މިދިޔަ މަހުގެ ތެރޭގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރަށްވުރެ 15 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ.
މިިދިޔަ އަހަރުގެ ސެޕްޓެމްބަރާއި މި އަހަރުގެ ސެޕްޓެމްބަރާ އަޅައިކިޔާއިރު ޑޮލަރުގެ އާމްދަނީ ދަށްވި ނަމަވެސް، މި އަހަރުގެ މިހާތަނަށް ލިބުނު ޖުމްލަ ޑޮލަރުގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޑޮލަރުން ލިބިފައިވަނީ 127 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 150 މިލިއަން ޑޮލަރާ އަޅާބަލާއިރު 23.4 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.
ޑޮލަރުގެ އާމްދަނީން މިދިޔަ މަހު އެންމެ ބޮޑު ދަށްވުމެއް ފާހަގަކުރެވުނީ އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްތަކާއި ފީތަކުންނެވެ. އެގޮތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީން 1.7 މިލިއަން ޑޮލަރު މަދުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އިން ވަނީ 1.8 މިލިއަން ޑޮލަރު މަދުވެފައެވެ.
މީގެ އިތުރުން ރިސޯޓްތަކަށް ދޫކޮށްފައިވާ ރަށްރަށުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ލިބުނު އާމްދަނީން ވެސް 32.6 މިލިއަން ޑޮލަރުގެ ދަށްވުމެއް ވަނީ ރެކޯޑްކުރެވިފައެވެ.
މިދިޔަ މަހު އާމްދަނީ ދަށްވި ނަމަވެސް، މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ޖުމްލަ އަދަދުތަކަށް ބަލާއިރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ ކުރިއެރުން ހޯދައިފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 1.2 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 63.7 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ޓެކުހާއި ފީތަކުން ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް މީރާއިން ބުނެއެވެ.
ނަމަވެސް، އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު އަދިވެސް 14 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް މީރާގެ ހިސާބުތަކުން ދައްކައެވެ.
