ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން، ނިޔާފް މުޙައްމަދު އިސްނަގައިގެން ފެށި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، އެ ވިޔަފާރީގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ފަށައިފިއެވެ.
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް ނިޔާފް، މި ވިޔަފާރީގެ ބިންގާ އެޅީ ޒަމާނީ ޕްރޮސެސިން އަދި ޕެކޭޖިން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި މަތީ ފެންވަރުގެ ކަނޑުމަހުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމަށްޓަކައެވެ. އެގޮތުން 2024 ވަނަ އަހަރު ހުޅުވާލި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކޮށް ފެށި މި ވިޔަފާރީގެ މައިގަނޑު މަގުސަދަކީ ޕްރޮޓީން ގިނަ، ރައްކާތެރި އަދި އީޖާދީ މަހުގެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
ނިޔާފްގެ ޓޫނާ ޖާކީ ފެކްޓްރީގެ މަސައްކަތްތަކުގެ ތެރެއިން- ފޮޓޯ: ބީއެމްއެލް
ހަމައެއާއެކު، ދިވެހި މަސްވެރިން ބާނާ މަހުން ވެލިޔު އެޑެޑް ޕްރޮޑަކްޓްސް އުފައްދައި، މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަކީވެސް މި ވިޔަފާރީގެ މުހިންމު ބައެކެވެ.
ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި ގދ. ހޯނޑެއްދޫގައި ގާއިމުކޮށްފައިވާ މި ފެކްޓްރީން އުފައްދާ ޓޫނާ ޖާކީ، އެކި ރިސޯޓުތައް ހިމެނޭހެން ރާއްޖޭގެ 17 އަށްވުރެ ގިނަ ރަށެއްގެ 80 އަށް ވުރެ ގިނަ ފިހާރައިން ލިބެން ހުރެއެވެ. މީގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ 30 އަށް ވުރެ ގިނަ ފިހާރަ ހިމެނެއެވެ.
ނިޔާފްގެ ޓޫނާ ޖާކީ ފެކްޓްރީގެ މަސައްކަތްތަކުގެ ތެރެއިން- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އައު ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކޮންމެ އަހަރަކުވެސް ހޮވާލެވޭ އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ ބޭންކުން ދޫކުރެއެވެ. މިއީ ގައުމުގެ އިގުތިސޯދީ ދުވެލި ހަލުވިކޮށް، އީޖާދީ ވިސްނުންތަކާއެކު ނުކުންނަ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނުހަނު މުހިންމު އިސްނެގުމެކެވެ.
