ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން، މަރުގެ އަދަބު އިއްވާފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ މަރުގެ ހުކުމް ބާތިލުކޮށްފިއެވެ.
ސްރީލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރޫން ހެމަޗަންދުރަ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ސައުދީ ސުޕްރީމް ކޯޓުން މި ހުކުމް ބާތިލުކުރީ އިއްޔެއެވެ. އޭނާ ވިދާޅުވީ މިއީ ލަންކާ ސަރުކާރުން މެދުކެނޑުމެއްނެތި ކުރި ޑިޕްލޮމެޓިކް އަދި ގާނޫނީ މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި، މިއީ ސިވަރާސާއަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
މި މައްސަލައިގައި ސައުދީ ސަރުކާރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ލަންކާގެ އެމްބެސެޑަރާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި، ސްރީލަންކާ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމަންޓްގެ އިތުރުން ދެ ގައުމުގެ ގާނޫނީ ޓީމުތަކުން ކުރި މަސައްކަތްތައް ވެސް ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އުމުރުން 24 އަހަރުގެ ސިވަރާސާ ސައުދީ ފުލުހުން ހައްޔަރުކުރީ މިއަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ސައުދީގެ ކްރިމިނަލް ކޯޓަކުން ޖުލައި 27 ގައި ފުރަތަމަ ހުކުމްކުރީ އޭނާ ފަސް އަހަރަށް ޖަލަށް ލުމާއެކު ތިން މިލިއަން ސައުދީ ރިޔާލުން ޖޫރިމަނާ ކުރުމަށެވެ.
ނަމަވެސް، ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު އެޕީލް ކޯޓަކުން ވަނީ އެ ހުކުމް ބަދަލުކޮށް، ޝަރީއަތުގެ ދަށުން އޭނާއަށް މަރުގެ އަދަބު ދިނުމަށް ނިންމާފައެވެ.
މަރުގެ ހުކުމް އިއްވުމާ ގުޅިގެން ލަންކާގެ އާންމުންނާއި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ އޭނާ މިނިވަންކުރުމަށް ގޮވާލާފައެވެ. އެއާއެކު ލަންކާ ސަރުކާރުން ވަނީ އޭނާ ސަލާމަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައި، މިދިޔަ އާދިއްތަ ދުވަހު ސައުދީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ.
މި މައްސަލައިގައި ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ވެސް ވަނީ ސިވަރާސާގެ އާއިލާއާ ބައްދަލުކުރައްވައި، އޭނާ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސައުދީގެ ފޮރިން މިނިސްޓަރަށް ސިޓީއެއް ފޮނުއްވައި، ސިވަރާސާއަށް މާފުދެއްވުމަށް އެދިވަޑައިގެންފައެވެ.
ސިވަރާސާގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި ނަމަވެސް، އޭނާގެ ގާނޫނީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތެއް ލަންކާ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
