ގޫގުލް ޖެމިނައިގެ ނޯޓްބުކް ފީޗާ މެދުވެރިކޮށް ސްލައިޑް ޑެކާއި ވީޑިއޯ އޯވަވިއު އުފެއްދުމުގައި ބޭނުންކުރާ ފަރާތްތަކަށް އިތުރު ކޮންޓްރޯލާއި ބާރު ލިބޭ ގޮތަށް އާފީޗާތަކެއް އިތުރުކޮށް ބަދަލުތަކެއް ގެނެސްފިއެވެ.
މީގެ ކުރިން މި ފީޗާ މެދުވެރިކޮށް އެއްޗެއް ތައްޔާރުކުރަން އަމުރުކުރުމުން އެ އޭއައި އަމިއްލައަށް ކަންކަން ނިންމައި އެއްޗެއް އުފެއްދި ނަމަވެސް، މިހާރު ގެނައި ބަދަލާއެކު ސްލައިޑް ނުވަތަ ވީޑިއޯ ތައްޔާރުކުރުމުގެ ކުރިން ބޭނުންކުރާ ފަރާތަށް މަގުދައްކައި އިރުޝާދު ދިނުމުގެ ފުރުސަތު ލިބިގެންދެއެވެ.
އެގޮތުން ހުށަހަޅާ މަސްދަރުތަކަށް ބަލައި ޖެމިނައި އިން މައުޟޫއުތައް ހުށަހަޅައިދޭއިރު، ބޭނުންވާ ވަކި ނުކުތާތަކަކަށް އަލިއަޅުވާލުމަށް ޔޫޒަރުންނަށް ޚިޔާރުކުރެވޭނެއެވެ. އަދި އެ މަސައްކަތް ފެށުމުގެ ކުރިން ކަންކަން ރަނގަޅަށް ދެނެގަތުމަށްޓަކައި ސުވާލުތަކެއް ވެސް ޖެމިނައި އިން ކުރިމަތިކުރެއެވެ.
މީގެ އިތުރުން މަސައްކަތް އިތުރަށް ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް "ރިވިއު ޓޮގްލް" އެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މި ބައި އޮން ކުރުމުން ސްލައިޑްތަކުގެ އައުޓްލައިން ނޯޓްސް އަދި ވީޑިއޯގެ ޕްރޮޑިއުސާ ނޯޓްސް ބަލައި، ސްލައިޑް ނުވަތަ ވީޑިއޯ އެކީ ނިމުމުގެ ކުރިން މަންޒަރުތަކުގެ ތަރުތީބު ބަދަލުކުރުމާއި ފެށުމުގައި ޚުލާސާއެއް ހިމަނަން އެންގުން ފަދަ އިތުރު ބަދަލުތައް ގެނައުމުގެ އިޚުތިޔާރު ލިބެއެވެ.
އެހެންނަމަވެސް މިފަދަ އެއްވެސް އިތުރު މަސައްކަތެއް ނުކޮށް ސީދާ ޖެމިނައި އަމިއްލައަށް ހުރިހާ ކަމެއް ނިންމަން ބޭނުންވާ ނަމަ، އެ ޓޮގްލް ނިއްވާލުމަށްފަހު އޮޓޮމެޓިކުން އެ މަސައްކަތް ނިންމުމަށް ވެސް ފުރުސަތު ދެވިދާނެއެވެ. މި ބަދަލުގެ ސަބަބުން ތަކުރާރުކޮށް ޕްރޮމްޕްޓް ލިޔަންޖެހުމުގެ އުނދަގޫ ކުޑަވެގެންދާނެއެވެ.
ގޫގުލްގެ "ނޯޓްބުކް އެލްއެމް" އަކީ ދިރާސާތަކާއި މައުލޫމާތު އެއްކުރުމަށް ޚާއްސަކޮށްގެން، ޖެމިނައި އޭއައި މޮޑެލްގެ އެހީގައި ހިންގާ ވަސީލަތެކެވެ. މީގެ ކުރިން މައިގަނޑު ގޮތެއްގައި ލިޔުންތައް ޚުލާސާކުރުމާއި އޯޑިއޯ އޯވަވިއު ނުވަތަ ޕޮޑްކާސްޓް ސްޓައިލްގެ ވާހަކަތައް އުފެއްދުމަށް ބޭނުންކުރި މި ޓޫލް، ފަހުން ވަނީ ޕްރެޒެންޓޭޝަން ސްލައިޑްތަކާއި ވީޑިއޯތައް ވެސް އަމިއްލައަށް އުފެއްދޭ ފެންވަރަށް ފުޅާކޮށްފައެވެ.
