މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގަވައިދާ ޚިލާފަށް ދުއްވި ސައިކަލުގެ ކުރީގައި އިނީ، ދާދި ފަހުން ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހި ނަމަވެސް، މުއްދަތު ހަމަނުވަނީސް ދޫކޮށްލި މީހެއް ކަމަށްވާއިރު، އޭނާ ދޫކޮށްލި ސަބަބު ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ބުދަ ދުވަހުގެ މެންދަމު 02:55 އެހައިކަންހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާތަށް ލިބުނުއިރު، އެ މީހުން ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރިއެވެ.
އައިޖީއެމްއެޗުން އިއްޔެ މައުލޫމާތު ދިން ގޮތުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި އިތުރު ދެ މީހަކަށް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށް އިއްޔެ އެ ހޮސްޕިޓަލުން ބުންޏެވެ.
އެ އެކްސިޑެންޓުވީއިރު، ގަވައިދާ ޚިލާފަށް ސައިކަލު ދުއްވަން އިން މީހާއަކީ ކާކު ކަމެއް އަދި ފުލުހުން ރަސްމީކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ، ހ. ލާމިޔާ، އުމުރުން 22 އަހަރުގެ އަޙުމަދު އުވެއިސެވެ.
އޭނާއަކީ މި މަހުގެ އެއްވަނަ ދުވަހު، މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވާ މީހެކެވެ. އެހެންކަމުން، އޭނާގެ ބަންދު މުއްދަތު ހަމަވާން އޮތީ މި މަހުގެ 16އަށްވާ، އަންނަ ހުކުރު ދުވަހަށެވެ.
'ސަން' އިން މިއަދު އުވައިސްގެ ބަންދު މުއްދަތާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ، ސައްހަ ނޫން ސްލިޕެއް ބޭނުންކޮށްގެން ގެސްޓްހައުސަކުން ކޮޓަރިއެއް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުވެއިސް، ކޯޓުން ޖެހި މުއްދަތު ހަމަނުވަސީން މިދިޔަ އަންގާރަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ، އެ މައްސަލައިގައި ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށްގެންދަންޖެހޭ ބައި ނިމިފައިވާތީ ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ، ތިން މީހުން އަރައި ތިބި ސައިކަލު ދުއްވާފައިވަނީ އެއްކޮޅަށް ދުއްވޭ މަގެއްގައި ގަވައިދާ ޚިލާފަށް ކަމަށާއި، އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ބުނެފައެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން، އަނެއް ސައިކަލުގައި ތިބީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ ފިރިހެނެކެވެ.
