ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނަށް އަނބުރާ ގައުމަށް ފައިސާ ފޮނުވުމުގެ ނިޒާމު ލުއިފަސޭހަކުރުމާ ގުޅޭ ގޮތުން، ބަންގްލަދޭޝް ބޭންކުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު އެމްޑީ މުސްތާގުރް ރަހްމާން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ، ރަސްމީ ނިޒާމުގެ ތެރެއިން ފައިސާ ފޮނުވުމަށް ހުރި ދަތިތައް ހައްލުކުރުމަށް ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ރަސްމީކޮށް ފައިސާ ފޮނުވޭނެ ނިޒާމުތައް ހަރުދަނާކުރަން މަސައްކަތްކުރި ނަމަވެސް، މަސައްކަތްތެރިންނަށް އަދިވެސް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ. އެހެންކަމުން، ރައްކާތެރި އަދި ޚަރަދު ކުޑަ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު އެއްކުރުން: -- ފޮޓޯ: އިމިގްރޭޝަން
މި ސިޓީގައި ހުށަހަޅާފައިވާ ފުރަތަމަ ކަމަކީ އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) ގެ ދަށުން ދިވެހި ރުފިޔާ ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މިގޮތަށް ހަމަޖެހުމުން، ބަންގްލަދޭޝްގައި ތިބޭ މީހުންނަށް ފައިސާ ލިބޭނީ އެ ގައުމުގެ ފައިސާ ކަމަށްވާ ޓާކާއިންނެވެ. ދެވަނަ ހުށަހެޅުމަކީ ރާއްޖެއަށް ދަތުރުކުރާ ބަންގްލަދޭޝް މީހުންނަށް ރުފިޔާއިން މުއާމަލާތްކުރެވޭނެ ގޮތް ހެދުމާއެކު، ބަންގްލަދޭޝްގެ ބޭންކުތަކުން ޓާކާ ކާޑު ދޫކުރުމެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް ފަސޭހަތަކެއް ލިބޭނެއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ ގައުމުގެ ދެމެދުގައި ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކުރުމަށެވެ.
ބަންގްލަދޭޝް ބޭންކުން ބުނި ގޮތުގައި، މި ކަންކަން ތަންފީޒުކުރެވޭނީ ދެ ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބަންގްލަދޭޝްގެ ވަފުދެއް ރާއްޖެ ފޮނުވަން ތައްޔާރަށް އޮތް ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ގާނޫނީ އޮނިގަނޑާއި އަމަލީ ގޮތުން މި ކަންކަން ތަންފީޒުކުރާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެހާސް ސައުވީސް ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅޭއިރު، އޭގެ ތެރޭގައި ބަންގްލަދޭޝްގެ އެއް ލައްކައަށް ވުރެ ގިނަ މީހުން ހިމެނެއެވެ.
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި ބިދޭސީންނަށް މިހާރު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ރާއްޖޭގައި އޮތް ޑޮލަރުގެ ތާށިކަމެވެ. ރާއްޖޭގެ ރިޒާވް ދަށްވެ، ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރު ހިފަހައްޓާފައިވުމުން، ގިނަ މީހުންނަށް ޖެހެނީ ބޮޑު އަގު ދީފައި ކަޅު ބާޒާރުން ޑޮލަރު ގަނެގެން ފައިސާ ފޮނުވާށެވެ. މީގެ އިތުރުން، ރެމިޓެންސް ފީ ނަގާ އުސޫލުތަކުގެ ދަށުން، ފައިސާ ފޮނުވައިދޭ އެޖެންސީތަކުންނާއި ބޭންކުތަކުން ނަގާ ފީތަކާއި ކޮމިޝަންތައް ބޮޑުވުމަކީ ވެސް މަސައްކަތްތެރިންނަށް އޮތް ބޮޑު މާލީ ގެއްލުމެކެވެ.
ބަންގްލަދޭޝް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024-2025 ވަނަ މާލީ އަހަރު ރާއްޖެއިން އެ ގައުމަށް 141.1 މިލިއަން ޑޮލަރު ފޮނުވާފައިވާއިރު، 2025-2026 ވަނަ އަހަރު އެ އަދަދު ވަނީ 118 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ 16.4 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ހިނގަމުންދާ މާލީ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ފޮނުވާފައިވަނީ 38.05 މިލިއަން ޑޮލަރެވެ.
