ގައުމުތަކަށް ހައްޖު ކޯޓަ އިތުރުކުރާނަމަ، އިތުރުކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭނެ ކަމުގެ ޔަގީންކަން ފުރިހަމައަށް އެބައޮތްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހައްޖު ކޯޓާ އިތުރުކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކޯޓާގެ ކަންތައްތަކަކީ ސައުދީގެ ސަރުކާރުން ނިންމަވާ ކަމެއް ކަމަށެވެ.
މިނިސްޓަރު ވަނީ ކޮވިޑް 19ގެ ބަލިމަޑުކަމަށްފަހު މިދިޔަ މުއްދަތުގެ ތެރޭގައި، ސައުދީ ސަރުކާރުން އެެއްވެސް ގައުމަކަށް ކޯޓާ އިތުރުކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުގެ ފަރާތުންނާއި ވަޒީރެއްގެ ހައިސިއްޔަތުން ސައުދީގެ ކަމާގުޅުންހުރި ފަރާތްތަކުގައި، ހައްޖު ކޯޓާއަށް ދިވެހީންގެ ބޭނުން އޮތް މިންވަރު ހާމަކޮށްފައިވާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑަށް ޔަގީންކުރެވޭ ﷲ އިރާދަފުޅުން ގައުމުތަކަށް ކޯޓާއެއް އިތުރުކުރެވިގެންދާ ހިނދުގައި ރާއްޖެ އެ ލިސްޓުގައި ހިމެނޭނެ. އެއީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ދިވެހިރާއްޖެއާ ދޭތެރޭގަ ހައްޖާ އުމްރާގެ އަޅުކަމުގެ ކަންކަމުގަ ވަރަށް ގާތް ގުޅުމެއް ބަހައްޓަވަމުން ގެންދަވަނީ.އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު ވަނީ މައްކާ ރޫޓުގެ ތެރެއިން ނިމިދިޔަ ދެ އަހަރުގެ ޙައްޖަށް ދިޔަ މީހުންނަށް އެކަމުގެ ލުއިފަސޭހަ އެނގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ޖިއްދާގެ އެއާޕޯޓުގައި އެތަކެއް ގަޑިއިރަކު މަޑުކުރަންޖެހޭ ޖެހުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ލުޔެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އިސްލާމިކް މިނިސްްޓްރީ
"މާލެއިން ވަޑައިގަންނަވާ ގޮތަށް އެއާޕޯޓަށް ފައިބައި ހޮޓަލަށް އެ ވަޑައިގަންނަވަނީ، ޖިއްދާގެ އެއާޕޯޓުގަ މަޑުނުކޮށް، އެއީ ވަރަށް ބޮޑު ލުޔެއް.... ދިވެހިރާއްޖެ އޭގެތެރޭގަ ހިމެނިގެންދިއުން އެއީ ސައުދީ އަރަބިއްޔާއިން ރާއްޖެއާ ދޭތެރޭގައި ދެކޭ އަޚުވަންތަކަން ރަމްޒުކޮށްދޭ ކަމެއް." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުންވަނީ ނިންމައިފައެވެ.
މިނިސްޓްރީން ބުނީ އެ ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ޙައްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު، ޙައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމާއެކު، ޙައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ޙައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތުމުން ކަމަށެވެ.
