ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހައިލި "ހޯކްސް ވޮޔޭޖް" ލޭންޑިން ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްދިން ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" އަރުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މި ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކޮށް، ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ހާސިލުކުރެއްވި އޮފިސަރުންނަކީ ސީނިއާ ސާޖަންޓް އަޙްމަދު އާމިރު (ސާވިސް ނަންބަރު: 2245) އާއި ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސާވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (ސާވިސް ނަންބަރު: 5852) އެވެ.
މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. ލޭންޑިން ކްރާފްޓް "ހޯކްސް ވޮޔޭޖް" ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން އޭގައި ދަތުރުކުރަމުންދިޔަ 10 މީހުން ކަނޑުވިއެވެ. ގަދަ ކަނޑުގައި އެމީހުން ސަލާމަތްކުރުމަށް މި އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން، އޭގެ ތެރެއިން އަށް މީހަކު ސަލާމަތްކޮށްފައިވެއެވެ.
މެޑަލް ހާސިލުކުރެއްވި ފުލުހުންނަށް މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފުލުހުން
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި، އިޚުލާސްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދު ވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަމުގެ މައްޗަށް، ސީޕީގެ ވާހަކައިގައި އަލިއަޅުވައިލެއްވިއެވެ.
ހަމައެއާއެކު، ފުރާނަ ސަލާމަތްކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވައި، ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިޚްލާސްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަން ކޮމިޝަނާ ފާހަގަކުރެއްވިއެވެ.
