އޭނާއަށް ޒަރޫން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.
އޭނާއަކީ އަބަދު ވެސް އަމިއްލަ އިޙްސާސްތައް ހިންދައިލުމުގައި ކާމިޔާބު ހޯދާ މީހެކެވެ. އެހެން އެއްވެސް މީހަކަށް މީގެ ކުރިން ދުވަހަކު ވެސް އެ އިޙްސާސްތައް ފަހުމްވެފައެއް ނުވެއެވެ. އޭނާ ކަމެއް ތަޙައްމަލް ކުރާކަމުގައި ޝައްކުވެފައި އެއްވެސް ނުވެއެވެ. ހައިރާންވީ ޒަރޫން އެ އަސަރުތައް ދެނެގަތްލެއް މޮޅުކަމުންނެވެ. އޭނާގެ މާޔޫސްކަމާއި ނާއުންމީދީ އަސަރުތައް ޒަރޫންއަށް ފާހަގަވީތީއެވެ. ވިސްނުންތަކުގައި އެތަކެއް އިރަކު ނަހާއަށް ހުރެވުނެވެ.
*****
މިއަދު ތަސާމާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ފަތިސް ނަމާދުކޮށްގެން ޖައްސައިލިތަނާ އޭނާއަށް ނިދުނީއެވެ. ބޮލުގައި ރިއްސަމުން ދިޔައީތީއާ ވެސް އެކުގައެވެ. އޭރު ނަމާދަށް ތެދުވެފައި ބޭސް ކެއުމުން މިހާރު ތަދު ވަނީ ލުއިވެފައެވެ.
ގަޑި ބަލައިލި އިރު ދިހައެއް ޖަހަނީއެވެ. ފުންމައިގެން ތެދުވުމާ އެކު ބޮލުގައި ހިފަހައްޓައިލެވުނީ ކުށްވެރިއެއް ފަދައިންނެވެ. ހީވީ ކުރަންނުޖެހޭ ކަމެއް ކުރެވުނު ހެންނެވެ. ކުއިލްޓު ގައިމަތިން ދުރަށް ލަމުން ތުވާލި ހިފައިގެން ގޮސް ތަސާމާ ވަނީ ފާޚާނާއަށެވެ. ތާޒާވެލައިގެން ނުކުމެ އަވަސްއަވަހަށް ގޮސް ކޮޓަރިން ނުކުމެލިއެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ، ސޯފާގައި އިން ސަކީނާއެވެ. އެއީ އަޔާދުގު މަންމައެވެ. އޭނާ އިނީ ދެބުމަ ގޮށްޖަހައިލައިގެންނެވެ. މޫނުމަތީން ފެންނަނީ ރުންކުރުކަމާއި ނުރުހުމުގެ އަސަރެވެ.
އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ސަކީނާއަކީ ޒީލަ ގަދަ އަންހެނެކެވެ. ގޭތެރޭގައި ހުރިހާކަމެއް ކުރަން ޖެހޭނީ އޭނާ ބުނާ ގޮތަށެވެ. ގޭތެރޭގެ ކަންތައްތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި ފަހު ބަސް އިއްވުމަކީ ހަމަ އެކަނި އޭނާއަށް ލިބިގެންވާ ހައްޤެއްކަމަށް ސަކީނާ ޤަބޫލުކުރެއެވެ. ތަސާމާއަށް މިއަދު އޭނާ ކުށްވެރިވެއްޖެކަމުގެ އިޙްސާސްކުރެވިއްޖެއެވެ. ސަބަބު ވެސް އެނގުނެވެ.
އެއްޗެއް ނުބުނެ ބަދިގެއާ ދިމާލަށް ތަސާމާ ހިނގައިގަންނަން އުޅުނު ނަމަވެސް، ހުއްޓެން މަޖުބޫރުވީ ސަކީނާގެ ރުންކުރު އަޑާ އެކުގައެވެ.
