެ މީހެއް ނޫން. ޔަގީނުންވެސް އަދި ނުވޭ..."
"އޭނާ އުޅެނީ އުފަލަކުން ނޫން. އޭނާއަށްވެސް އިހުސާސް ކުރެވެނީ މިގޭގައި ބަންދުވެފައި ހުރީހެން...ކޮންމެ ދުވަހަކުވެސް މިގެ ނޫނީ އަޅުގަނޑުގެ މައްސަލައެއްގައި އޭނާ ރުޅިއަންނަ ކަމެއް މެދުވެރިވޭ. އަދި އަޅުގަނޑަށް އޭނާ މުޅިން ކުށްވެރިއެކޭވެސް ނުބުނެވޭނެ...."
"އޭނާއަށް އެފަދަ އިޙްސާސެއް ކުރެވޭނެ ސަބަބެއް ދަރިފުޅު ކުރިމަތިކުރިންތަ؟"
"މިލްހާ ބޭނުންވަނީ އާއިލާގެ ކައިރިއަށް އެނބުރިދާން."އޭނަ ލޯ މަރައިލިއެވެ.
" އެހެން ބޭނުންވާނެ. އޭނާ އައިތާ އަދިި މިވީ ކުޑަދުވަސްކޮޅެއް."
އިރުކޮޅެއްވާންދެން ނަސްރީން އިތުރު އެއްޗެއް ނުބުނެ ހިމޭންވިއެވެ. އަނެއްކާވެސް ވާހަކަދެއްކިއިރު އަޑު މަޑުވިޔަސް ސާބިތުކަމެއް ހުއްޓެވެ.
"ހާލަތު އުނދަގޫވުމާއެކު ދަރިފުޅަށްވެސް އޭނާ ފޮނުވާލެވޭކަށް ނޯންނާނެ."
ސިފްރާން ތެދުވެ ސޯފާގައި ފަހަތަށް ލެނގިލަމުން މޫނުގައި އަތްހިންގައިލިއެވެ.
ނަސްރީން އޭނާއަށް ބަލަހައްޓައިގެން އިނީ މަންމައެއްގެ އޯގާތެރިކަމާއި ލޯބި އަދި ކެތްތެރިކަމާއެކުގައެވެ. ދަރިފުޅު އަމިއްލަ ނަފްސަށް ކަމެއް ޤަބޫލުކުރުވަން އަދި ވިސްނަން އުޅޭ ވަގުތު މަންމައެއްގެ ހައިސިއްޔަތުން ދެެނެގަނެވެއެވެ. ދަރިފުޅާއިއެކު އެވީ ދިގު މުއްދަތުގައި ސިފްރާންގެ ހަރަކާތްތަކާއި އަމަލުން ހުރިހާކަމެއް ދެނެގަނެވެއެވެ.
"ދަރިފުޅު އޭނާ މިތަނަށް ގެނައީ ސަބަބެއް އޮތީމާ....ހަމަ ހުރެފައެއްނޫން..."
އޭނާގެ ކޯކަށިގަނޑަށް ބާރުވިއެވެ. "އަޅުގަނޑަށް އެނގޭ."
"މިލްހާ މިގެއަށް ގެންނަން ޖެހުނު އެ ސަބަބަކަށް އަދިވެސް ބަދަލެއް ނާދޭ."
ނުނިމޭ
