މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ސަރަހައްދީ ކުޅިވަރު މުބާރާތެއް ނުވަތަ ރީޖަނަލް ގޭމްސްއެއް ބޭއްވުން ކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިރޭ ވިދާޅުވެއްޖެއެވެ.
"އަހާ ފޯރަމް"ގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރާފިއު ވަނީ، ރާއްޖޭގައި ސަރަޙައްދީ މުބާރާތެއް ބާއްވާނަމަ، އެ މުބާރާތެއް ބޭއްވުމުގެ ކުރިން، ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ވަސީލަތްތައް ގާއިމުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ކުޅިވަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ދެ ބިން ހަމަޖައްސާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ތަންތަނުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވިލިމާލޭގައި އިންޑޯ ކޮމްޕްލެކްސްއެއް އެޅުމަށް ނިންމައި އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާއިރު، މާލޭގައި ތަރައްގީކުރާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ވެސް މާ ލަސްތަކެއް ނުވެ ވަރަށް އަވަހަށް ނިމޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މިރޭ ބޭއްވި އަހާ ފޯރަމްގެ ތެރެއިިން ވަޒީރު ރާފިޢު އަދި ވަޒީރު ޙަސަން ޒަރީރު.... ފޮޓޯ/ ރައީސް އޮފީސް
ފޯރަމުގައި ބައިވެރިވި ބައެއް އާންމުން ވަނީ އިންޑޯ ކުޅިވަރެއް ކަމަށްވާ ހޭންޑްބޯޅަ ތަމްރީނުތަކާއި މުބާރާތްތައް ބޭއްވުމަށް ދަތިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މީހުން ވަނީ ފުޓްސަލް ދަނޑުތަކުގައި ހޭންޑްބޯޅަ މެޗުތައް ބާއްވަން ޖެހުމުން ދިމާވާ ދަތިތަކާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޯޓުތަކެއް އަޅައިދިނުމާ ގުޅޭ ގޮތުން ވަޒީރުގެ އަރިހުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އަލަށް ގާއިމުކުރެވޭ އިންޑޯ ކޮމްޕްލެކްސްތަކަކީ ހޭންޑްބޯޅައިގެ އިތުރުން އެހެނިހެން އިންޑޯ ކުޅިވަރުތައް ވެސް ކުޅެވޭނެ ގޮތަށް ފަރުމާކުރެވޭ ތަންތަން ކަމަށެވެ. އަދި މި މަޝްރޫޢުތައް ނިމުމުން ކުޅިވަރު ކުޅޭނެ ތަންތަނުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"މުސްތަގުބަލުގައި އަޅުގަނޑުމެންގެ މިޑްޓާމް ގޯލްއަކީ ރާއްޖޭގައި ކުރިއަށް އޮތް، ދެން އޭރު އަޅުގަނޑުމެން ނިންމީ 10 އަހަރުގެ ތެރޭގައި، މިހާރު ދެން ގާތްގަނޑަކަށް ކުރިއަށް އޮތް ހަތް އަހަރުގެ ތެރޭގައި ރީޖަނަލް ގޭމްސް އެއް ރާއްޖޭގައި ހޯސްޓްކުރުން." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުުރުން ވަޒީރު ވަނީ ރަށްރަށުގައި ތިބި ޒުވާނުންނަށް ވަޒީފާއާއި އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް ވާހަކައްދައްކަވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، ރަށްރަށުގައާއި ރިސޯޓުތަކަށް އަމާޒުކޮށްގެން ގިނަ ތަމްރީނުތަކެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން އެއާކޮންޑިޝަން މަރާމާތުކުރުމާއި އިލެކްޓްރީޝަން ފަދަ ޓެކްނިކަލް ދާއިރާތަކުންނާއި، ލޯކަލް ޓޫރިޒަމާއި ރިސޯޓުތަކުން ލިބެން ހުރި ވަޒީފާތަކަށް މީހުން ބިނާކުރުމަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 2,000 އަށްވުރެ ގިނަ ޒުވާނުން މިހާތަނަށް ތަމްރީނުކޮށް، އޭގެ ތެރެއިން ގިނަ ޒުވާނުންނަށް ވަޒީފާ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ރެފްރީންނާއި ކޯޗުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާނުންގެ ކުރިއެރުމަށް ސިޓީތަކުގައި ޔޫތު ހަބްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރުވެސް އައްޑޫ އަދި ތިނަދޫ ސިޓީގައި އެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހަބްތަކުން ޓްރެއިނިން ޕްރޮގްރާމްތަކުގެ އިތުރުން، ގޭގައި ކިޔަވަން ދަތިވާ ކުދިންނަށް ސްޓަޑީ ރޫމްތައް ހިލޭ ލިބޭނެ އިންތިޒާމާއި، ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭ 1456ގެ ޚިދުމަތްތައް ވެސް ލިބޭނެ ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.