"ހޭލެވޭ ވަރުވީ ދޯ! މިހާރު ތިކަންތައް ވެސް އާދަޔަކަށް ހަދައިފި. އެހެންނު ވާނީ، އަޔާދު އެ ހުންނަނީ ކަލޭގެ އަވައިގަ ޖެހިފަ ވިއްޔަ. އޭނައަށް ހެޔޮ ވާނެ ކަލޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް. މަގޭ ހިތަށް އަރާ ކޮން ސިހުރެއް ބާއޭ ކަލޭ އޭނައަށް ހަދައިގެން ތި އުޅެނީ. އެހެންޏާ ފަހެ މަގޭ މޫނުމަތީގަ ވެސް އެބަ ޒުވާބު ކުރެޔޭ އެ ވަރަށް މިހާރު. އެއީ މީގެ ކުރިން ދުވަހަކު ވެސް މަށާ އެގޮތަށް އަރައިރުންވި ކުއްޖެއް ނޫނޭ!" ސަކީނާ ފަތިވަރު އަމުނަން ފެށިއެވެ. ސަކީނާގެ ރުޅިގަނޑު ގުޅިފައިވަނީ މިއަދު ހެނދުނު ވީ ކަންތަކާއެވެ. އޭނާއަށް ނުކުމެވުނީ އޮފީހަށް ދިޔުމުގެ ކުރިން އަޔާދު އަމިއްލައަށް ކޮފީއެއް ހަދަން ހުއްޓައެވެ. ސަކީނާ ތަސާމާގެ ވާހަކަ އެހުމުން އަޔާދު ބުނީ އޭނާ ބޮލުގައި ރިއްސާތީ އޮތުމުން ނުގޮވީ ކަމުގައެވެ. އަޔާދަކީ ޒިންމާދާރު މަގާމެއްގައި ހުރި މީހެކެވެ. ސްކޫލެއްގެ ޕްރިންސިޕަލްއެއްގެ ގޮތުގައި ހަތަރު އަހަރު މަސައްކަތްކުރުމަށް ފަހު، މިހާރު އޭނާ މަސައްކަތްކުރަމުން ދަނީ ތަޢުލީމީ ވުޒާރާގެ އިސް މަގާމެއްގައެވެ. އަޔާދު ނުކުމެގެން ދިޔައީ ވެސް ތަސާމާއަށް ނުގޮވަން ބުނެފައެވެ.
ތަސާމާ އެއްޗެއް ނުބުނެ ގޮސް ބަދިގެއަށް ވަނެވެ. އެ މަންޒަރު ބަލަން އިން ސަކީނާ ތުން އަނބުރައިލިއެވެ.
ސަކީނާއަކީ މާލޭ މީހެއް ނޫނެވެ. އަޔާދުގެ ބައްޕަ ނާޝިދާ ސަކީނާއާ ދިމާވީ ކިޔަވަން އުޅުނު ދުވަސްވަރުއެވެ. ކިޔަވާ ނިމިގެން ކައިވެންޏަކާ ހިސާބަށް އެ ގުޅުން ގެންދިޔައީ ދެ ޢާއިލާގެ ވެސް ރުހުމުގައެވެ. ނާޝިދަކީ ވެސް ތައުލީމީ ދާއިރާގައި ވަޒީފާ އަދާކުރި މީހެކެވެ. އެހެންނަމަވެސް މީގެ އަހަރެއްހާ ދުވަސްކުރިން އޭނާވަނީ ރިޓަޔަރ ކޮށްފައެވެ. އޭރު އެމީހުން މިހާރު އެ އުޅޭ ގެ، "ނޫފެހިހިޔާ" ވެސް ވަނީ 6 ފަންގިފިލާއަށް ނަގާފައެވެ. އެމީހުން އުޅޭ ފަންގިފިލާ ނޫނީ ބާކީ ހުރިހާ ބަޔެއް ހުންނަނީ ކުއްޔަށް ދީފައެވެ. އެހެންކަމުން ފައިސާގެ ދަތިކަމެއް ނޯވެއެވެ. އެއީ ނާޝިދުގެ ބައްޕަގެ ގޯއްޗެވެ. އޭނާގެ މައިންބަފައިންނަކީ މާލޭ ބަޔެކެވެ. އެއްބަނޑުގައި ހުރީ އެންމެ މީހެއްކަމުން، މަންމަގެ ގެ އޭނާއަށް ދީފައި ނާޝިދަށް ލިބުނީ ބައްޕަގެ ގެއެވެ. ނާޝިދާ އިނދެވުމަކީ ސަކީނާއަށް ދުނިޔެ ރަންވި ފަދަ ކަމަކަށްވިއެވެ. މާލޭގައި ކުލި ދައްކައިގެން އުޅެން ނުޖެހޭނެތީއެވެ. އަބަދު ވެސް އަރާމާ ޢިއްޒަތުގައި އުޅުމަކީ އޭނާ ބޭނުންވާ ގޮތެވެ.
