ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އާއި އޭނާގެ މަންމަ ވީނާ ދޭވްގަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، މުމްބާއީގެ ޖުހޫ ސަރަޙައްދުގައި ހުންނަ އަގުބޮޑު ބަންގްލޯއެއްގައި ޤަވާއިދާ ޚިލާފަށް ހަދާފައިވާ ބައިތަކެއް ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)އިން ތަޅާލައިފިއެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ޖޭވީޕީޑީ ސްކީމްގެ ކަޕޯލް ކޯ-އޮޕަރޭޓިވް ހައުސިން ސޮސައިޓީގައި ހިމެނޭ މި ޢިމާރާތުގައި، ހުއްދަނެތި ސިޕޯރެކްސް ބްލޮކް ބޭނުންކޮށްގެން ފާރުތަކެއް ރާނަމުންދާތީ، މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން އެކްޓުގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު "ސްޓޮޕް-ވޯކް" ނޯޓިހަށް ޢަމަލުނުކުރުމާ ގުޅިގެންނެވެ.
އެ ނޯޓިހާ ގުޅިގެން ވެރިފަރާތުން ދިން ޖަވާބުގައި ކަމާބެހޭ އެއްވެސް ހުއްދައެއް ދައްކާފައި ނުވާތީ، މުނިސިޕަލްޓީގެ ކޭ/ވެސްޓް ވޯޑް އޮފީހުން އެ ޖަވާބު ބާތިލުކުރުމަށްފަހު، މިދިޔަ ހޯމަ ދުވަހު މުވައްޒަފުން ފޮނުވައިގެން އެ ބައިތައް ވަނީ މުޅިން ތަޅާލާފައެވެ.
މި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައުމާއެކު، އަޖޭގެ ޓީމުން ވަނީ ރަސްމީ ބަޔާނެއް ނެރެ ކަންހިނގި ގޮތް ސާފުކޮށްދީފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފިޔަވަޅު އަޅާފައިވާ ތަނަކީ އަޖޭ ދިރިއުޅޭ ޒާތީ ގެދޮރު ނޫން ކަމަށާއި، އެއީ ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ވަކި އިމާރާތެއް ކަމަށެވެ. އަދި ބީއެމްސީގެ ޤަވާއިދުތަކަށް ފުރިހަމައަށް އިޙުތިރާމްކުރާ ކަމަށާއި، ބޭނުންވާ ހުއްދަތަކަށް އެދި ހުށަހެޅުމުގެ އިތުރުން ކައުންސިލުން އެންގި އެންމެހައި އިސްލާޙީ ބަދަލުތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެ ޓީމުން ބުނެފައިވެއެވެ.
އަޖޭ، މަންމަ ވީނާ ދޭވްގަން އަދި އަންހެނުން ކާޖޮލްއާ އެކު-- ފޮޓޯ/ އިންޑިއާޓުޑޭ
ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، 7,802 އަކަފޫޓުގެ މި ބޮޑު ބަންގްލޯއަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް "ފްލޯރިއަން ހުރެލް ސެލޫން" ކުންފުންޏަށް، މަހަކު 16 ލައްކަ ރުޕީސްގެ ރޭޓުން ޖުމްލަ 10.61 ކްރޯޑް ރުޕީސްއަށް ކުއްޔަށް ދީފައިވާ ތަނެކެވެ. ނަމަވެސް އެ ސޮސައިޓީން ފާހަގަކޮށްފައިވާ ގޮތުގައި، ކުއްޔަށް ދިނުމަށް ހުއްދަ ދިން ނަމަވެސް، އިމާރާތުގެ އަސްލު އޮނިގަނޑަށް ބަދަލު ގެނައުމަށާއި ވިޔަފާރި މަރުކަޒަކަށް އެތަން ބަދަލުކުރުމުގެ އެއްވެސް ރުހުމެއް ދީފައެއް ނުވެއެވެ.
ފިލްމީ ދާއިރާގައި އަދިވެސް ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ އަޖޭ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ދްރިޝްޔަމް: ދަ ކޮންކްލޫޝަން"އިންނެވެ. އަބީޝެކް ޕާތަކް ޑައިރެކްޓްކޮށް، ތައްބޫ، ޝްރިޔާ ސަރަން، ރާޖަތު ކަޕޫރު، ޕްރަކާޝް ރާޖް އަދި ޖައިދީޕް އަހްލާވަތު ފަދަ ކުޅަދާނަ ތަރިން ފެނިގެންދިޔަ މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިފައެވެ.
