ކޮރަޕްޝަނުގެ މައްސަލައިގައި، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ކުށް ސާބިތުވެފައިވާތީ އޭނާއަށް މާދަމާ ހުކުމް އިއްވުމަށް ތާވަލުކޮށްފިއެވެ.
ފެނަކައިގެ މި މައްސަލައިގައި މީގެ އަހަރެއްހާ ދުވަސް ކުރިން އެ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ދުވަހު ދީނާގެ ބައި އޮތީ ނުނިމިއެވެ.
ދީނާގެ މައްޗަށް ދައުލަތުން އުފުލި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ކްރިމިނަލް ކޯޓުގައި ވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސާބިތުވެފައެވެ. އެ މައްސަލައިގައި ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00އަށެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ މައްސަލައެކެވެ. މީގެ އިތުރުން މަސައްކަތް ނުނިމެނީސް އިތުރު އެއްބަސްވުމެއް ހަދާފައިވާކަން ވެސް ތަހުގީގަށް ވަނީ އެނގިފައެވެ.
މި މައްސަލައިގައި މީގެ ކުރިން ސައީދުގެ މައްޗަށް ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވެފައިވަނީ، ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުމާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުން އާންމުވެފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަށް ދެވޭ އަދަބު ކުޑަވުމަކީ ކޮރަޕްޝަނަށް ލިބޭ ހިތްވަރެއް ކަމަށްވާތީ، ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
