ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނު ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނައީ ގާނޫނީ ދާއިރާއަށް ދަރިވަރުން ވައްދަން ހުރަސްއެޅުމުގެ މަގުސަދުގައި ނޫން ކަމަށާއި، އެ ބަދަލު ގެނައީ ގާނޫނީ ދާއިރާއަށް އަލަށް ނިކުންނަ ދަރިވަރުންނަކީ ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށް ކަމަށް، ބާ ކައުންސިލުން މިއަދު ބުނެފިއެވެ.
ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް ޓަކައި، ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލަށް ގެނައި ބަދަލާ އެކު އެ ދާއިރާގެ ދަރިވަރުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ ބަދަލުތަކުގެ ތެރޭގައި، އިމްތިހާނުތައް މީހާ ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ބާ ކައުންސިލުގެ އިސް ބޭފުޅުން މިއަދު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ބާ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ޝަމީލް ވިދާޅުވީ ބާ ކައުންސިލުން ބަދަލުތައް ގެނައީ ކޮލެޖުތަކުން ކިޔަވައިދޭ ގާނޫނީ ދާއިރާގެ ކޯސްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ކަމަށެވެ.
ޝަމީލް ވިދާޅުވީ މިހާރު އޮންލައިންކޮށް ބާއްވާ އިމްތިހާނުތަކުގައި ދަރިވަރުން ކޮޕީކުރުމާއި އޭއައި ބޭނުންކޮށްގެން އިމްތިހާނުތަކުގެ ސުވާލުތަކަށް ޖަވާބުދޭ ކަމުގެ ސީރިއަސް ޝަކުވާތައް ލިބެމުންދާކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ފާހަގަކޮށްފައިވާ ކަމަށެވެ.
"އެހެންވީމާ މި އުސޫލުތައް އަޅުގަނޑުމެން މި ގެންނަނީކީ އޭގެ ޒާތުގައި ކުދިންނަށް ދަތިކުރާކަށް މި ޕްރޮފެޝަންއަށް ވަނުމަށް ހުރަސް އަޅާކަށް ނޫން، އެއީ އެބަހުރި ސީރިއަސް ކޮންސާންތަކެއް، އަޅުގަނޑުމެން މިހައިތަނަށް ރާއްޖޭގައި ރެގިއުލޭޓްނުކުރެވި އޮތް ޕްރޮފެޝަންއެއް މި ޕްރޮފެޝަންއަކީ، އަޅުގަނޑުމެން އެކި މަސައްކަތް މި ކުރަނީ މި ޕްރޮފެޝަންގެ އިންޓެގްރިޓީ ހިފަހައްޓަން، ކިޔަވާ ވިދާޅުވާ ދަރިވަރުންގެ ފެންވަރު އަދި ތައުލީމީ ޕްރޮގްރާމުތަކުގެ ފެންވަރު ވެސް ހިފެހެއްޓުމަށްޓަކައި،" ޝަމީލް ވިދާޅުވިއެވެ.
މި ބަދަލު ގެންނަން މާ ލަސް ވެސް ވެއްޖެ ކަމަށް ޝަމީލް ގަބޫލުކުރައްވައެވެ.
ބާ ކައުންސިލުގެ ރައީސް ޙުސައިން ސިރާޖު ވިދާޅުވީ އޮންލައިން އިމްތިހާނުތައް އޮންނަންވާނެ ކަމަކަށް ގައުމީ ޔުނިވާސިޓީންނާއި އިސްލާމިކް ޔުނިވާސިޓީން ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް އަމިއްލަ ބައެއް ކޮލެޖުތަކުގައި އޮންލައިންކޮށް އިމްތިހާނުތައް ބާއްވާކަން ސިރާޖު ފާހަގަކުރެއްވިއެވެ.