ތަސާމާ ދިޔުމުން ވެސް ސަކީނާ އޭނާގެ އަނގަ ހުއްޓައެއް ނުލިއެވެ. ނާޝިދު ނުކުތީ ވެސް އޭނާ އެހެން އިންދައެވެ. ދެފަރާތަށް ބޯ ހޫރައިލަމުން އައިސް އޭނާ ސަކީނާގެ ގާތުގައި ސޯފާގައި އިށީނެވެ.
"ސަކީނާ ކިހިނެއްވެގެން ތި އުޅެނީ؟ ކީއްވެތަ ތި ހަޅޭއްލަވަނީ؟" ނާޝިދަށް އަހައިލެވުނެވެ.
"ނޭނގޭތަ ވެގެން މި އުޅޭ ގޮތެއް. އަދި މި ގޭގަ ކާ އެއްޗެއް ރޯފިލުވައިނުލެވޭ!" ސަކީނާ ބުންޏެވެ.
"ޕިސްޕިސް. ސަކީނާ!،" ދަމާލާފައި ނާޝިދު ގޮވައިލިއެވެ. "އަޔާ ބުންޏެއްނު ތަސާމާ އުޅެނީ ބަލިވެޔޭ. އެހެން ނޫނަސް ސަކީނާއަށްވެސް ކާ އެއްޗެއް ތައްޔާރުކޮށް ލެވުނީހެއްނު."
ނާޝިދު ބެލީ ރީތިކޮށް މަޑުމައިތިރިކޮށް ސަކީނާއަށް ވިސްނައިދެވޭތޯއެވެ. ރުޅިއިސްކޮށް ޒުވާބު ކުރުމަކީ އޭނާގެ ކިބައިގައި ހުންނަ ސިފައަކަށް ނުވާތީއެވެ. ސަކީނާއަކީ ގޮތެއްގައި ހުންނަ މީހެކެވެ. އޭނައަށް ކަމުނުދާ ކިތަންމެ ސިފަތަކެއް ސަކީނާގެ ގައިގައި ހުރެއެވެ. ޒީލަގަދަކަމާއި އަންނަ ސިނގިރުޅިއަކީ ނާޝިދު އެންމެ ގަޔާނުވާ ސިފަތަކެވެ. ކިތަންމެ ވަރަކަށް ވިސްނައިދިނަސް ސަކީނާއަކަށް ނުވިސްނެއެވެ. ނޫނީ ނަޞޭޙަތް ޤަބޫލުކުރަން ބޭނުންނުވަނީއެވެ.
"ނާޝިދަށް ވެސް ރަނގަޅުވާނީ އޭނަ. އަހަންނަށް އެކަން އެނގެޔޭ." އެހެން ބުނެލުމާ އެކު ސަކީނާ ސޯފާއިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ދެ ފަރާތަށް ބޯ ހޫރައިލުމާއެކު، ނާޝިދު ޓީވީ ޖައްސައިލިއެވެ.
"ބައްޕާ! ސައިބޯން އަންނަންވީނު." ސައި ހަދާފައި ތަސާމާ ނުކުމެ ގޮވައިލިއެވެ. ހިނިތުންވެލަމުން ޓީވީ ނިއްވައިލާފައި ތެދުވި، ނާޝިދު ވާހަކަ ދެއްކިއެވެ.
"އަޔާ ބުނި ބަލިވެ އުޅޭ ވާހަކަ. މިހާރު ރަނގަޅުތަ؟" އޯގާތެރިކަމާ އެކު ނާޝިދު އަހައިލިއެވެ.
