ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ހިނގާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސް މެއެވެ.
ރައީސްގެ ދެކަނބަލުން ޕާކިސްތާނުގައި --- ފޮޓޯ: ރައީސް އޮފީސް
މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފާއި ރައީސް އާސިފް ޢަލީ ޒަރުދާރީއާ ރައީސް ވަކިވަކިން ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.
އެގޮތުން ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ސަރަހައްދީ މަސްލަހަތުތަކުގެ އިތުރުން ސާކް ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމާ ގުޅޭގޮތުންނާއި އދ. އާއި އިސްލާމީ ގައުމުތަކުގެ އިއްތިހާދު (އޯއައިސީ) ފަދަ ބައިނަލްއަގުވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އިގުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މި ދަތުރުފުޅުގައި އެކި ދާއިރާތަކުން 12 ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ވެސް ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާ ހިމެނެއެވެ. އަދި މަތީ ތައުލީމާއި ދިރާސާ، ދިފާޢީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން މަޖިލިސްތަކުގެ ގުޅުމާއި، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ހިމެނެއެވެ.
