ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން ހުކުމް އިއްވުން މި މަހުގެ 29ވަނަ ދުވަހަށް ތާވަލުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުންގެ ޚުލާސާ ބަޔާން އިއްވައި ނިންމާލުމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ނިމިފައިވާކަން އިއުލާންކުރައްވާފައެވެ. އަދި އިއްޔެގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ބިޑަކާ ނުލައި ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، މިއީ ހަ ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެކެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ ދައުވާތައް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.
ބިޑަކާ ނުލައި ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ފުއްގިރި 1.55 މިލިއަން ޑޮލަރަށް ދޫކުރި މުއާމަލާތަކީ ޔާމީނަށް ފައިސާ ހޯދުމުގެ މަގުސަދުގައި ހިންގި ކަމެއް ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. އަދި އެއީ ދައުލަތަށް ކުޑަ އަގެއް ވައްދައި ބާކީ ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭގޮތަށް ރޭވި ކަމެއް ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