"މިހާރު ރަނގަޅު. ބޮލުގަ ރިއްސާތީ ނިދާލާފަ ލަހުން ހޭލެވުނީ." ތަސާމާ ޖަވާބު ދިނެވެ. ނާޝިދު ހީނލާފައި ގޮސް ކާ މޭޒު ދޮށުގައި އިށީނެވެ.
ޖޯޑަށް ސައި އަޅަމުންދިޔަ ތަސާމާއަށް ބަލައިލާފައި ނާޝިދު އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.
"މަންމަ އުޅޭނެ އެހެން. އަޅައިނުލިއްޔާ ރަނގަޅުވާނީ.،" އޭނާ ބުނެލިއެވެ."މަންމަގެ ގޮތް އެނގެއެއްނު."
ތަސާމާގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައީތީ ނާޝިދު ބޭނުންވީ އޭނައަށް ކުޑަ ތަސައްލީއެއް ދޭށެވެ. ތަސާމާ ހިނިތުންވެލިއެވެ. ނުތަނަވަސްކަން ފޮރުވަން އޭނާ މަސައްކަތްކުރިއެވެ. ސަކީނާ އޭނާއާ ދޭތެރޭ ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރި ނަމަ ވެސް ނާޝިދު އޭނާއަށް ވަރަށް ހެވެވެ. އަބަދު ވެސް އޭނާއަށް ހިތްވަރު ދެއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ސަކީނާގެ ވިހަ ގަދަ ބަސްތަކުން ލިބޭ ވޭނާ ޒަޚަމަށް ލުޔެއް ހޯދައި ދިނުމަށް ނާޝިދުގެ ބަސްތަކެއް ވެސް ނުފުދެއެވެ.
*****
ހަވީރުގެ ވަގުތެވެ. އަޔާދު އައިސް ގެއަށް ވަތްއިރު ގޭތެރެ އޮތީ ފަޅުކޮށެވެ. ކޮޓަރިއަށް ވަތްއިރު ކޮޓަރީގައި ވެސް ތަސާމާއެއްނެތެވެ. ތަސާމާއަކީ ތަނަކަށް ދާނަމަ އޭނާގެ ގާތުގައި ބުނެފައި ނޫނީ ދާނެ މީހެއް ނޫނެވެ. ފޯނު ނަގާފައި ގުޅައިލުމާ އެކު، ރިންގުގެ އަޑު އިވުނީ ކޮޓަރި ތެރެއިންނެވެ. ބަލައިލި އިރު ފޯނު އޮތީ ބާލީސް ކައިރީގައެވެ. ފޯނު ކަނޑާލުމަށް ފަހު، އަޔާދު ގޮސް ކޮޓަރިން ނުކުމެލިއެވެ. ފަހަރުގައި ތަސާމާ ޓެރެހުގައި ހުރެދާނެކަމަށެވެ.
އަޔާދު ގޮސް ލިފްޓުން މައްޗަށް އެރިއެވެ. ޓެރެހުގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ބޭރަށް ނުކުންނަން އުޅެނިކޮށް، ކަންފަތުގައި ޖެހުނު އަޑާއެކު މަޑުޖެހިލެވުނެވެ. އެ ދައްކާ ވާހަކަ އަޑު އަހަން ކަންފަތް ހުޅުވައިލެވުނެވެ.
"އަހަރެން ވެސް މާމައަކަށް މި ވީ ހާދަ އުންމީދެއް ކުރި ފަހުންނޭ. އަޔާދުމެން ދަރިއަކު ހޯދަން މަސައްކަތްނުކުރަނީތަ؟ މިހާރު އުމުރު ވެސް ހުސްވަނީ. ތިރީސް އަހަރުވެއްޖެ ކަންނޭނގެ މިހާރު ވެސް." ވާހަކަ ދެއްކީ ސަކީނާގެ އެކުވެރިއެކެވެ.
