ފަނަރަ މެގަވޮޓުގެ ސޯލާ އެނާޖީއާއި ބެޓެރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ޗައިނާ ކުންފުންޏަކާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ކަމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކުންފުންޏާ ކަމަށެވެ.
މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙުސައިން އަޤީލް ނަޞީރެވެ. އަދި ޗައިނާގެ ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ޑޮންގްޓިން ހޭ އެވެ.
https://x.com/MoEnvmv/status/2112104147587842212
މި ފަހުމުނާމާގައި ސޮއިކުރުމާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން އިތުރަށް ބުނީ، މިއީ ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތައިގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް އުފައްދައި، ރައްކާތެރިކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ސޯލާ އެނާޖީއާއި ބެޓެރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުން، އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުގައި ކުރިއެރުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއީ ކަރަންޓު ފޯރުކޮށްދިނުމަށް ތެލަށް ބަރޯސާވުން ކުޑަކޮށް، އިޔާދަކުރުވަނިވި ހަކަތައަށް ބަދަލުކުރުން ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން އިޔާދަކުރުވަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީ 53 މެގަވޮޓުން 126 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށާއި މި ނިޒާމުގެ ތެރެއިން 3.1 މިލިއަން ލީޓަރުގެ ޑީސަލް އަހަރަކު ބޭނުންކުރުން މަދުވާނެ ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް މިދިޔަ މަހު ވިދާޅުވެފައިވެއެވެ.
މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ޓަކައި ނިންމަވައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ ޑިސެންބަރު 1، 2023ގައި އޮތް ކޮޕް28 ސަމިޓުގައި ތަގުރީރުކުރައްވަމުންނެވެ. ފަސް އަހަަރަށް ކަނޑައަޅައިފައިވާ އަމާޒަށް ވާސިލްވުމަށް ޓަކައި 600 މިލިއަން ޑޮލަރު ބޭނުންވާ ކަަމަށާއި ބައިނަލްއަގްވާމީ ދުނިޔޭގެ ކިބައިން އެ ކަމުގައި އެހީތެރިކަަން ބޭނުންވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
