އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އޭނާގެ އާއިލާއިން އަގުބޮޑު ލަގްޒަރީ ޔޮޓްތަކެއްގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެނިއްޖެއެވެ.
ސެޓެލައިޓް ފޮޓޯތަކުގެ އެނަލިސިސްއަށް ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޫބަރުގެ މެދަކާ ހަމައަށް އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުގެ ވޮންސަން ސަރަހައްދުން 80 މީޓަރު (263 ފޫޓު) ދިގު ލަގްޒަރީ އުޅަނދެއް ތަކުރާރުކޮށް ވަނީ ފެނިފައެވެ.
މި އުޅަނދުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭގެ ޑެކްމަތީގައި ހަދާފައިވާ 50 މީޓަރުގެ ދިގު ސްވިމިން ޕޫލާއި، އެއްކޮޅުގައި ހަރުކޮށްފައިވާ ވޯޓާ ސްލައިޑްތަކެވެ. މީގެ އިތުރުން 50 މީޓަރާއި، 55 މީޓަރު އަދި 60 މީޓަރުގެ އިތުރު ތިން އުޅަނދެއް ވެސް ކިމްގެ ވޮންސަން ވިލާ ހުންނަ ސަރަހައްދުން ވަނީ ފެނިފައެވެ.
މިފަދަ ބޮޑެތި އަދި އަގުބޮޑު އުޅަނދުފަހަރު އުތުރު ކޮރެއާގެ ވެރިކަންކުރާ އާއިލާއަށް ނިސްބަތްނުވާ އެހެން އެއްވެސް ބަޔަކަށް ގެންގުޅުމުގެ ހުއްދައެއް ނޯންނާނެ ކަމަށް ކުރީގެ އޮފިޝަލުންނާއި ގައުމު ދޫކޮށް ގޮސްފައިވާ މީހުން ބުނެއެވެ. ވެރިކަންކުރާ ޕާޓީގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ރީ ޖޮންގް ހޯ ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ފިނި މޫސުމުގައި މި އުޅަނދުތައް ބަހައްޓަނީ ޑޮކްޔާޑުގައި ކަމަށާއި، ހޫނު މޫސުން އައުމުން ކިމް ޖޮންގް އުންގެ ވިލާއާ ދިމާލަށް ގެންގޮސް މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ކަމަށެވެ.
ބީބީސީން ފާހަގަކުރި ގޮތުގައި މި އުޅަނދުތަކުގެ ހަރަކާތްތައް ފެނިފައިވަނީ ކިމް ޖޮންގް އުން އާންމުންގެ ކުރިމައްޗަށް ވަޑައިނުގެން ދުވަސްތަކެއް ހޭދަކުރެއްވި ދަނޑިވަޅާ ދިމާކޮށެވެ. ބައިނަލްއަގުވާމީ ބާޒާރުގައި މިފަދަ ބޮޑެތި ޔޮޓްތަކުގެ އަގު ދިހަވަރަކަށް މިލިއަނުން ފެށިގެން 100 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ.
އދ. ގެ ރިޕޯޓްތައް ބުނާ ގޮތުން އުތުރު ކޮރެއާގެ އާބާދީގެ 40 އިންސައްތަ މީހުން ތިބީ އެކަށީގެންވާ ކާބޯތަކެތި ނުލިބި ބަނޑުހައިހޫނުކަމުގެ ތެރޭގައެވެ. އަދި އާންމު ރައްޔިތުންނަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ މިނިވަންކަން ވެސް ނޯންނައިރު، ގައުމުގެ އެންމެ މަތީ ވެރިޔާ ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑެތި އިސްރާފުތަކެއް ކުރައްވައި އަރާމު ދިރިއުޅުމެއް އުޅުއްވުމަކީ ބޮޑު އިދިކޮޅުވުމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ރީ ޖޮންގް ހޯ ބުނެފައިވާ ގޮތުގައި، ކިމް އަކީ ރައްޔިތުންގެ ލީޑަރެއް ކަމަށް ދެއްކި ނަމަވެސް، އާންމު ރައްޔިތުން އެއް އިރުގެ ކެއުމަށް ސަލާންޖަހަމުންދާ ދަނޑިވަޅުގައި އޭނާ މިފަދަ ހަތަރު ލަގްޒަރީ އުޅަނދު ގެންގުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