"ކީއްކުރާނީ؟ އަހަރެން ބުނާ ވާހަކައެއް އަޑު އަހަނީއެއް ނޫން. އަހަންނަށް ޔަޤީން އަޔާދުގެ މައްސަލައެއް ނުހުންނާނެކަން. ތަސާމާގެ ހުރި މައްސަލައެއްގެ ސަބަބުން ދަރިން ނުލިބެންޏާ އަހަރެން ބުނެފިން މިހާރު އެހެން މީހަކާ އިންނަން ވެސް. ފިރިހެނަކަށް 4 އަނބިން ވެސް ހުއްދަ. ކީއްކުރާނީ، ބައެއް މީހުން ހިސާބަށް ވުރެ އަމިއްލަ އެދުން ބޮޑީ. ތިމާއަށް ދަރިން ނުލިބޭ ޙާލު އެހެން މީހުން ވެސް އެ އުފަލުން މަޙުރޫމު ކޮށްލަނީ..." އަޔާދުގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. މުށްކެވިފައިވާ ދެއަތްތިލަ ޖީބަށް ޖަހައިލިއެވެ. ހުޅުވިފައިވާ ދޮރުގެ ދާއިރާއިން އޭރު ސަކީނާއަށާއި އޭނާގެ އެކުވެރިޔާއަށް ޚިދުމަތްކުރަމުން ދިޔަ ތަސާމާ އަޔާދަށް ފެނެއެވެ. ތަސާމާ ދިޔައީ އެމީހުން ތިބި މޭޒުމަތީގައި ހުރި ޖޯޑަށް ސައި އަޅަމުންނެވެ. އެކަން ކޮށް ނިންމާފައި ގެނައި ކާއެއްޗެހިތައް ތަބަކުން ނަގާ އަތުރާފައި ތަބަށް ހިފައިގެން ދާންވެގެން ތަސާމާ އެނބުރިލިއެވެ. އޭރު އެ މޫނުމަތީގައިވި ހިތް ހަލާކުވާފަދަ އަސަރުތައް އަޔާދުގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ހިތުގައި ހީވީ މީހަކު ބާރަށް ވިކައިގަތްހެންނެވެ. ތަސާމާގެ މޫނުމަތިން އެ ފެންނަނީ އޭނާ ދުވަހަކު ވެސް ދެކެން ބޭނުންވާ އަސަރުތަކެއް ނޫނެވެ.
"ދަރިން ނުލިބެންޏާ އަމިއްލައަށް ވަރިވެގެން...." މި ފަހަރު ސަކީނާގެ އެކުވެރިޔާގެ ޖުމްލަ ފުރިހަމަކުރާކަށް އަޔާދު ފުރުޞަތެއް ނުދިނެވެ. ހުރި ބާރުލާފައި ދޮރު ހުޅުވާލާފައި އޭނާ ޓެރެހަށް ވަނެވެ. އެވަގުތު އެ ބުނި ޖުމްލަތަކުން ހުއްޓުން އެރި ތަސާމާއަށް ވެސް ކުރިމައްޗަށް ބަލައިލެވުނެވެ. ރުޅި އައިސް ރަތްވެފައި ހުރި އަޔާދު ފެނުމާއެކު ވެސް ކުރިއަށް ފިޔަވަޅެއް އަޅާކަށް ތަސާމާއަކަށް ނޭނގުނެވެ. އިވުނު ބަސްތަކުން ހިތަށް ކުރި އަސަރު ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތަކުން ހާމަކޮށްދެމުން ދިޔައެވެ.
