ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ލީޑް ރޯލު ކުޅެފައިވާ ކާމިޔާބު ސަސްޕެންސް ތުރިލާ ފިލްމު "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" ރިލީޒްކުރިތާ ދެ ހަފްތާވީއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު ދައްކައިގެން ލިބުނު އާމްދަނީގެ އަދަދު 500 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 52.5 މިލިއަން އެމެރިކާ ޑޮލަރު)ފަހަނައަޅައި ގޮސްފިއެވެ.
ބޮކްސް އޮފީހުގައި މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ނަމަވެސް، މި ފްރެންޗައިޒްގެ ހަތަރުވަނަ ބައެއް އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ޕާތަކް ވަނީ ހާމަކޮށްފައެވެ.
ފިލްމީ ވިޔަފާރީގެ ޚަބަރުތައް ދިރާސާކުރާ ވެބްސައިޓް 'ސެކްނިލްކް'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމު މި މުހިންމު ލަނޑުދަނޑި ހާސިލުކޮށްފައިވަނީ ސިނަމާތަކުގައި ދައްކަން ފެށިތާ އެންމެ 12 ދުވަހުގެ ތެރޭގައެވެ. އެއާއެކު ދުނިޔޭގެ ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 501.80 ކްރޯޑު ރުޕީސްއަށް އަރައިފައެވެ.
މިދިޔަ އަންގާރަ ދުވަހު އެކަނިވެސް އިންޑިއާގެ މާކެޓުން މި ފިލްމަށް ނެޓް އާމްދަނީގެ ގޮތުގައި 8.50 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. މިއީ މިދިޔަ ހޯމަ ދުވަހު ލިބުނު ހަ ކްރޯޑު ރުޕީސްއާ އަޅާބަލާއިރު 41.7 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއާއެކު، އިންޑިއާގެ ޑޮމެސްޓިކް މާކެޓުން ފިލްމަށް ލިބުނު ނެޓް އާމްދަނީ 323.50 ކްރޯޑު ރުޕީސްއަށް އަރާފައިވާއިރު، ގްރޮސް އާމްދަނީ ވަނީ 387.80 ކްރޯޑު ރުޕީސްއަށް އުފުލިފައެވެ. އަދި ބޭރުގެ މާކެޓުތަކުން ފިލްމަށް ލިބުނު އާމްދަނީ ވަނީ 114 ކްރޯޑު ރުޕީސްއަށް އަރައިފައެވެ.
ފިލްމު "ދްރިޝްޔަމް 3"ގެ ޑައިރެކްޓަރު އަބިޝޭކް ޕަތަކް އަދި އެކްޓަރު އަޖޭ ދޭވްގަން--ފޮޓޯ/ވެރައިޓީ
މި ފިލްމު ފުރަތަމަ ދުވަހު ސިނަމާތަކަށް ގެނައީވެސް 62 ކްރޯޑު ރުޕީސްގެ ވަރުގަދަ އާމްދަނީއަކާއެކުގައެވެ. އަދި ފުރަތަމަ ހަފުތާ ނިމުނުއިރު 245.50 ކްރޯޑު ރުޕީސް ހޯދިއެވެ. ދެވަނަ ހަފުތާ ބަންދުގައި 14.50 ކްރޯޑު، ހޮނިހިރު ދުވަހު 26.50 ކްރޯޑު އަދި އާދީއްތަ ދުވަހު 22.50 ކްރޯޑު ރުޕީސް ހޯދައި ބޮކްސް އޮފީހުގައި ފިލްމުގެ ބާރު ދެމެހެއްޓިއެވެ.
މި ފިލްމުގައި އަޖޭ ދޭވްގަންއާ އެކު މުހިންމު ރޯލްތައް ކުޅެފައިވާ ތައްބޫ، ޝްރިޔާ ސަރަން، ރަޖަތު ކަޕޫރު، ޕްރަކާޝް ރާޖް އަދި އިޝިތާ ދައްތާ ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މީގެ އިތުރުން މި ފަހަރުގެ ފިލްމާ އަލަށް ގުޅުނު ހުނަރުވެރި އެކްޓަރު ޖައިދީޕް އަހްލާވަތު އަދި ޕްރަކާޝް ރާޖްގެ އެކްޓިންގްއަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.
ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ނަމަވެސް، ޑައިރެކްޓަރު އަބީޝެކް ޕާތަކް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މި ސިލްސިލާގެ އިތުރު ފިލްމެއް އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. މިއީ މި ފިލްމުގެ އެންމެ ފަހު ބައި ކަމަށް މުޅި ޓީމުންވެސް ޤަބޫލުކުރާ ކަމަށާއި، ’ދްރިޝްޔަމް‘ އަކީ ބޭނުންވާއިރަށް އިތުރު ބައެއް އުފެއްދޭ ޒާތުގެ ފްރެންޗައިޒެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ. މިއީ މުޅިންވެސް ވާހަކައިގެ މައްޗަށް ބިނާވެފައިވާ ފިލްމެއް ކަމަށާއި، އެ ވާހަކަ މިހާރު ފުރިހަމައަށް ނިމުމަކަށް އައިސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ހިންދީ ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދި ’ދްރިޝްޔަމް‘ އަކީ އަސްލު 2013 ވަނަ އަހަރު ޑައިރެކްޓަރު ޖީތޫ ޖޯސެފް ހަމަ އެ ނަމުގައި ލިޔެ ޑައިރެކްޓްކޮށް، މަލަޔާޅަމް ސުޕަސްޓާރު މޯހަންލާލް ލީޑް ރޯލު ކުޅުނު ފިލްމުގެ ރީމޭކެކެވެ. މަލަޔާޅަމް ސިނަމާގެ ތާރީޚުގައި 50 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ ޝަރަފުވެސް ހޯދި މި ފިލްމު ވަނީ އިންޑިއާގެ އެކި ބަސްބަހުންނާއި ބައިނަލްއަގުވާމީ ފެންވަރުގައި ޗައިނީޒް އަދި ކޮރިއަން ބަހުން ވެސް ރީމޭކްކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފައެވެ.
