އައިޖީސީއެސްއީ އިނގިރޭސި އަޑުއެހުމުގެ ދޭހަ އިމްތިހާނު ކުރިއަށްދާނެތީ، މާލެ ސެކަންޑްރީ ސުކޫލުތައް ހިމެނޭ މަގުތައް އެއް ގަޑިއިރާއި 15 މިނެޓަށް ބަންދުކުރުމަށް ފުލުހުން މިއަދު ނިންމައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، އާންމު ދަތުރުފަތުރަށް ސުކޫލުތައް ހިމެނޭ މަގުތައް ބަންދުކުރަނީ މާދަމާ ހެނދުނު 09:15 އިން ފެށިގެން 10:30އާ ހަމައަށެވެ.
އިމްތިހާނު ކުރިއަށްދާ ވަގުތު، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާއި އެ ސަރަހައްދު ބޭނުންކުރާ މީހުން، އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަ އަދި ދަރިވަރުންނަށް ދަތިވާނެ އެންމެހައި ކަންކަމުން ދުރުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ފުލުހުން ވަނީ، މި ފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އެ ޚިދުމަތަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް، ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން ވެސް އައިޖީސީއެސްއީ އިނގިރޭސި އިމްތިހާނު ހަދާތީ ސުކޫލުތައް ހިމެނޭ ސަރަހައްދުތައް ބަންދުކުރެއެވެ.
މި އަހަރުގެ އޯލެވެލް އަދި، އައިޖީސީއެސްސީ އިމްތިހާނުގައި އަށް ހާހަށް ވުރެ ގިނަ ދަރިވަރުންނާއެކު އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު 8,111 ދަރިވަރުން ބައިވެރިވެފައިވާއިރު، އިމްތިހާނުތައް ފެށީ މިދިޔަ ސެޕްޓެމްބަރު 20ގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، އިމްތިހާނުގެ ކަންކަން ކުރިއަށް ދާނީ މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި 3,222 ދަރިވަރުންނާއެކުއެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގެ 242 ސެންޓަރެއްގައި 2,869 ދަރިވަރުން އިމްތިހާނު ހަދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
