މިއަދު ފަތިހު ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި، އެކަމުގެ މަގުސަދަކީ، ނުރައްކާތެރި ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ފަތިހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މާލޭން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ބްރިޖް ހައިވޭގައި ޑިއުޓީ ކުރަމުންދިޔަ ފުލުހެއްގެ ގައިގައި ޖެހި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެ ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ މެސެޖުގައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ސީޕީ ނެރުއްވި ބަޔާނެއްގައި ވަނީ، ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ހާދިސާގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ސީޕީ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ޚާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު އެކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ސީޕީ ހާމަކުރެއްވިއެވެ. އަދި ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، އެ އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލުގައި ތިބި ދެ މީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ޝާމިލްވާ އިތުރު ދެ މީހަކާއި ސައިކަލެއް ލޮކޭޓްކޮށް މިހާރު ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަން ހާމަކުރެއްވިއެވެ.
ސީޕީ ވަނީ، މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެގޮތުން ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ހަމައެއާއެކު، ފުލުހުން މިހާރު ފަށާފައިވާ ޚާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އަރުވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އެކުލަވާލައިފައިވާ އައު ޓްރެފިކް ގާނޫނު މި މަހު ވަނީ ތަންފީޒު ކުރަން ފަށައިފައެވެ. އަދި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.