"މަގޭ އަންހެނުންނާ ދިމާލަށް ތި ފާޑަށް އެއްޗެހި ކިޔުމުގެ ހައްޤެއް އެއްވެސް މީހަކަށް ނޯންނާނެ! އަހަންނަށް ވަރި ހަމަ ތީ މަގޭ މަންމަގެ ކޮންމެ މީހަކަސް. އަޑު އިވިއްޖެ! ދެން މަންމަ...،" ތަސާމާއާ ދާދި ގާތަށް ހުއްޓުމަށް ފަހު އަޑު ހަރުކޮށް އަޔާދު ވާހަކަ ދައްކަން ފެށުމުން އޭނާ ހުއްޓުވުމުގެ ގޮތުން ތަސާމާ އެ އަތުގައި ހިފެހެއްޓިއެވެ. އެހެންނަމަވެސް، އަޔާދު ހުރީ އޭނާގެ ގޮތުގައެވެ. އިވުނު ވާހަކަތަކަށްފަހު އަނބިމީހާގެ ދިފާޢުގައި ވާހަކަ ނުދެއްކުމަކީ ފިނޑިއަމަލެއްކަމުގައި އޭނާ ދެކުނެވެ. "މަންމައަށް ވިޔަސް ތި ގޮތަށް އަހަރެންގެ އަނބިމީހާއާ ވާހަކަ ދެއްކިގެން ނުވާނެ! އަހަރެމެންގެ ދިރިއުޅުމުގަ ގޮތް ނިންމާނީ އަހަރެމެން. ބޭރު މީހުން ކޮންމެހެން ބެހެން ޖެހޭ ކަންތައްތަކެއް ނޫން އެއީ!."
ފަހު ޖުމްލަ ބުނެލި އިރު އަޔާދު ބަލައިލީ ސަކީނާގެ އެކުވެރިޔާއާ ދިމާލަށެވެ. އެހެން ބުނެލުމާ އެކު ދެވަނަ ސިކުންތުގައި އެއްވެސް މީހަކަށް ވާހަކަ ދައްކާނެ ފުރުޞަތެއް ނުދީ ތަސާމާގެ އަތުގައި ހިފައިގެން ގޮސް ޓެރެހުން ނުކުތެވެ. އޭރު ތަބަށް އޮތް ތަސާމާގެ އަތް ވަނީ ތިރިކޮށްލެވިފައެވެ. ނުކުތުމާ އެކު އަތުގައި ހުރި ބާރު ލާފައި ޓެރެހުގެ ދޮރު ވެސް ޖަހައިފިއެވެ. އޭރު ރުޅިއާއި ދެރަ އެކުވެގެން އަޔާދު ތުރުތުރު އަޅައެވެ. އެއްވެސް މީހަކަށް އެ ފަދަ ގޮތަކަށް އޭނަގެ އަނބިމީހާއާ ވާހަކަ ދެކެވިގެން ނުވާނެއެވެ.
"ސަކީނާ... އެ އަންހެނާ އެ ހެރީ ކަލޭގެ ދަރި ރަނގަޅަށް ވެސް އޭނަގެ ދަލުގަ ޖައްސާފަ. ކީކޭ ބުނާނީ ދެން؟ ގައިމު ސަކީނާ ތީ އޭނަގެ މަންމަ. އަނބިމީހާއާ ޖެހުނީމަ މަންމައެއް، ޢާއިލާއެއް، ތިމާގެ މީހެއް ނޯވޭ. މަށާ ދިމާލަށް އެއްޗެހި ކީ އިރު މަގޭ އުމުރަށް ވެސް ބަލައިނުލިޔޭ." އަޒީޒާ ބުނެލިއެވެ. ގާތް އެކުވެރިޔާގެ ވާހަކަތަކުން، ސަކީނާގެ ރުޅިގަނޑު ހައްތަހާވީ އިތުރެވެ. އޭނާގެ ދެ ބުމަ ގޮށްޖެހިގެން ދިޔައެވެ.
ތިރިއަށް ގޮސް ގޭތެރެއަށް ވަނުމާ އެކު ތަސާމާގެ އަތުގައި އޮތް ތަބަށް އަތުލާފައި، ކާ މޭޒުމަތީގައި ބާއްވާފައި އޭނާ ގޮވައިގެން އަޔާދު ދިޔައީ ކޮޓަރިއާ ދިމާލަށެވެ. އޭރު ވެސް ތަސާމާގެ އަތުން އޭނާ ދޫކޮށެއް ނުލައެވެ. ތަސާމާއަށް އަޔާދު ހިފަހައްޓައިފައިވާ އަތަށް ބަލައިލެވުނެވެ. އޭރު އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެންފިއެވެ.
