ގަވައިދާ ޚިލާފަށް ނުވަލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާއަށް އަގުއަރާ ބޭރު ފައިސާ، ރާއްޖޭން ބޭރުކުރަން އުޅުނު އިންޑިއާ ފަސިންޖަރެއް ކަސްޓަމްސްއިން ހުއްޓުވައިފިއެވެ.
ކަސްޓަމްސްއިން މިއަދު ކުރި ޕޯސްޓެއްގައިވަނީ ގަވައިދާ ޚިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު 905،669.80 ރުފިޔާއަށްވާވަރުގެ ބޭރު ފައިސާ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރަން ދިޔަ މީހަކު ކަސްޓަމްސްއަށް ޑިކްލެއާނުކޮށް ބޭރުކުރަން މަސައްކަތްކުރި ކަމަށެވެ.
މި ފައިސާތައް އަތުލައިގަތީ އިންޑިއާއަށް ނިސްބަތްވާ ފަސިންޖަރެއްގެ އަތުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މި ފައިސާތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ކަމަށް ކަސްޓަމްސްއިން ކުރި ޕޯސްޓުގައި އޮތް ނަމަވެސް، އެއީ ކޮން ގައުމުތަކެއްގެ ފައިސާއެއްކަން އެ ޚިދުމަތުން ހާމަނުކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވައިގެން 3.86 މިލިއަން ރުފިޔާ ރާއްޖޭން ބޭރު ކުރަން އުޅެނިކޮށް ހަ ބިދޭސިއަކު މިދިޔަ ސެޕްޓެންބަރު މަހުގެ 18ވަނަ ދުވަހު ހައްޔަރުކުރިއެވެ. އެ މީހުންގެ އަތުން ފެނުނު ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯއާއި 1,815 ސްޓާލިން ޕައުންޑު ހިމެނެއެވެ. އޭގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ތިން މިލިއަނަށްވުރެ މަތިވާނެއެވެ.
މީގެ އިތުރުން ހުއްދަނެތި ބޭންކިން ޚިދުމަތް ދިނުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހަތަރު ބިދޭސީންނާއި ދިވެއްސަކު މިދިޔަ އަންގާރަ ދުވަހު ބަލައި ވަނީ ފާސްކޮށްފައެވެ.
ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
