އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާންއާ ދެކޮޅަށް މިހާރު ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމަ އެމެރިކާއަށް ކާމިޔާބުވުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް އެމެރިކާގެ މަޝްހޫރު މުހައްލިލެއް ކަމަށްވާ ފަރީދު ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއްކަމަށްވާ ފަރީދު ޒަކަރިއްޔާއަކީ އެމެރިކާގެ ގިނަ މީޑީއާ އައުޓްލެތް ތަކެއްގައި މުހައްލިލެއްގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވައި ތަޖުރިބާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ވޮޝިންޓަން ޕޯސްޓްގައި ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ކޮލަމްތަކާ އަދި ނިއުސްވީކް ފަދަ މަޝްހޫރު މަޖައްލާތަކުގައި ލިޔުއްވާފައިވާ ރިޕޯޓްތަކުގައި އޭނާ ވިދާޅުވެފައި ވަނީ މިހާރު ފެންނަން ހުރި ހަގީގަތްތަކަށް ބަލާއިރު އީރާނަށްވުރެ ހުރިހާ ގޮތަކުން އެމެރިކާ ބާރުގަދަ ނަމަވެސް އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް އީރާން ވެފައިވީ ނަމަވެސް އެމެރިކާ ފަށައިގެން މިއުޅޭ މި ހަނގުރާމައިގައި އީރާން ބަލިކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމުގައެވެ. މި ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ނުވާނެކަމުގެ ހުރިހާ މަންޒަރުތަކެއް ފެންނަމުންދާކަން ފަރީދު ޒަކަރިއްޔާ ބަޔާން ކުރައްވާފައިވެއެވެ.
ފަރީދު ޒަކަރިއްޔާ ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމައިގެ ކަންކަން ދިރާސާ ކުރައްވާ އެމެރިކާގެ ކުރީގެ އަސްކަރީ ބައެއް ތަޖިބާކާރުންގެ އޭނާއަށް ދީފައިވާ މައުލޫމާތަށް ބަލާއިރު މިއީ އެމެރިކާ ސްޓްރެޓީޖިކް ގޮތުން ބަލިވެ ބޮޑު ލަދެއްގައި ބެދޭނެ ހަނގުރާމައެކެވެ. ފަރީދު ޒަކަރިއްޔާއަކީ އިސްލާމީ ފިކުރުގެ ބޭފުޅެއް ނޫނެވެ. އީރާނަށް ތާއީދު ކުރައްވާ ބޭފުޅެއް ވެސް ނޫނެވެ. އޭނާ މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާފައި ވަނީ ވެސް ސީއެންއެން ފަދަ ޔަހޫދީ މަހުޖަނުން ފަންޑުކުރާ އެމެރިކާގެ މެއިންސްޓްރީމް މީޑީއާ ތަކުގައެވެ.
އިރާގާއި އަފްޣާނިސްތާން އާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމަތަކުގައި ފަރީދު ޒަކަރިއްޔާ ކުރައްވާފައިވާ ތަހުލީލުތަކާއި ލިޔުއްވާފައިވާ ލިޔުއްވުންތަކަށް ބަލާއިރު އޭނާގެ ވިސްނުމާއި ރައުޔު ހުރީ އެމެރިކާގެ އޭރުގެ ސަރުކާރުގެ ވިސްނުމާ ސްޓްރެޓެޖީ އާ އެއްގޮތަށެވެ. އީރާންއާ ދެކޮޅަށް ޓްރަމްޕް ހަނގުރާމަ ފެށިތާ ކުރީކޮޅުވެސް ފަރީދު ޒަކަރިއްޔާ ގެ ވިސްނުން ހުރިކަމަށް ބެލެވެނީ ޓްރަމްޕް އާ އެއްކޮޅަށެވެ.