ކޮޓަރިއަށް ވަނުމާއެކު ތަސާމާގެ އަތުން އަޔާދު ދޫކޮށްލިއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާ އެކު އޭނާ ދެކޮޅަށް ހިނގަން ފެށިއެވެ. ރުޅިގަނޑު ފިނިވޭތޯ ކަންނޭނގެއެވެ. އިރުގަނޑެއް ފާއިތުވީ ފަހުން ވެސް ރުޅިގަނޑު މަޑެއްނުވިއެވެ. އެންމެ ފަހުން ތަސާމާ ގޮސް އަޔާދުގެ ކުރިމައްޗައް ހުއްޓުނެވެ.
"އަޔާ..." ކުރަކިވެފައިވީ އަޑަކުން ތަސާމާ ގޮވައިލުމާ އެކު އަޔާދު ވަގުތުން މަޑުޖެހުނެވެ. އޭނާ ތަސާމާއަށް ބަލައިލި އިރު އެ ދެލޮލުން ފޭބި ކަރުނަތައް ފެނި، ވަގުތުން މަޑުޖެހެވުނެވެ. އައިސްފައި ހުރި ރުޅި ފިނިވެ، ނިތަށް އަރައިފައި ހުރި ރޫތައް ވެސް ފިލައިފިއެވެ. ދެވަނަ ސިކުންތުގައި ތަސާމާގެ ކޯތާފަތުގައި ދެ އަތުން ހިފަހައްޓައިލައިފައި ނިތުގައި ބޮސްދީފިއެވެ.
"ސޮރީ...،" އަޔާދު ބުންޏެވެ. "ވަރަށް ބޮޑަށް ސޮރީ..."
"އިޓްސް އޯކޭ... އަޔާ ކީއްވެތަ މަންމަގެ ފްރެންޑެއް ހުއްޓާ އެހެން ވާހަކަ ދެއްކީ؟" ރޮވެމުން ދިޔަ ޙާލު ހިތްވަރުކުރަން މަސައްކަތްކުރަމުން ތަސާމާ ބުނެލިއެވެ.
"އެއްވެސް މީހަކަށް ތަސޫއާ ދިމާލަށް އެހެން ވާހަކައެއް ނުދެއްކޭނެ. އަހަަރެމެންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ މަންމަ ވެސް ނުޖެހޭނެ ހިލޭމީހުންނަށް އިސްތިހާރު ކުރާކަށް." އަޔާދު ބުންޏެވެ. އޭނާ ތަސާމާގެ ކަރުނަތައް ފުހެދިނެވެ. ލޯތްބާއެކު ތަސާމާ ގާތްކޮށްލާ ބައްދައިލިއެވެ. އުމުރަށް ހިމާޔަތް ދޭނެކަމުގައި ވަޢުދުވަމުންނެވެ.
އަޔާދުގެ ލޯބި ފިރުމުންތަކުންނާ އެ ގާތްކަމުން ތަސާމާގެ ހިތަށް ކުޑަ ތަސައްލީއެއް ލިބުނު ނަމަވެސް، ސަކީނާގެ ވިހަ ގަދަ ބަސްތައް އަދި ވެސް ދިޔައީ އޭނާގެ ކަންފަތުގައި ގުގުމަމުންނެވެ. އަޔާދުގެ ލޯތްބާއި އަޅައިލުން ނުލިބޭނަމަ އެ ގޭގައި އުޅުމަކީ ކެތްކުރެވޭވަރުގެ ކަމަކަށް ނުވީހެވެ.
"ތެންކިއު..." ތަސާމާ ބުނެލިއެވެ. އޭރު ވެސް އޭނާގެ އަތް ވަނީ އަޔާދުގެ އުނަގަނޑުގައި ވަށައިލެވިފައެވެ.
"މަންމަމެން ގެއަށް ގޮސްލަންވީނު." އަޔާދު ބުނެލިއެވެ. އޭނާ ބޭނުންވީ ތަސާމާ ހިތްހަމަ ޖައްސައިލަދޭށެވެ.
"މި ގަޑީގަ؟" ތަސާމާއަށް ބުމަ އަރުވައިލަމުން އަޔާދުގެ މޫނަށް ބަލައިލެވުނެވެ.
