ރާއްޖޭގެ 11 ރަށެއްގައި އައިސްޕްލާންޓްތައް އަޅަން ފިޝަރީސް މިނިސްޓްރީން މިއަދު މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ފިޝަރީސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވަނީ، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީކުރުމަށް، މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓަން ބަހައްޓަން ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ، 50 ޓަނުގެ އައިސް ސްޓޯރޭޖާއެކު ހަދާ އައިސްޕްލާންޓްތައް ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
އެ މަޝްރޫއު ހަވާލުކޮށްފައިވަނީ، މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާއެވެ. އަދި، އެކަމާ ގުޅޭ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގެ 11 ރަށެއްގައި އައިސްޕްލާންޓްތައް އަޅަން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ
އެ މަޝްރޫއުގެ ދަށުން އައިސްޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ މ. މުލައް، ދ. ހުޅުދެލި، ހދ. ކުޅުދުއްފުށި، ގއ. ނިލަންދޫ، ގއ. ވިލިނގިލި، ށ. ކޮމަންޑޫ، ގއ. މާމެންދޫ، އއ. ރަސްދޫ، ހއ. ދިއްދޫ، ކ. ގާފަރު އަދި ގދ. ރަތަފަންދޫގައެވެ.
މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޓަކައި، ރާއްޖޭގެ ގިނަ ރަށްތަކެއްގައި އައިސްޕްލާންޓްތައް ގާއިމްކުރުމުގެ ބޮޑު މަޝްރޫއެއް ދަނީ ހިންގަމުންނެވެ. މިދިޔަ މަހު ފިޝަރީސް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ، މި ސަރުކާރުން އެހާތަނަށް ފަސް އައިސް ޕްލާންޓެއް ތަރައްގީކޮށް، އައިސް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަމާޒަކީ މި އަހަރުގެ ނިޔަލަށް އިތުރު ހަތް އައިސްޕްލާންޓެއްގެ މަސައްކަތް ނިންމުން ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.
