ދޮގާއި ހަސަދައިން ފަތުރުވެރިކަމުގެ ދާއިރާ ބިނާ ނުކުރެވޭނެ ކަމަށާއި، އިންވެސްޓަރުންނަށް ބިރު ދެއްކުން ހުއްޓާލަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދުގެ އެކްސް އެކައުންޓުގައި މިއަދު ވަނީ، ރާއްޖޭގެ އޮންލައިން ނޫހެއްގެ ޚަބަރަކާއި އެއީ "ފޭކް ނިއުސް"ގެ ގޮތުގައި ސިފަކޮށްފައިވާ ސްކްރީންޝޮޓެއް ހިއްސާކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުމޮށް ދޮގު ވާހަކަތައް ފެތުރުމާއި އެ މީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ގައުމުގެ ކުރިމަގަށް ޓަކައި ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށެވެ.
"ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަ ކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް، މިފަދަ ދޮގު ވާހަކަތައް ވާނީ ހިތްގައިމު މިޔުޒިކަކަށް." މިނިސްޓަރު ވިދާޅުވިއެވެ.
https://x.com/em_saeed/status/2111357219409461646
ސައީދު ވަނީ، ބަޔަކަށް ގަބޫލުކުރަން ދަތިވި ނަމަވެސް ދިވެހިރާއްޖޭގެ އިގުތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަން ފާހަގަކުރައްވައިފައެވެ. އަދި އެ ދާއިރާއަކީ ބަދަލުވަމުން، "އިވޯލްވް" ވަމުންދާ ދާއިރާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އެއީ ޓޫރިޒަމްގެ ހަގީގަތް. ނަފުރަތާއި ދޮގާއި ހަސަދައަކުން މި އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ." މިނިސްޓަރު ލިޔުއްވާފައިވެއެވެ.
ސައީދު ވަނީ، ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނު ކަމަށާއި، ރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް ގައުމުގައި ނުހިންގޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެހެންކަމުން، ދޮގު ޚަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ސައީދު ހިއްސާކުރެއްވި ސްކްރީންޝޮޓުން ފެންނަ ޚަބަރުގައި އަލިއަޅުވާލައިފައިވަނީ ރާއްޖޭގައި އިންވެސްޓަރުންނަށް ދިރިއުޅެވޭ ގޮތަށް ފަރުމާ ކުރާ "ޕާލް ރެޒިޑެންސީ ޕްރޮގްރާމް"އަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އިއުލާންކުރެއްވި އެ ޕްރޮގްރާމްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހެންލީ އެންޑް ޕާޓްނާސްއާއެވެ.
"މޯލްޑިވްސް ޕާލް ރެޒިޑެންސް"ގެ ދަށުން ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރަން ސަރުކާރުން އުޅޭ ކަމަށް ބުނެ، އެ ޕްރޮގްރާމު ހުއްޓާލަން ގޮވާލައި އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އޯގަސްޓު މަހު ގަރާރެއް ހުށަހެޅިއެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ގަރާރު ބޭރުކޮށްލިއެވެ.
އެ މަޝްރޫއުގެ އިތުރުން، ރަސްމާލޭގައި ކުރިއަށްގެންދިޔުމަށް އަބޫދާބީގެ ރިއަލް އެސްޓޭޓް ކުންފުނި، އީގަލް ހިލްސްއާ ހަވާލުކުރި މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން 99 އަހަރަށް ބިން ކުއްޔަށް ދިނުމާ ގުޅޭ ގޮތުންނާއި، އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ފިޔަވަޅުތަކެއް އަޅުއްވާނެކަން އިއުލާންކުރައްވައިފައެވެ.