ބާ ކައުންސިލުގެ ރައީސް ޙުސައިން ސިރާޖު --- ފޮޓޯ: މަޖިލިސް
ބާ ކައުންސިލުން ގެނައި ބަދަލުތައް ރަނގަޅުކަމަށް ގިނަ ކޮލެޖުތަކުން ބުނި ނަމަވެސް އެ ބަދަލުތައް ތަންފީޒުކުރުމަށް އެ ކޮލެޖުތަކުން އިތުރު ވަގުތަށް އެދުނުކަން ސިރާޖު ހާމަކުރެއްވިއެވެ. އިމްތިހާނަށް ދަރިވަރުން ހާޒިރުވާންޖެހޭ ގޮތަށް ބަދަލު ގެނައީ އޭނާ ވިދާޅުވި ގޮތުގައި، ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާ ވެސް މަޝްވަރާކުރުމަށް ފަހެވެ.
"އެ ވިސްނުމުގެ ދަށުން އެ މަޝްވަރާގެ ދަށުން އިން ފެކްޓް އަޅުގަނޑުމެން މި ސްޓެންޑާޑް އެކުލަވައިލައިފައި ފުރަތަމަ ކަނޑައެޅީ ޖޫން މަހު އިމްޕްލިމެންޓްކުރަން، ނަމަވެސް މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެން މިއޮތީ އެކެއް ޖަނަވަރީ 2027އާ ހިސާބަށް އަމަލުކުރުން ފަސްކޮށްފައި، އެއީ ބާ ކައުންސިލުން ކަމާބެހޭ އިދާރާތަކާއި ލޯ ކޮލެޖުތަކާ ވެސް މަޝްވަރާކުރުމަށް ފަހުގައި، އެހެންވީމާ ގިނަ ކޮލެޖުތަކުން ވިދާޅުވޭ އެ އިންތިޒާމު ހަމަޖެއްސޭނެއޭ،" ސިރާޖު ވިދާޅުވިއެވެ.
ސިރާޖު އިތުރަށް ވިދާޅުވީ އެވަރެޖުކޮށް ބާ އިމްތިހާނުން ފާސްވަނީ އެ އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން 53 އިންސައްތަ ނުވަތަ 54 އިންސައްތަ ކަމަށެވެ. ބައެއް ހާލަތްތަކުގައި 63 އިންސައްތަ ދަރިވަރުން ވެސް ފާސްވެފައި އެބަ ހުރި ކަމަށް ސިރާޖު ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބާ ކައުންސިލުގެ އެކްސްކޯގެ ބައެއް މެންބަރުން --- ފޮޓޯ: މަޖިލިސް
ނަމަވެސް އޮންލައިންކޮށް ގާނޫނީ ދާއިރާގެ ކޯސްތަކުގެ އިމްތިހާނު ހަދާ ދަރިވަރުން ފާސްވާ ނިސްބަތް ބާ އިމްތިހާނުގައި ދަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް އެނގޭ ހަގީގަތުގައި ވެސް ފެންވަރުގެ، ކޮލިޓީ އެބަ ކޮމްޕްރޮމައިޒްވާކަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އިމްތިހާނު ވަގުތު ވެސް އޮންލައިންކޮށް އިމްތިހާނު ހަދާ ބައެއް ދަރިވަރުން އެއް ދަރިވަރަކު އަނެއް ދަރިވަރަށް ގުޅައި ސުވާލުތައް އޮންނަ ގޮތަށް މެސެޖުކުރާ ކަން ފާހަގަކުރެވިފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނު ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ހަމަޖެއްސީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އޭރު ބާ ކައުންސިލުން ނިންމީ އޮގަސްޓު މަހުން ފެށިގެން އެ ބަދަލަށް އަމަލުކުރުމަށެވެ. ނަމަވެސް އެ ނިންމުން މުރާޖައާކޮށް އަންނަ އަހަރުން ފެށިގެން އެ ބަދަލަށް އަމަލުކުރަން ފަހުން ވަނީ ނިންމައިފައެވެ.