"ކިހިނެއްވީ؟ އަދި ފަހެއް ވެސް ނުޖަހާ.. ނުދާނަން؟" އަޔާދު އަހައިލިއެވެ. "ނޫނީ ހިނގާ ދުއްވައިލަން ދާން."
ތަސާމާ ބޯ ޖަހައިލިއެވެ. އޭނާ ބޭނުންވީ ހުޅުމާލެ ގޮސްލާށެވެ.
*****
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނަހާއާއި ޒަރޫންއާ ކޮންމެ ދުވަހަކު ވެސް ދިމާވަނީ ކެފޭއިންނެވެ. އެގޮތަށް ދިމާވެދިމާވެ ދެމެދުގައި އެކުވެރިކަން ވަރަށް ބޮޑަށް ބަދަހިވެގެން ހިނގައްޖެއެވެ. ހަޤީޤަތުގައި އެކުވެރިކަމަށް ވުރެ އެ ގުޅުން ގާތްވި ނަމަވެސް، އެކަކު ވެސް ހިތުގެ އިޙްސާސްތަކަށް ފުރުޞަތުދޭކަށް އަދި ބޭނުމެއް ނޫނެވެ.
އާދައިގެ މަތީން ދުވަހެކެވެ. ކެފޭއަށް ކާއެއްޗެހި ލާފައި ކޮފީ އެއް ބޯން ޒަރޫން މަޑުކޮށްލިއެވެ. އޭނާ ބޭނުންވާ އެއްޗެއް އަހާކަށް ނަހާއަށް މިހާރަކު އެއްވަރަކަށް ވެސް ނުޖެހެއެވެ. ޒަރޫން އަބަދު ވެސް ނަގާނީ އެސްޕްރެސޯއެއްކަން އެނގޭތީއެވެ.
ޒަރޫން ކައުންޓަރު ކައިރީގައި ހުރެފައި އެނބުރިލި ވަގުތު، ކެފޭއަށް ވަތް އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ޒަރޫން ފެނުމާއެކު އެ ކުއްޖާއަށް މަޑުޖެހުމެއް އައެވެ. ޒަރޫންއަށް ވެސް ހިނދުކޮޅަކަށް މަޑުޖެހެވުނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި މާ ބޮޑަށް އަޅައިނުލާ ގޮސް އޭނާ އާއްމުކޮށް އިންނަ ގޮނޑީގައި އިށީނެވެ. އެ އަންހެން ކުއްޖާ ކައުންޓަރާ ކައިރިވެލާފައި ނެގި ކޮފީއާއި، ސޭންޑްވިޗް ހިފައިގެން ގޮސް މޭޒުދޮށުގައި އިށީނެވެ. އޭރު ވެސް އިރުއިރުކޮޅާ އޭނާގެ ނަޒަރު ޒަރޫންއަށް ހުއްޓެއެވެ. ނަހާ ކޮފީ ހިފައިގެން ގޮސް ޒަރޫންގެ ކުރިމަތީގައި ކޮފީ ތަށި ބަހައްޓައިލިއެވެ. މާ ވަރަކަށް އެ އަންހެން ކުއްޖާ ޒަރޫންއަށް ބަލާހެން ހީވެގެން އޭނާ އެ ދިމާލަށް ބަލައިލިއެވެ. އޭރު ވެސް އެ ކުއްޖާގެ ނަޒަރު ހުރީ ޒަރޫންއަށް ހުއްޓިފައިކަން ނަހާއަށް އެނގެއެވެ. އެހެންނަމަވެސް، އޭނާ ހަމަ ބަލައިލުމާ އެކު ނުވާ ކަމަކަށް ހަދާފައި ނަޒަރު ބަދަލުކޮށްލީއެވެ. ޒަރޫންއަށް ވެސް އެ ކުއްޖާ އޭނާއަށް ބަލަމުން ދާކަން އެނގެއެވެ. އެހެންނަމަވެސް، އެކަމާ އަޅައިނުލައި ވޭތޯ އޭނާ މަސައްކަތްކުރިއެވެ.
(ނުނިމޭ)
