ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވަން ނިންމަވާފައިވާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ސޯލްޓް ކެފޭ އިމާރާތުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމަށް އޮތީ މިއަދު މެންދުރެވެ.
އެ ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވައި ފައިސަލް ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އަބަދުވެސް އެކި އެކި ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ. އެގޮތުން އާއްމުކޮށް ބާއްވާ ބައްދަލުވުމެއްގެ ގޮތުގައި މިއަދު ރައީސް ސޯލިހާ ބައްދަލުކުރެއްވީ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ޕްރައިމަރީއަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކުއެވެ.
"އަޅުގަނޑުމެން ކުރިއަށް މިދަނީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު. އެގޮތަށް މަސައްކަތްކުރަމުން މިދަނީ،" ސޯލިހު ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ވިދާޅުވިއެވެ.
ސޯލިހާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ފައިސަލް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: އިހުސާން
އެންމެ ފުރަތަމަ އެމްޑީޕީން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް ހާމަކުރެއްވީ މި މަހުގެ އަށްވަނަ ދުވަހެވެ. އެ ދުވަހު އެމަނިކުފާނު ވަނީ ޕްރައިމަރީން ނާކާމިޔާބުވީ ނަމަވެސް، ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކާއެކު، "އެ ބޭފުޅަކަށްވުރެ ބޮޑަށް އެމްޑީޕީއަށް ވެރިކަން ހޯދައިދޭން" އޭނާ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފައިސަލް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު، އެމަނިކުފާނު ވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރުވަނަ ބޭފުޅާއަށެވެ. މީގެކުރިން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފައިވާއިރު، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޔާޒަށް ތާއީދުކުރައްވައިފައެވެ.
