ފަނަރަ އަހަރުން ދަށުގެ ވޯލްޑް ކަޕަކީ ރާއްޖޭގެ ގައުމީ ޓީމަށް ނަގާފައިތިބި ގިނަ ކުޅުންތެރިންގެ ފުރަތަމަ ބައިނަލްއަޤްވާމީ ތަޖުރިބާ ކަމަށާއި، މުބާރާތުގެ ތެރެއިން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ލިބުމަކީ އެކުޅުންތެރިންގެ މުސްތަގުބަލަށް ކުރާނެ ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް، 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު، އަޙުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފިއެވެ.
ގައުމީ ޓީމާއެކު، މުބާރާތަށް އަޒަރުބައިޖާނަށް ފުރުމުގެ ކުރިން ބޭއްވި އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން "ސަން" އާ ވާހަކަދައްކަމުން ޝާކިއްޓޭ ފާހަގަކުރި ގޮތުގައި ވޯލްޑް ކަޕަށް ސްކޮޑު ނަގާފައިވަނީ 15 އަހަރުން ދަށުގެ އިތުރުން 17 އަހަރުން ދަށަށްވެސް ހުޅުވާލައިގެން ސިލެކްޝަނަށް ދިޔަ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. އެގޮތުން އެންމެ ކުޅުންތެރިއެއް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންނަކީވެސް 2011 ވަނަ އަހަރު އުފަންވި ކުޅުންތެރިން ކަމަށާއި 2012 ވަނަ އަހަރު އުފަންވި އެއް ކުޅުންތެރިއެއް ޓީމުގައި ހިމެނޭނެކަމަށް ޝާކިއްޓޭ ބުންޏެވެ.
މި މުބާރާތުގައި ފްރާންސް ފަދަ ގައުމުތަކާ ރާއްޖޭން ކުޅޭއިރު، ރާއްޖެއަށްވުރެ އެތައް ލެވެލްއެއް ރަނގަޅު ޓީމުތަކާއެކު ކުޅެލަން ލިބުމަކީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ރަނގަޅު ތަޖުރިބާއެއްކަން ޝާކިއްޓޭ ފާހަގަކުރިއެވެ. ވަކިން ހާއްސަކޮށް މިއީ، ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއްގެ ފުރަތަމަ ބައިނަލްއަޤުވާމީ މުބާރާތްކަމުން މި މުބާރާތަކީ މި ކުޅުންތެރިންގެ މުސްތަގުބަލަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ މުބާރާތެއް ކަމަށާއި މިއީ މި ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަމަށް ޝާކިއްޓޭ ބުންޏެވެ.
"މި މުބާރާތަކީ ތި ފާހަގަކުރިހެން ވަރަށް ނުލިބޭ ފުރުސަތެއް، މިކަހަލަ ފުރުސަތަކީ. ހާއްސަކޮށް ގޮއްސަ، އަޅުގަނޑުމެންގެ ލެވެލްއެއް ނޫން، ޔޫރަޕުގަ މިއުޅޭ ޓީމުތަކާ އެއްކޮށް ކުޅެލަން ލިބުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް މިކުޅުންތެރިންނަށް ލިބޭ. ދެން މީގެ ތެރޭ މިތިބި ކުޅުންތެރިންނަކީ އިންޓަނޭޝަލް އަދި އަކަށް މުބާރާތަކަށް މިކުޅުންތެރިން މި ދަނީ. ދާއިރު މިކަހަލަ ވަރުގަދަ ޓީމުތަކާ އެއްކޮށް ކުޅެން ލިބުމަކީ މި ކުޅުންތެރިންގެ މުސްތަގުބަލަށް އޭގެން ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމެއް" ޝާކިއްޓޭ ބުންޏެވެ.
މިއަދު ފަށާ މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ އަންގުއިލާ، އެސްޓޯނިއާ، ފްރާންސް، ކޮސޯވޯ އަދި ސައުތު އެފްރިކާ އާއެކު ގުރޫޕް އޭ ގައެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށެވެ.
