ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދި ބިރުވެރި ޑްރާމާ ފިލްމު "އޮބްސެޝަން"ގެ އަންކަޓް ވާޝަން މި މަހުގެ 30 ވަނަ ދުވަހު ޖިއޯހޮޓްސްޓާ މެދުވެރިކޮށް ޕްރިމިއާ ކުރުމަށް ނިންމައިފިއެވެ.
އެ ސްޓްރީމިން ޕްލެޓްފޯމުން އިއްޔެ ހާމަކުރި ގޮތުގައި މި ފިލްމު އިނގިރޭސި އަދި ހިންދީ ބަހުން ވެސް ބެލުންތެރިންނަށް ބަލާލެވޭނެއެވެ.
މި އަހަރުގެ މެއި މަހުގެ 29ގައި އިންޑިއާގެ ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ މިއުޒިކް ފިހާރައެއްގައި މަސައްކަތްކުރާ ޒުވާނެއްގެ މައްޗަށެވެ. މައިކަލް ޖޯންސްޓަން ކުޅެފައިވާ މި ކެރެކްޓާއަށް ކުޑައިރުގެ ލޯބި ހޯދުމަށްޓަކައި ޣައިބީ ބާރުތަކެއް ލިބި އޭނާ އެދުނު އެދުން ހަގީގަތަކަށް ވުމާއެކު، މުޅި މާޙައުލު ބިރުވެރި އަނދިރިގަނޑެއްގެ ތެރެއަށް ވެއްޓި، ނުރައްކާތެރި ހާދިސާތަކެއް ހިނގަން ފަށައެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ކޫޕާ ޓޮމްލިންސަން، މޭގަން ލޯލަސް އަދި އެންޑީ ރިކްޓާ ވެސް ފެނިގެންދެއެވެ.
ފިލްމު "އޮބްސެޝަން"ގެ ލީޑް ތަރިން-- ފޮޓޯ/ ފޭސްބުކް
ޖުމްލަ 750،000 އެމެރިކާ ޑޮލަރުގެ ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބި، މިހާތަނަށް މުޅި ދުނިޔެއިން ވަނީ 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އާދައިގެ ކުޑަ ބަޖެޓެއްގެ ތެރެއިން މޮޅު ވިޝުއަލް އިފެކްޓްސްތަކާއި ޖަޒުބާތީ އަދި ނާމާން މާހައުލެއް ސްކްރީނަށް ގެނައުމުގައި ޑައިރެކްޓަރު ދެއްކި ހުނަރުވެރިކަމަށް ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ވަކިން ޚާއްސަކޮށް، ޒުވާނުންގެ މެދުގައި އޮންނަ ލޯތްބާއި އެދުންވެރިކަން ބިރުވެރި ސައިކޮލޮޖިކަލް ހާލަތަކަށް ބަދަލުވެގެންދާ ގޮތް ގެނެސްދީފައިވާ ފުރިހަމަކަމަކީ މި ފިލްމު ބެލުންތެރިންގެ މެދުގައި އެހާ ބޮޑަށް މަގުބޫލުވެގެން ދިޔަ މައިގަނޑު ސަބަބެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ މަދު ވަސީލަތްތަކަކާއެކު ވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ސިނަމެޓިކް ތަޖުރިބާއެއް ބެލުންތެރިންނަށް ފޯރުކޮށްދީ، މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ބިރުވެރި ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދައިފައެވެ.
