މިއަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ސިޓީ ފްރެންޑްސް ކުލަބާ ބައްދަލުކޮށް، ތިން ސެޓު އެއް ސެޓުން އެމްޓީސީސީ މޮޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގެ ސެޓުތައް އެމްޓީސީސީން ގެންގޮސްފައިވަނީ 11-25، 25-21، 24-26 އަދި 12-25 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފެށިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެމްޓީސީސީން ޖެހިޖެހިގެން ތިން ޕޮއިންޓު ކާމިޔާބުކުރި ނަމަވެސް ސީއެފްސީން ވަނީ އެއްވަރުކޮށްފައެވެ. ސެޓު ކުރިއަށްދިޔަ ވަރަކަށް ފެނިގެންދިޔައީ އެމްޓީސީސީން ސެޓު އެއްކޮށް ޑޮމިނޭޓުކުރިތަނެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ކުލަބް އެމްޓީސީސީ އާއި ސީއެފްސީ ބައްދަލުކުރި މެޗުގެ ތެރއިން- ސަން ފޮޓޯ: މުޙައްމަދު ޝާން
ދެވަނަ ސެޓުވެސް ފެށުނީ ވަރަށް ވާދަވެރިކޮށެވެ. ސެޓުގެ ކުރީކޮޅު، ދެޓީމުންވެސް ގިނަ ޕޮއިންޓުތަކެއް ސްކޯކުރިނަމަވެސް މެދެއްހައި ހިސާބުން ސީއެފްސީ ކޮޅަށް ސެޓު އެނބުރުނެވެ. އެޓީމުން ރީތި ކުޅުމެއް ދައްކައި، އެމްޓީސީސީގެ މައްޗަށް ބޮޑު ލީޑެއް ނެގިނަމަވެސް ސެޓުގެ ފަހުކޮޅު އެމްޓީސީސީން ވަނީ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ސީއެފްސީން ދޫނުދީ، ދެވަނަ ސެޓު ނިންމާލީ ވަރަށް ފޯރީގައެވެ.
މެޗުގެ ތިންވަަނަ ސެޓު ފަށައިގެންވެސް ފެނިގެންދިޔައީ ދެވަނަ ސެޓާ އެއްގޮތަށް، ސީއެފްސީން ޓީމެއްގެ ގޮތުގައި އެމްޓީސީސީގެ އެޓޭކުތައް ވަރަށް ރަނގަޅަށް ހުއްޓުވައި، ރައްދުގައި އެއަށްވުރެ ބާރު އެޓޭކުތަކެއް ކާމިޔާބުކޮށްގެން ބޮޑު ލީޑެއް ނެގިއެވެ. ނަމަވެސް ސެޓުގެ ފަހުކޮޅު އެމްޓީސީސީން ކުޅުން ރަނގަޅުކޮށް، ސީއެފްސީ ސެޓު ޕޮއިންޓަށް ގޮސް އޮއްވައި ފަހަތުން އަރައި ސެޓު ކާމިޔާބުކުރިއެވެ.
ހަތަރުވަނަ ސެޓުގެ ކުރީކޮޅު ފެނިގެންދިޔައީ އަނެއްކާވެސް އެމްޓީސީސީން ޑޮމިނޭޓުކުރިތަނެވެ. ސީއެފްސީން ރަނގަޅު އެޓޭކުތަކަކާއެކު ޕޮއިންޓުތަކެއް ސްކޯކުރި ނަމަވެސް އެމްޓީސީސީން މެޗު ނިންމާލަން ހިފާލައި، ފުރަތަމަ ސެޓާ އެއްގޮތަށް ހަތަރުވަނަ ސެޓުވެސް ނިންމާލީ ބޮޑު ތަފާތަކުންނެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ކުލަބް އެމްޓީސީސީ އާއި ސީއެފްސީ ބައްދަލުކުރި މެޗުގެ ތެރއިން- ސަން ފޮޓޯ: މުޙައްމަދު ޝާން
މުބާރާތުގައި ކުރިއަށް އޮތީ މިރޭ 20:30 ގައި ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބު ބައްދަލުކުރާ މެޗެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިހާތަނަށް ހަތަރު މެޗެއް ކުޅެފައިވާއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ތާވަލުގެ އެއްވަނައިގައި އޮތީ ޕޮލިސް ކުލަބެވެ. ކުޅުނު ހަމައެކަނި މެޗު ކާމިޔާބުކޮށްގެން ކުލަބް އެޗްޑީސީއާއި ދިވެހި ސިފައިންގެ ކުލަބު، ދެވަނަ އަދި ތިންވަނައިގައި އޮތްއިރު، ކުލަބް އެމްޓީސީސީ އާއި ލަޔަންސް ރެކްރިއޭޝަން ކުލަބު ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.
