ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހެދުމަށް ފަހު، އަލުން މުޖުތަމައުއަށް ދޫކޮށްލާ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ، އެ ރަށުގައި އުޅޭ އާންމު ބުޅާ ހިފައި، ނިއުޓާ ކުރުމަށް ފަހު އަނބުރާ ވެއްޓަށް ދޫކޮށްލުމުގެ ޕްރޮގްރާމެއް ކައުންސިލުގެ އިސްނެގުމާއެކު ފަށާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ އިންސާނިއްޔަތުކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން، ރައްކާތެރި ގޮތެއްގައި އެ ސިޓީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރެވޭނެ މަގު ފަހިކުރުން ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅަލެއް: އެ ރަށުގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހެދުމަށް ފަހު، އަލުން ދޫކޮށްލާ ޕްރޮގްރާމެއް ވަނީ ފަށާފައި --- ފޮޓޯ/ ކުޅުދުއްފުށި ސިޓީ ކައުންސިލް
ބުޅާ ނިއުޓާ ކުރުމަކީ، ބުޅަލުގެ ދަރިމައިވާ ގުނަވަންތައް ނެގުމަށްޓަކައި، ކުރާ ސާޖަރީއެކެވެ. މި އޮޕަރޭޝަން އާންމުކޮށް ކުރަނީ، ބުޅާ ދަރިމައިވުން ހުއްޓުވުމަށާއި ހޯމޯންތަކާ ހެދި ބުޅަލުގެ އުޅުމަށް އަންނަ ބަދަލުތައް ކޮންޓްރޯލް ކުރުމުގެ މަގުސަދުގައެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލެ ސަރަހައްދުގައި ވެސް ބުޅަލުގެ އާބާދީ އިތުރުވުމުގެ މައްސަލަ ބޮޑުއިރު، އެ މައްސަލައަށް ހައްލެއް ގެނައުމަށް ހުޅުމާލޭގައި ފެސިލިޓީއެއް ވަނީ އަޅާފައެވެ.
އެކަމަކު، އެ ތަނަށް އެކަށީގެންވާ ވަރަށް ބުޅާ ނުގެންދާ ކަމުގެ ޝަކުވާތައް ދޭތެރެއަކުން ފެންމަތިވެއެވެެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން، މި މަހު ވަނީ، މުޖުތަމައުގެ ތެރޭގައި ބުޅަލާއެކު އުޅުމުގެ ވިސްނުން ކުރިއެރުވުމަށް "ޕްރޮޖެކްޓް ބައުކަލޯ"ގެ ނަމުގައި ހަރަކާތެއް ފަށައިފައެވެ.
