ރާއްޖޭގެ ކޯސްޓްގާޑުން ހައްޔަރުކޮށްފައިވާ އިންޑިއާގެ ސޫތުކުޅީގެ 25 މަސްވެރިން ދޫކޮށްލުމަށް އެހީތެރިވެދިނުމަށް އެދި އެ މީހުންގެ އާއިލާތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވާލައިފިއެވެ.
ކޯސްޓްގާޑުން މި މީހުންނާއި އެ މީހުންގެ ތިން އުޅަނދު ހިފަހައްޓާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައެވެ.
އެމްއެންޑީއެފްއިން ވަނީ ތިން ބޯޓެއް ހިފެހެއްޓިކަން ރޭ ޔަގީން ކޮށްދީފައެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.
ބޭރުގެ ނޫސްތައް ބުނާގޮތުން އިންޑިއާގެ ސޫތުކުޅީ ޑިސްޓްރިކްޓުގެ ތަރޫވައިކުލަމްއަށް ނިސްބަތްވާ މި މަސްވެރިން މަހަށް ފުރާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. މަސްވެރިންގެ އާއިލާތަކުން ބުނާ ގޮތުގައި، އެ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ ގަދަ ވަޔާއި ކަނޑުގެ އޮއިވަރުގެ ސަބަބުން އޮޔާ ގޮސްގެންނެވެ.
ހައްޔަރުކޮށްފައިވާ އެއް މަސްވެރިއެއްގެ މަންމަ ކަމަށްވާ އަމަލޯރްޕަވަމް ވަނީ، އޭނާގެ ދަރިފުޅާއި އެހެން މަސްވެރިން ސަލާމަތްކޮށް، އުޅަނދުތައް އަނބުރާ ގެނައުމަށް އިންޑިއާގެ މަރުކަޒީ ސަރުކާރުން ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ. އޭނާ ބުނި ގޮތުގައި، އެ މީހުންނަކީ ކަނޑުގެ ފުން ސަރަހައްދުތަކުގައި މަސްވެރިކަން ކުރުމަށް ނުކުމެ އުޅުނު ބައެކެވެ. އަދި މި މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ވަގުތުން ތަދައްހުލްވެ، މަސްވެރިން މިނިވަންކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލާފައިވެއެވެ.
މީގެ އިތުރުން، ހައްޔަރުކޮށްފައިވާ އެހެން މަސްވެރިއެއްގެ ބޭބެ، ސުދަރްޝަން ބުނި ގޮތުގައި، އެ މީހުންނަކީ ކުޑައިރުއްސުރެ މަސްވެރިކަންކޮށްގެން އާއިލާތައް ބަލަހައްޓަމުން އަންނަ ބައެކެވެ. އިންޖީނު އެޅި ތިން އުޅަނދެއްގައި ކަންނެލީގެ މަސްވެރިކަން ކުރުމަށް ނުކުތް 25 މީހުން ހައްޔަރުކުރުމާ ގުޅިގެން އާއިލާތަކަށް ބޮޑެތި ގެއްލުންތަކަކާއި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ސުދަރްޝަން ވެސް ވަނީ މަސްވެރިންނާއި އުޅަނދުތައް ސަލާމަތްކުރުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އެހީތެރިކަމަށް އެދިފައެވެ.
ރާއްޖެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ އުޅަނދުތައް އަތުލައިގަތުމަކީ ވަރަށް އާއްމު ކަމެކެވެ. އޭގެ ތެރޭގައި ލަންކާގެ އުޅަނދު ފަހަރު ގިނަ އަދަދަކަށް ހިމެނެއެވެ.
