ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ، ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ މިރޭ 8:50 އިން ފެށިގެން 22:30 އާ ހަމައަށެވެ.
މެޓް އޮފީހުން މިއަދު ހަވީރު 5:00 އިން މިރޭ 9:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ފުރަތަމަ ނެރުނީ ރީނދޫ ސަމާލެކެވެ. އެ ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރި ނަމަވެސް، ވިއްސާރަ އިތުރަށް ވަރުގަދަވުމާ ގުޅިގެން ސަމާލުގެ ދަރަޖަ ވަނީ ތިންވަނަ ލެވެލް ކަމަށްވާ އޮރެންޖަށް މަތިކޮށްފައެވެ.
އާންމުކޮށް އޮރެންޖު އިންޒާރު ނެރެނީ 1 ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ ވާރޭ ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގައެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުން ގޯސްވުމާ ގުޅިގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ގެތަކަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމަށާއި، ކާބޯތަކެއްޗާއި ހިފާގެންގުޅޭ ސާމާނު ފެނުގެ އަސަރު ނުފޯރާ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
https://x.com/MetMaldives/status/2112934835438407715
މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން އެއްލައިގެން ހިނގައިދާނެ ތަކެތި ވާޖަހައި ހަރުކުރުމަށާއި، ބޭނުން ނުކުރާ ކަރަންޓު ސާމާނު ނިއްވާލުމުގެ އިތުރުން ޒަރޫރީ ސާމާނު ރައްކާކޮށް ތައްޔާރުވެ ތިބުމަށް ވެސް އެދިފައިވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން ބޯވިއްސާރަ ވިލާތައް ދަނީ އަތޮޅުތަކުގެ މައްޗަށް އަރަމުންނެވެ.
މިގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ތިން ދުވަހު ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަން ފުރިހަމަކުރުމަށާއި މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