ނަމަވެސް ޓްރަމްޕް ފެށި ހަނގުރާމައިގެ އެއްވެސް ސްޓްރެޓެޖީ އެއްނެތުމާއި އެނބުރޭ ވަހުތާނެއްގޮތަށް ޓްރަމްޕްގެ ސިޔާސަތު ހުރިކަން ހާމަކޮށް މިފަހަކަށް އައިސް ފަރީދު ޒަކަރިއްޔާގެ ލިޔުންތަކަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ވޮޝިންޓަން ޕޯސްޓްފަދަ އެމެރިކާގެ މަޝްހޫރު ނޫސްތަކުގައި ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ލިޔުއްވުންތައް ބުނާގޮތުން އީރާންގެ ކިބައިން ހާސިލް ކުރަން ބޭނުންވަނީ ކޮންކަމެއްކަން ނޫނީ ކޮން ލަނޑުދަނޑިއެއްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެނގިވަޑައެއް ނުގަންނަވައެވެ. އީރާންގެ ހަގީގަތާއި އީރާން ރައްޔިތުންނާއި ވެރިން ވިސްނުން ގެންގުޅޭ ގޮތް ވެސް ޓްރަމްޕަށާއި އޭނާގެ ޓީމަށް ނުއެއް އެނގެއެވެ.

ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ގޮތުގައި "ހަނގުރާމައިން ހާސިލް ކުރަންބޭނުންވާ ލަނޑުދަނޑި ދެނެނުގަނެވޭ މީހަކަށް" ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި ހަނގުރާމަ ރައްދުވާ ފަރާތުގެ އަސްކަރީ ގާބިލްކަން ނޭންގި އަދި އެފަރާތް ވިސްނާގޮތްވެސް ނޭންގި ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެއެވެ. ޓްރަމްޕް ގެ ޒައާމަތުގައި އެމެރިކާއަށް ކުރިމަތިވެފައިވަނީ މިމައްސަލަކަމަށް ފަރީދު ޒަކަރިއްޔާ ދެކެވަޑައިގަންނަވައެވެ. އެއީ ކުރަންއުޅޭކަމެއް ހާސިލް ކުރަންބޭނުންވާ ލަނޑުދަނޑި ޓްރަމްޕަށް ނޭންގުމެވެ.
ޓްރަމްޕްގެ މަގްސަދަކީ ބޮންއަޅައިގެން އީރާނުގެ ތަންތަން ހަލާކުކޮށް މީހުން މެރުންކަމަށްވާނަމަ އެކަން ކުރެވިދާނެއެވެ. ނަމަވެސް މިކަން ކޮށްގެން އީރާނުގެ ވިސްނުމާއި ސިޔާސަތު ބަދަލުކުރެވޭނެ ކަމަށް އުންމީދުކުރާނަމަ ޓްރަމްޕް އުޅުއްވަނީ ހުވަފެނެއްގައި ކަމަށް ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވެއެވެ. ޓްރަމްޕްގެ މަގްސަދަކީ އީރާން ހިސާރުކޮށް ދަތިކޮށް ކާބޯތަކެއްޗާއި ބޭސްފަދަ ތަކެތި ހުއްޓުވައި ރައްޔިތުން ބަނޑަށް ޖައްސައިގެން އީރާން ސަރުކާރާ ދެކޮޅަށް އީރާނުގެ ރައްޔިތުން ނެރުން ކަމަށްވާނަމަ ޓްރަމްޕް އެ އުޅުއްވަނީ ހުވަފެނެއްގައި ކަމަށް ލިޔުއްވާފައިވެއެވެ.
ބޮންއަޅައި އީރާނުގެ އިސްވެރިން މަރައިގެން އީރާނުގެ ވެރިކަން ބަދަލުކޮށް އެމެރިކާއަށް ކިޔަމަންވާނެ ޕަޕެޓް ވެރިކަމެއް އީރާނުގައި ގާއިމް ކުރުންކަމަށްވާނަމަވެސް ޓްރަމްޕް އެއުޅުއްވަނީ ޚިޔާލީ ދުނިޔެއެއްގައި ކަމަށް ލިޔުއްވާފައިވެއެވެ. ޓްރަމްޕްގެ މަގްސަދަކީ ބޮންއަޅައިގެން އީރާނުގެ ނިއުކްލިޔާ ގާބިލްކަމާއި ހަތިޔާރުގެ ޓެކްނޮލޮޖީގެ ގާބިލްކަން ނައްތާލުންކަމަށްވާނަމަ އެއީވެސް ކުރެވޭނެ ކަމެއް ނޫންކަމަށް ލިޔުއްވާފައިވެއެވެ. ސަބަބަކީ މިކަންކަމުގެ އިލްމާއި ތަޖުރިބާ ހުރި އެތަށް ހާސް އިންޖިނޭރުންނާއި ސައެންޓިސްޓުން އީރާނުގައި ތިބުމާއި މިއެންމެން އެއްކޮށް ނައްތާނުލެވޭނެތީއެވެ. އިލްމަކީ ފޮހެލެވޭނެ އެއްޗަކަށް ނުވާނެތީއެވެ. އީރާނުގެ މުހިއްމު ނިއުކްލިޔާ މަރުކަޒުތަކާއި މިސައިލް ކާރުޚާނާތައް ހުރިކަމަށްވަނީ ފަރުބަދަތަކުގެ އަޑީގައެއެވެ.
