ރާއްޖޭގެ ރަށްރަށުގެ ފަސްގަނޑާއި ތިމާވެށި ހިމާޔަތްކޮށްދޭ ޤުދުރަތީ ދިފާއީ ބާރެއްގެ ގޮތުގައިވާ ޒަމާންވީ ބިޔަގަސްތަކާއި ރުއްގަސް، ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުފުރައި ނައްތާލުމުގެ އަމަލުތައް ސަރުކާރާއި ކައުންސިލްތައް އަދި ސްކޫލްތައް އިސްވެގެން އާންމުކުރަމުންދާތީ ތިމާވެށީގެ ހިމާޔަތުގައި ހަރަކާތްތެރިވާ "ސޭވް މޯލްޑިވްސް" ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި "އެލްނީނިއޯ" ގެ ސަބަބުން ކަނޑުތައް ހޫނުވެ، އިރުވައި މޫސުމުގައި އަންނަ ވިހަކުނޑި ވަޔާއެކު ރާއްޖެއަށް ތިމާވެށީގެ އަދި ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިފަދަ ގަދަ ހޫނާއި ނުރައްކާތަކުން ރައްކާތެރިވުމަށް ލިބިފައިވާ އެންމެ މުހިންމު ވަސީލަތަކީ އާރުލީ، ދުވަސްވީ ގަސްގަހާގެހި ކަމަށްވާއިރު، ރަށްރަށުގެ ހިންގުމާ ހަވާލުވެ ތިބި މުއައްސަސާތަކުން އެ ފަދަ ގަސްތައް ނައްތާލުމުގައި އިސްކޮށް އުޅުމަކީ އާންމު ސިއްހަތަށާއި ރަށްރަށުގެ ވިލުންވެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ސޭވް މޯލްޑިވްސްއިން ވަނީ ޤާނޫނާ ޚިލާފަށް ގަސްތައް ކަނޑައި، ތިމާވެއްޓަށް ގެއްލުންދެމުންދާ މުހިންމު ބައެއް ހާދިސާތައް ފާހަގަކޮށްފައެވެ. އެގޮތުން:
- ހދ. ވައިކަރަދޫ ކައުންސިލް މެދުވެރިވެ ރަށުން ރުއްގަސް އުފުރާތީ އެކަން ހުއްޓުވަން ރައްޔިތަކު ކޯޓަށް މައްސަލަ ހުށަހެޅުން.
- ހދ. ކުމުންދޫ ސްކޫލުގައި ހުރި 100 އަށްވުރެ ގިނަ އަހަރުވީ ބިޔަ ނިކަގަހެއް ކަނޑާލުން.
- ރ. ރަސްމާދޫގެ ތާރީޚީ ބޮޑު ނިކަގަހެއް ކެނޑުން.
- ކ. މާފުށީގައި ރެސްޓޯރަންޓެއް އަޅަން ދަންވަރު ގަޑީގައި އެރަށުގައި ހުރި ހަމައެކަނި ނިކަގަސް ކަނޑާލުން.
- ކ. ވިލިމާލޭގެ ފުނަވަލަށް ގެއްލުންވާ ގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުން.
- މާލޭގެ އޭޑީކޭ ހޮސްޕިޓަލް ގޯތިތެރޭގައި ހުރި ޒަމާންވީ ގަހެއް ކަނޑާލި މައްސަލަ
އެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުތައް ކަރުދާހުގައި ހުރި ނަމަވެސް، މަރުކަޒީ ސަރުކާރާއި، ރަށު ކައުންސިލްތަކާއި އަދި ސްކޫލްތަކުންވެސް އެ ޤާނޫނުތަކަށް ބެލުމެއްނެތި އަމަލުކުރަމުންދާ ކަމަށެވެ. އަދި އޭގެ ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ރައްޔިތުންގެ އިޖުތިމާއީ، އިޤްތިސާދީ އަދި ސިއްހީ ދުޅަހެޔޮކަމަށް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ސޭވް މޯލްޑިވްސްއިން ވަނީ ދައުލަތުގެ އިދާރާތަކުން ޤާނޫނީ ޒިންމާ އަދާކުރުމުގައި އިހުމާލުވަމުންދާތީ، އަންނަން އޮތް ޖީލުތަކުގެ ހައްގުގައި އަދި ރަށްރަށުގެ ދިފާއުގައި މިފަދަ ތިމާވެއްޓަށް ގެއްލުންދޭ އަމަލުތައް ހުއްޓުވުމަށް އިސްނަގައިގެން މަސައްކަތްކުރުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
