ސްޓެލްކޯގެ އިންޖީނުގެތަކުން އަރާ ދުމާއި ބާރުގަދަ އަޑުގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެ، އާންމުންގެ ބަޔަކު ހުށަހެޅި މައްސަލަ އިޖުރާއީ ގޮތުން ބޭރުކޮށްލަން ސްޓެލްކޯއިން އެދުނު އެދުމަށް ހައިކޯޓުން ދެކޮޅު ހަދައި، އެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިއީ ސްޓެލްކޯގެ އިންޖީނުތަކުގެ އަޑާއި ވިހަ ދުމުގެ ސަބަބުން، ސާފު އަދި ދުޅަހެޔޮ މާހައުލެއް ލިބުމުގެ ގާނޫނީ ހައްގު ގެއްލޭ ކަމަށް ބުނެ މާލޭގެ އެ ސަރަހައްދުގައި ދިރިއުޅޭ ފަސް މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބު ނުވުމުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ.
ހައިކޯޓުގައި މި މައްސަލަ ކުރިއަށްދަނިކޮށް، ސްޓެލްކޯގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ނަގައި އެދުނީ މުޅި މައްސަލަ ބާތިލުކޮށްދިނުމަށެވެ. ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި މަދަނީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން އިސްތިއުނާފު ފޯމުގައި އެދޭ ގޮތް ސާފުކޮށް ބަޔާންކުރަން ޖެހެއެވެ. އެހެންނަމަވެސް މި މައްސަލައިގައި އާންމުން ހުށަހަޅާފައިވާ ފޯމުގައި، އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތް ބަޔާންކުރާ ނުވަ ވަނަ ނަންބަރު އެއްވެސް ވަރަކަށް ނެތް ކަމަށް ބުނެ ސްޓެލްކޯއިން އެދުނީ، މައްސަލަ ބާތިލުކޮށް، ޝަރީއަތުގެ ޚާރަދާއި ވަކީލުގެ ފީ ވެސް ދައުވާކުރި އާންމުންގެ އަތުން ނަގައިދިނުމަށެވެ.
މިކަމާ ގުޅިގެން ހައިކޯޓުން ބެލިބެލުމުން އެނގުނީ، އާންމުން އެންމެ ފުރަތަމަ ހުށަހެޅި ފޯމުގައި އަދި ފަހުން އިސްލާހުކުރި އިރުވެސް އެދޭ ގޮތް ފުރިހަމައަށް ބަޔާންކޮށްފައި އޮތް ކަމެވެ. ނަމަވެސް، ފޯމުގައި އޮތް ކުޑަ ލިޔުމުގެ ކުށެއް ރަނގަޅުކުރުމަށްޓަކައި ވަކި ދެ ސަފުހާއެއް އަލުން ހުށަހެޅުމުގެ ތެރޭގައި، އިދާރީ އޮޅުމަކުން ނުވަވަނަ ނަންބަރު ހިމެނޭ ސަފުހާ އުނިވެފައިވާ ކަމެވެ.
ހައިކޯޓުގެ ނިންމުމުގައި ފާހަގަކުރެއްވި ގޮތުގައި، މި ސަފުހާ މަދުވުމުގައި އާންމުންގެ އަތުން ކުށެއް ވެފައި އޮތް ނަމަވެސް، އެކަން ދެނެނުގަނެވި ފޯމު ބަލައިގަތުމުގައި ހައިކޯޓުގެ އިދާރީ އިހުމާލެއް ވެސް އެބައޮތެވެ. އެހެންކަމުން، މިފަދަ އިދާރީ އުނިކަމެއްގެ ސަބަބުން އަލުން ހުށަނޭޅޭ ގޮތަށް މައްސަލަ ބޭރުކޮށްލުމަކީ އިންސާފު ގެއްލިގެންދާނެ ކަމެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން ނިންމެވީ، މިއީ މި މަރުހަލާގައި ވެސް އިސްލާހު ކުރެވިދާނެ އިޖުރާއީ އުނިކަމަކަށް ވާތީ، ސްޓެލްކޯގެ އެދުމާ އެއްގޮތަށް މައްސަލަ ބޭރުކޮށްނުލެވޭނެ ކަމަށެވެ. އަދި އާންމުން އެންމެ ފުރަތަމަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ "އެދޭ ގޮތް" ބަލައިގަނެ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުލް މާނިއު ހުސައިން، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.
