އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމުމަށް 58 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މި އަހަރުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައަޅާފައި ނުވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މުއްޠަލިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދިވަޑައިގެން ފޮނުއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ.
ޝަމްހީދު ވަނީ އެ މިނިސްޓްރީގެ ދަށުން ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ލަފާކުރެވޭ ޖުމްލަ ބަޖެޓަކީ ކޮބައިތޯ އާއި، އެ މަޝްރޫއުތައް ހިންގުމަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ ކިހާ މިންވަރެއްތޯ ސުވާލު ކުރައްވާފައެވެ.
މަޖިލީހަށް ފޮނުއްވި ލިޔުމުގައި މިނިސްޓަރު ވިދާޅުވީ ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ހޭދަވާނެ ކަމަށް ލަފާކުރެވެނީ 58,831,473,267 (58.8 ބިލިއަން) ރުފިޔާ ކަމަށެވެ. އަދި މި އަހަރު މަޝްރޫއުތައް ހިންގަން ހަމަޖައްސާފައިވަނީ ޕްރޮގްރާމް ބަޖެޓަކުން ކަމަށްވާތީ ވަކިވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭނާ އެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓު ހަމަޖައްސަވަނީ ފިނޭންސް މިނިސްޓްރީން. ވުމާއެކު 2026 ވަނަ އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައެއްނުވޭ،" މުއްޠަލިބުގެ ޖަވާބުގައި ބަޔާންކުރައްވާފައިވެއެވެ.
މި އަހަރު ނިންމަން ކަނޑައަޅާފައިވާ މަޝްރޫއުތަކަށް ހަރަދުވާނެ މިންވަރު ސީދާ އެނގެން ނެތުމާއި ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ފައިސާ ކަނޑައަޅާފައި ނުވާތީ، ބަޖެޓު ފާސްކުރި މަރުހަލާގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރޭ ބޭއްވި "އަހާ" ފޯރަމްގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ މިހާރު ވެސް 1,273 މަޝްރޫއެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވަގުތުން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