އަނެއްކޮޅުން އީރާނާއި ރަޝިއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތަކާއި އީރާންއާއި ޗައިނާއާ ދެމެދު ހިނގާ މިފަދަ މުއާމަލާތްތަކަކީވެސް އެމެރިކާއަށް އެއާ ކުޅެވޭނެ އެއްޗަކަށް ނުވާކަން އޭނާ ފާހަގަ ކުރައްވައެވެ. އެއްގަމު މަގުން އީރާނަށް އަރައިގަނެ ހަނގުރާމަކޮށްގެން އީރާނުގެ މައްޗަށް ކާމިޔާބު ހޯދޭވަރަށްވުރެ އީރާނުގެ ސަރަހައްދު ބޮޑެވެ. އާބާދީ ގިނައެވެ. ފަރުބަދަތައްފަދަ ޖޯގްރަފިކަލް ބެރިއާތައް ވަރުގަދައެވެ.
އެމެރިކާއާ އެއްގަމުން ކުރިމަތިލާނެ އީރާން ސިފައިންނާއި އާންމުންގެ އަދަދު މިލިޔަނުން ގުނާލެވޭއިރު އީރާންފަދަ ފަރުބަދަތަކުން ފުރިގެންވާ ބިޔަ ގައުމެއްގައި އެއްގަމުން ހަނގުރާމަކޮށްގެން ކާމިޔާބެއް ހޯދުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް އެމެރިކާގެ ކުރީގެ އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާކަން ފަރީދު ޒަކަރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ. އީރާނަށް ބޮންއަޅައި އީރާނުގެ ތެލާއި ގޭސް އަދި ކަރަންޓާއި ފެނުގެ ވަސީލަތްތައް ހަލާކުކޮށްލައިފިނަމަ އީރާނުން ގަލްފުގެ ގައުމުތަކުގައިވާ މިފަދަ ހުރިހާ ތަނެއް ފުނޑާލާނެކަމުގެ ބިރު އިހުސާސް ކުރެވުމަކީވެސް އެމެރިކާއަށް މިކަން ކުރަންކެރޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
އީރާން ފޮނުވާ ހުރިހާ މިސައިލްތަކެއް އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކަށް މަތަނުކުރެވޭކަން އީރާނުން ގަލްފުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ދިން ހަމަލާތަކުންނާއި އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުން ހާމަވެފައިވާކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ގޮތުގައި އީރާނުން އައު މިސައިލްތައް ތަރައްގީ ކުރަމުން ގެންދިޔުމާއި އެމެރިކާއަށް ރައްދު ދިނުމުގައި އީރާން ފަހަތަށް ނުޖެހުމާއި ގަލްފުގައިވާ އެމެރިކާގެ ބޭސްތައް އީރާނުން ހަލާކުކޮށްލާފައިވުމާ އަދި އެއްގަމު ތަނެއްގައި ފައިހަރުކޮށް ނުލެވި ހަމައެކަނި ކަނޑުމަތީގައި އެމެރިކާ ސިފައިން ބައިތިއްބައިގެން ވަރަށް ދަތިގޮތަކަށް އީރާނަށް ހަމައެކަނި ބޮންއަޅައިގެން އެއްގަމާ ނުލައި ހަނގުރާމަ ކާމިޔާބު ކުރުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެކެވެ.
އީރާންއާ ދެކޮޅަށް ހަނގުރާމަކޮށްގެން ޓްރަމްޕް ހާސިލް ކުރަން އުޅޭކަމަށް ބެލެވެނީ އޭނާ އެވަގުތަކު ހިތަށް އެރި ކަމެއްކަމަށާ ނަމަވެސް ނަތީޖާ ފެންނަނީ އެއްވެސް ކަމެއް ޓްރަމްޕަށް ހާސިލް ނުވާ މަންޒަރުކަމަށް ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވެއެވެ.
